Thursday, 18 April 2024

ފްލެޓާއި ގޯތީގެ 70 އިންސައްތަ ދުނިޔެއަކު ނެތް، އެ ގޯތިތަކާއި ފްލެޓްތައް ހޯދައިދޭނަން: މުއިއްޒު

މި ސަރުކާރުން މިހާރު އިޢުލާން ކޮށްފައިވާ ފްލެޓާއި ގޯތި ލިބޭ ފަރާތްތަކަށް އެތަންތަން ލިބުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މުއިއްޒުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ހިދުމަތަކީ ބޯހިޔާވެހިކަން ކަމަށާއި، މުޖްތަމައުގެ ތެރެއިން ފެންނަ ހުރިހާ އިޖްތިމާއީ މައްސަލަތަކެއް ވެސް ގުޅިފައިވަނީ ބޯހިޔާވެހިކަމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގެ މޮޓޯއަކަށް ވާނީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށް ބުނާ ސަރުކާރަކަށް ކަމަށާއި، އެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު، ގެދޮރުވެރިކަން ނުލިބޭ ރައްޔިތެއް ނުހުންނާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެ ފްލެޓާއި ގޯތީގެ 70 އިންސައްތަ ދުނިޔެއަކު ނެތް ކަމަށާއި މި ސަރުކާރަކީ ޒިންމާދާރުކަން ކުޑަ ދޯހަޅި ސަރުކާރެއްކަމަށެވެ.

"ސަރުކާރަކުން ކޮންމެ ގޮތަކުން ވެސް ވަނީ ރައްޔިތުން އެންމެ މުހިންމު ކަންތައްތަކުގައި އުންމީދެއް ދީފައި. އަޅުގަނޑު ވިސްނުމަކީ ސަރުކާރުން ރައްޔިތަކަށް ދީފިއެއްޗެއް އަތުލައިގެން ނުވާނެއޭ. ގޯތި ވިޔަސް ފްލެޓް ވިޔަސް ދީފި އެއްޗެއް އަތުލުމަކީ އިންސާފަކަށް ނުވާނެ. އަޅުގަނޑުމެން ކުރާނީ އެ ގޯއްޗާއި ފްލެޓް ހޯދައިދޭނެ މަގު ފަހިކޮށްދިނުގެ މަސައްކަތް."

މުއިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލަ ތާއަނބަދަށް ހައްލުކޮށްދެއްވާނެ ކަމަށާއި އެކަން ކުރާނީ ކަންކުރުމުގެ ވައްޓަފާޅިއާއިއެކު ޔާމީންގެ ކިބައިން ދަސްވި ގޮތަށް ކަމަށް ވިދާޅުވަމުން،  މިހާރު ބައެއް ފެލޭތައް އެކުލަވާލާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ޕްލޭންގައިވާ ގޮތުން ފުށުދިއްގަރު ފަޅުން އެކަނި ވެސް 16 އަކަފޫޓްގެ 1100 ގޯތި ނެގެން އޮތްއިރު، 1400 އަކަފޫޓްގެ 20،000 އަށްވުރެ ގިނަ ފްލެޓް އެޅެން އެބައޮތް ކަމަށެވެ. މީގެއިތުރުން، މުއިއްޒު ވިދާޅުވީ، ގުޅީފަޅުން 5000 އަށްވުރެ ގިނަ ގޯތި، 15000 އަށްވުރެ ގިނަ ފްލެޓް އެޅެން އެބައޮތް ކަމަށާއި، އަދި ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް މަސައްކަތް ހަވާލުކޮށްފިނަމަ ޙަޤީޤީ މާނައިގައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *