އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް ބޭނުންކުރެވޭގޮތް ހަދައިފިއެވެ.
މިކަމާގުޅިގެން އުރީދޫއިން ވިދާޅުވެފައިވަނީ، ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ޚިދުމަތްތަކަށް އެދޭއިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެންދިއުމަކީ ޙިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އީފާސް އިންޓަގްރޭޓް ކުރުމަކީ އުރީދޫ މޯލްޑިވްސްގެ އަގުހުރި ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުރީދޫއިން ވިދާޅުވެއެވެ.
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީ އާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކިއެކި ޚިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެއެވެ.
އުރީދޫގެ ހިދުމަތްތަކަށް އީފާސް ބޭނުންކުރަން ފެށުމާ ގުޅިގެން، އީފާސް އިންޓެގްރޭޝަން، އުރީދޫގެ ޕްލެޓްފޯމްތަކަށް ތައާރަފްކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، މި ޕާޓްނަރޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެއް ކަމަށް އުރީދޫއިން ދެކެއެވެ.
ފުރަތަމަ މަރުހަލާގައި، ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމްއަކަށް ބަދަލު ކުރުމުގައި ކަސްޓަމަރ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގިން ކޮށް ޚިދުމަތަށް އެދެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކޮށްގެން ކަސްޓަމަރުންނަށް އުރީދޫގެ ހުރިހާ ޙިދުމަތަކަށްވެސް އެދެވޭނެއެވެ.