ތިމާގެ ދަރިންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ގުރްއާނާއި، މާތް ނަބިއްޔާ ﷺގެ ސުންނަތަށް އަމަލުކުރަން ދަސްކޮށްދީ، ފަރުޟު ފަސް ނަމާދު އަދާކުރާ ބަޔަކަށް އެކުދިން ހެދުމަށް، މިއަދުގެ ހުކުުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ތައުލީމާއި ތަރުބިއްޔަތުގެ މާތްކަން" މި މަޢުޟޫއުގެ މައްޗަށް ހާއްސަކޮށް، ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ، ތިމާގެ ދަރިންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ގުރްއާނާއި، މާތް ނަބިއްޔާ ﷺގެ ސުންނަތަށް އަމަލުކުރަން ދަސްކޮށްދިނުމަށް ގޮވާލައްވާފައެވެ.
"ތިމާގެ ދަރިންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ގުރްއާނާއި، މާތް ނަބިއްޔާ ﷺގެ ސުންނަތަށް އަމަލުކުރަން ދަސްކޮށްދޭށެވެ. ފަރުޟު ފަސް ނަމާދު އަދާކުރާ ބަޔަކަށް އެކުދިން ހަދާށެވެ. އެކުދީންނަކީ، ރިވެތިވެގެންވާ އިސްލާމީ އަހްލާގުގެ މިންގަނޑުގައި ހިފަހައްޓާ ބަޔަކަށް ހަދާދޭށެވެ. ކުޑަކުދީންނަށް އޯގާތެރިވެ މައިންބަފައިނާއި، ބޮޑެތި މީހުންނަށް އިހްތިރާމްކުރަން ދަސްކޮށްދޭށެވެ"
ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
އަދި ކީރިތި ރަސޫލާ ﷺ އިސްލާމީ މުޖްތަމައުގައި ތައުލީމު ފެތުރުއްވުމަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވިކަން ފާގަކޮށް ހުތުބާގައި ބުނީ، އެކަލޭގެފާނު އެކަމުގައި ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްފުޅުން، ހޭލުންތެރި، އިލްމުވެރި، އުފެއްދުންތެރި އުއްމަތެއް ބިނާވިކުރެއްވި ކަމަށެވެ.
"އިސްލާމީ މުޖްތަމައުގައި ތައުލީމު ފެތުރުއްވުމަށް މާތް ނަބިއްޔާ ހާއްސަ އަހައްމިއްޔަތެއް ދެއްވިއެވެ. ޚުދު އެކަލޭގެފާނު އެކަމުގައި ބައިވެރިވެވަޑައިގަތެވެ. ނަތީޖާއަކަށްވީ، ހޭލުންތެރި، ޢިލްމުވެރި، އުފެއްދުންތެރި އުންމަތެއް ބިނާވުމެވެ. މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ ﷺ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ހާލަތާ ފައިހަމަވާގޮތަށް މީހުން ބިނާކުރާ އުފެއްދުންތެރި އުންމަތަކަށް އިސްލާމީ އުންމަތް ވުމެވެ".
ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
މުދައްރިސުންނަކީ، ދުނިޔެއާއި އާހިރަތުގެ މަގަށް އަލިކޮށްދޭ ވޮށްތަކެއްކަން ފާހަގަކޮށް ހުތުބާގައިބުނީ، ކުދިން ތަރުބިއްޔަތުކުރުމުގެ ބުރަ މައްސޫލިއްޔަތާއި ހަވާލުވެ މުދައްރިސުން ކުރާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.
އަދި އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ފައިދާހުރި ބަޔަކަށް ހެދުމަށްޓަކައި، މުދައްރިސުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށް ހުތުބާގައި ވަނީ، ދަރިވަރުން ނަމޫނާއަކަށް ބަލާނީ މުދައްރިސުންކަން ހަނދާން ބަހައްޓަން ގޮވާލާފައެވެ.
ހުތުބާގައި ވަނީ ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމަށްޓަކައި، މައިންބަފައިން އަދާކުރާ ދައުރުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން، ދަރިންނަކީ މާތްﷲ ހަވާލުކުރައްވާ ބޮޑު އަމާނާތެއް ކަމަށާއި، އެކުދިން ރަނގަޅުގޮތުގައި ބަލައި، ބޮޑުކުރެވިއްޖެނަމަ، އެކުދިންގެ ހެޔޮދުޢާގެ މަންފާ މައިންބަފައިނަށް ކުރާނެކަމަށް ޚުޠުބާގައި ބުނެއެވެ.
ހަމައެހެންމެ، ހުތުބާގައި ވަނީ، މަދަރުސާއަކީ ދަރިންގެ ދެވަނަ ހިޔާވަހިކަން ވެސް ފާހަގަކޮށްފައެވެ. އެގޮތުން، ކުދިންގެ ހިތުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް، އިސްލާމީ އުސޫލުތައް ބިނާކުރާނީ މަދަރުސާއިން ކަމަށާއި، މަދަރުސާއިން އެ ދައުރު ފުރިހަމައަށް އަދާކޮށްފިނަމަ، މުޅި އުންމަތުގެ މުސްތަގުބަލް އުޖާލާވެ، އަމާންވާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.