Friday, 11 October 2024

ޓީ20 ޕްރެޒިޑެންޓްސް ކަޕްގައި މާލޭ ވެޓެރަންސް ބަލިކޮށް ޗެމްޕިއަންކަން މިލާން ހޯދައިފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ "ޓީ20 ޕްރެޒިޑެންޓް ކަޕު"ގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ.

ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން މިލާނުން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި، މޮޅަށް ކުޅެ، މާލޭ ވެޓެރަންސް އަތުން 8 ވިކެޓުން މޮޅުވެގެންނެވެ.

މި މެޗުގެ ގުރުދިމާވީ މިލާންއަށް ކަމުން އެ ޓީމުން ނިންމީ ހޮވުމަށެވެ.  މާލޭ ވެޓެރަންސް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ނިމުނުއިރު، 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފިޔާލެވެ. އޭނާ  40 ބޯޅައިން 43 ލަނޑު ހެދި ޗަންދަނާ އާއި 26 ބޯޅައިން 24 ލަނޑު އެއްކުރިއެވެ. މީގެއިތުރުން މި އިންނިންގްސްގައި މިލާނުގެ އަޙްމަދު އަމީލް ވަނީ ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި މިލާން ކުޅެން އަރައި ވަނީ 18 ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައި މެޗު ކާމިޔާބު ކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ނުބައިނުވެ 48 ބޯޅައިން 58 ލަނޑު ހެދި ޔޫސުފް އަޒިޔާން އާއި 27 ބޯޅައިން 39 ލަނޑު އެއްކުރި ވިރަންދީޕް ސިންގް ކަން ފާހަގަކޮށްލެވެއެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫސުފް އަޒިޔާނެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި، ވަނަވަނައަށް އައި ފަރާތްތަކަށް އިނާމުދެއްވީ ކުރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލާއި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ހަސަން ހަބީބެވެ.

އިއްޔެ، ޓީ20 ޕްރެޒިޑެންޓް ކަޕުގެ ޗެމްޕިއަންކަން މިލާނުން ހޯދިއިރު، އެ ޓީމުން ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު