މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖޭގެ މަސްވެރިންގެ ޖީބަށް ލާރި އަޅާއަޅާ ފުރާލައްވާނެ ކަމަށް، އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަޢުދުވެވަޑައިގެންފިއެވެ.
އަދި އޭނާގެ ސަރުކާރުގައި މަހުގެ އަގަކީ 22ރ. ކަމަށް ހަމަޖައްސާދެއްވާނެ ކަމަށާއި، މިޔަރު މަސްވެރިކަމާއި ލޭނު މަސްވެރިކަން ވެސް ހުޅުވާލައި ނަފާ ހޯދައިދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑުމެންގެ ސަރުކާރުތަކުން ދުނިޔޭގަ ހަމަ ދައްކާހާ މުއާހަދާއެއްގެ ސޮއިކުރުމެއް ނެތޭ އަޅުގަނޑުމެންނަކަށެއް، މިޔަރު މަސްވެރިކަމާއި ލޭނު މަސްވެރިކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުޅުވާލާ ތިބޭފުޅުންނަށް މިޔަރު މަސްވެރިކަން ލިބޭ ނަފާ ހޯދައިދޭނެ ކަމަށް".
ނާޒިމު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މިކަން ކުރަން ވިސްނާފައި އޮތީ ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްވެސް މިޔަރު މަސްވެރިކަމަށް ހުޅުވާލާނެ ކަމަށެވެ.
ހަމައެކަނި ދޮށީ މަސްވެރިކަން ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި، މަސްވެރިކަމަކީ ޒަމާނާއި އެއްގޮތަށް ކުރަން ޖެހޭ ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް އީޔޫއިން ލިބޭ، ޑިއުޓީ ފްރީ ވިސްނުމެއްގެ ތެރޭގައި ތާއަބަދަބު ތިބޭކަށް ނެތޭ މަސްވެރިން، އަޅުގަނޑުމެންނާއެކު ތިއްބަވާ، އިރާދަކުރެއްވިއްޔާ މަސްވެރިންގެ ޖީބަށް ލާރި އަޅާއަޅާ ފުރާލާނެ ވާހަކަ ދަންނަވަން"
ނާޒިމް ވިދާޅުވިއެވެ.