ޑރ. ޝަހީމް ސިޔާސީ މައިދާނާ ފެޔަށް ޖެހިވަޑައިގަތީތަ؟

ދިވެހި ރާއްޖެއާއި ޕާކިސްތާނާއި މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއިން އިން ތަޢުލީމް ޙާޞިލުކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ޙާޞިލުކުރައްވައި، ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ޙާޞިލްކުރައްވައިގެން ހުންނެވި ޢިލްމީ ޤާބިލު ބޭފުޅެކެވެ.

ޑރ. ޝަހީމް އަދާކުރައްވާފައިވާ، މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާގެ ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ގަވަރުނަރުކަމާއި، އެބޭންކުން ރާއްޖެއަށް ކަނޑައަޅާފައިހުންނަ ގަވަރުނަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ މަޖްލީހުގެ މެމްބަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަހީމްއަކީ ދީނީ ތަޢުލީމުގެ އިތުރުން ސިޔާސީ މަދްރަސާއިން ދަރިވަރުވެވަޑައިގެން ހުންނެވި، ކުޅަދާނަ ބަސްމޮށުންތެރިއެކެވެ. ހަރުދަނާ ޝަޚްސިއްޔަތެކެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނު ފަހުން، އެ ޔުނިވަރސިޓީއަށް ފެންދީ ބަލަހައްޓަވައި އެ ޔުނިވަރސިޓީއަށް މިއަދު އައިސްފައިވާ ކުރިއެރުމާއި އާރޯ ކަން ލިބިފައިވަނީ، ޗާންސެލަރގެ މަޤާމުގައި ހުންނަވައިގެން، އެ މަނިކުފާނުގެ މޭސްތިރި ކަމުގެ ދަށުގައި އަދާކުރެއްވި މުހިއްމު ދައުރުގެ ސަބަބުންކަން ޔަޤީނެވެ. އޭގެ ކުރިން، ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު އުފެއްދެވުމާ ގުޅިގެން ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ އަރިހުގައި، ޑރ. މަޖީދުގެ މުއްސަނދި ވިސްނުންފުޅާ ޢިލްމީ ޤާބިލު ލީޑަރޝިޕްގެ ދަށުން، ޑރ. ޝަހީމް އަދާ ކުރެއްވި އިސް ދައުރުގެ ސަބަބުން، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް އައި ހަލުވި ތަރައްޤީއާއި ކުރިއެރުން ވަޒަން ކުރެވެއެވެ. މިއީ އެމަނިކުފާނުގެ ޢިލްމީ ޙަޔާތުގެ ދަތުރުން ޙާޞިލުކޮށްދެއްވި ކާމިޔާބީގެ ކޯވަރެކެވެ.

މީގެ އިތުރުން، ޑރ. ޝަހީމް ވެވަޑައިގެންފައިވަނީ، މިވީ ތަނަށް އުފެދުނު އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރ ކަމުގައެވެ. އިސްލާމިކް މިނިސްޓްރީގެ ސޯބުތައް އެންމެ ހަލުވިކޮށް ހިނގާފައިވަނީ އެމަނިކުފާނުގެ ވަޒީރުކަމުގެ ރަން ޒަމާނުގައެވެ. އެކަން މިއަދުވެސް އެހެރީ ފެންނާށެވެ. އިސްލާމިކް މިނިސްޓްރީގައި މިހާރުވެސް ހިނގަމުންދާ ގިނަ ކަންކަމަކީ އެމަނިކުފާނުގެ ލިޑަރޝިޕްގެ ދަށުން ގެންނަވާފައި ކަންކަން ކަމުގައި ޤަބޫލުކުރެވެއެވެ. ޙައްޖު ކޯޕަރޭޝަން އުފެއްދެވުމާއި ޒަކާތު ނިޒާމު ހަރުދަނާ ކުރެއްވުމާއި އަދި މިނޫންވެސް މުހިއްމު މަސައްކަތްތަކަކީ، އެ މަނިކުފާނުގެ ސިޔާސީ ޙަޔާތުގައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ.

ޑރ. ޝަހީމްގެ ސިޔާސީ ހުނަރާއި ޤާބިލުކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. 2018 ވަަނަ އަހަރު އޭރު ސަރުކާރު ހިންގަވަމުން ގެންދެވި، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންގ މޭޓަކަށްވުމުުގެ ފުރުޞަތު ތަނަސްވެވެގެން ދިޔުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. އެ އިންތިޚާބު ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް، ޑރ. ޝަހީމަށް ސިޔާސީ ގޮތުން އޮހެމުން ދިޔަ ތާޢީދަށް ފަނޑުކަމެއް އައި ކަމަކަށް ނުބެލެވެއެވެ.

މިހާރު ކުރިމަތިލައިގެން މިއުޅެނީ ރިޔާސީ އިންތިޚާބުގެ އޮައިވަރާއެވެ. މިދިޔަ ދުވަސްތަކުގައި ޕީޕީއެމް ނުވަތަ ޕީއެންސީގެ ތެރޭގައި ޑރ. ޝަހީމް ހަރަކާތްތެރިވެވަޑައިގެންނެވި މަންޒަރު ފެނިގެން ގޮސްފައިވެއެވެ. ރިޔާސީ ކެންޑިޑޭޓަކަށް ނުވަތަ ރަނިން މޭޓަކަށް ވުމުގެ ފުރުޞަތު އޮތް މީހުންގެ ލިސްޓްގައި ގިނަ ބަޔަކު ޖަހައިގެން އުޅުނު އެއް ނަންފުޅަކީ ޑރ. ޝަހީމްގެ ނަންފުޅެވެ. ނަމަވެސް ރިޔާސީ ޓިކެޓްގެ ކަންކަން ނިމުނު އިރު ޑރ. ޝަހީމް ހުންނެވީ ތަންކޮޅެއް ފޭގައެވެ. އަދި ޕީޕީއެމްގެ ޙަރަކާތްތަކުގައި އޭގެ ފަހުން ބައިވެރިވެވަޑައިގަންނަވާ މަންޒަރެއް ފެނިގެނެއް ނުދެއެވެ. ހަމައެހެންމެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒުއަށް މަރުޙަބާ ވިދާޅުވި މަންޒަރެއްވެސް ފެނިގެނެއް ނުދެއެވެ. ފަހަރެއްގައި، ރިޔާސީ ޓިކެޓް ޙަވާލުކުރުމުގެ ކަންކަން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް ޤަބޫލުފުޅު ކުރެއްވިގެން ހަނު ހުންނެވީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ރިޔާސީ ޓިކެޓް ލިބިވަޑައި ނުގަތުމުން އެއް ކިބާވެވަޑައިގަތީ ކަމަށްވެސް ވެދާނެއެވެ. އެހެނީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް ޖަހައިގެން އުޅުނު ލިސްޓުގެ އެންމެ ކުރީގައި އޮތް ޑރ. ވަހީދު ދާދި ފަހުން ޕީޕީއެމްއިން ވަކިވެވަޑައިގަތުމާއި ހިނގާ ދިޔަ ކަންކަމާ ގުޅޭ ފަދަ ކަމެއް ވުންވެސް އެކަށީގެންވެއެވެ.

ރައީސް ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންނެވީ، އެމަނިކުފާނުގެ ތަޖުރިބާއާއި، ތައުލީމާއި ޤާބިލްކަމުގެ ބޭނުން، އޭގެ އެންމެ ރަނގަޅަށް ހިފޭނެ ތަނެއްގައި މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް، އަމިއްލަ ނަފްސަށް ޤާބޫލުފުޅުކުރެއްވޭތީ ކަމަށް ވިދާޅުވެއެވެ. އެހެންކަމުން، އެފަދަ މާހައުލެއް ޕީޕީއެމުގައި މިހާރު ނެތްކަމަށް ޑރ. ވަހީދު ގަބޫލުފުޅުކުރައްވާ ކަމަށް ބެލެވެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި، ވޭތުވެދިޔަ 5 އަހަރު ޕީޕީއެމްގެ ހަރަކާތްތަކަށް ޑރ. ވަޙީދު ވަރަށް ބޮޑެތި ޚަރަދުތަކެއް ވެސް ކުރައްވާފައިވެއެވެ.

ބެލެވޭ ގޮތުގައި ޑރ، ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގެންނެވީ، ރައީސް ޔާމީނަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމާ ގުޅިގެން، އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭތީ، ޕްރޮގްރެސިވް ކޯލިޝަނުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ. އެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، އެ ކޯލިޝަންގެ އައު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއަށް، ޕީޕީއެމުން ތާޢީދު ނުކުރައްވައި، އިންތިޚާބު ބޮއިކޮޓްކުރައްވަންވެސް ރައީސް ޔާމީން ނިންމެވިއެވެ. އެކަމަކު، ރައީސް ޔާމީންގެ ނިންމެވުމަށް ދެކޮޅު ހައްދަވައި، ޕީޕީއެމްގެ ސެނެޓުން ފަހުން ވަނީ ޑރ. މުއިއްޒުއަށް ޕީޕީއެމުން ތާއީދުކުރަން ނިންމާފައެވެ. އަދި ޑޜ. ވަހީދަށް ޕީޕީއެމްގެ ޓިކެޓް ލިބޭނެ ކަމަށް ގިނަ ބަޔަކު ކިޔަކިޔާ ތިއްބާ އެމަނިކުފާނަށް އެފުރުޞަތު ގެއްލުނީއެވެ.

އިސްވެ ދެންނެވިފައިވާ ކަންކަމަށް ބަލާއިރު، ޑރ. ޝަހީމް މިހާރު ހުންނެވި ފަޅި ނުވަތަ ވިސްނުން ތިލައެއް ނުވެއެވެ. ދާދީ ފަހުން، ޑރ. ޝަހީމް އަދާލަތު ޕާޓީގެ އިސްވެރިންނާއެކު ބައްދަލުކުރެއްވި ކަމުގެ ޚަބަރުތަކެއް އިވިގެން ދިޔައެވެ. އަދި އަދާލަތު ޕާޓީއާ ގުޅިވަޑައިގެން ރައީސް ޞާލިޙަށް ތާޢީދު ކުރައްވަން އުޅުއްވާކަމުގެ އަޑުތައްވެސް ގުގުމާން ފެށިއެވެ. ނަމަވެސް އެކަމެއްވެސް އަދި ނުހިނގައެވެ.

"ސިޔާސީ މުސްތަޤުބަލާމެދު އަޅުގަނޑުގެ ނިންމުން މާދަމާ އިޢުލާންކުރާނެ ވާހަކަ ދަންނަވަން." މިއީ އޯގަސްޓު 5 ވަނަ ދުވަހު ކުރެއްވި ޑރ. ޝަހީމް ކުރެއްވި ޓްވީޓެކެވެ.

އޭގެ ފަހުން އެއްވެސް ޓްވިޓެއް ނުކުރައްވައި ހުންނެވުމަށްފަހު، އޯގަސްޓް 9 ވަނަ ދުވަހު ޑރ. ޝަހީމް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ، "ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމު ފަތުރައި އިސްލާމީ ޙަޟާރަތު ދިރުވައި ކުރިއަރުވައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ޤައުމީ އަދި އުންމަތުގެ މަތިވެރި ޚިދުމަތުގައި އަބަދުވެސް ދެމި ހުންނާނަން. އިންޝާ ﷲ." މިހެންނެވެ.

އެމަނިކުފާނު އެދެއްވި މެސެޖު އަދި މުޅިން ސާފު ނުވި ނަމަވެސް، އެނގޭ ކަމަކީ، ސިޔާސީ މުސްތަޤްބަލާ މެދު ގޮތެއް ނިންމާވާނެ ކަމަށް ވިދާޅުވެ، ދެން އޭގެ ފަހުން ދެއްވި ބަޔާނުގައި އެވަނީ ސިޔާސީ ވާހަކައެއް ނޫނެވެ. މުޅިން އިޖްތިމާ ވާހަކައެކެވެ. އިސްލާމީ ޝަޚްސިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ވާހަކައެވެ.

އަޅުގަނޑުގެ ނަޒަރުގައި، އެމަނިކުފާނު އެ ނިންމެވީ މިވަގުތަށް ސިޔާސީ މައިދާނާ ފެޔަށް ޖެހިވަޑައިގަންނަވާށެވެ. އެ ނިންމުމަކ، މިދަނޑުވަޅުގައި އެމަނިކުފާނަށް ވެސް އަދި ޤައުމަށްޓަކައިވެސް ނިންމޭނެ އެންމެ މުހިއްމު ނިންމުން ކަމުގައި ބެލެވެއެވެ. އެހެނީ އެމަނިކުފާނުގެ ޢިލްމީ ޚަޒާނާއިން އެތައް މުއްސަނދިކަމެއް ޤައުމަށް އެބަ ބޭނުންވެއެވެ. ތެދެކެވެ. އެ މަނިކުފާނުގެ ސިޔާސީ މަސައްކަތްތައްވެސް ޤައުމަށް އެހާމެ މުހިއްމެވެ. އެހެނަސް، އެމަނިކުފާނަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ފުުރުޞަތު ތަނަވަސްވެގެން ނުދިއުމުން، އެންމެ ރަނގަޅު ފާލަކަށް ވާނީ އިޖްތިމާޢީ ޚިދުމަތުގައި ކުރިއަށް ވަޑައިގަތުމެވެ. ދީނީ ރޮނގުން ޚިދުމަތް ކުރެއްވުމުގައި ކުރިއަށް ވަޑައިގަތުމެވެ. މުސްތަޤްބަލުގައި އަނެއްކާވެސް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް ވަޑައިގެން އެތަން ކޮޅަށް ޖެއްސެވުމެވެ. ޢިލްމީ މުއައްސަސާތައް ކޮޅަށް ޖެއްސުމެވެ. ނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ޑރ. ޝަހީމް ފެނިގެން ދިއުމަކީ އެމަނިކުފާނަށް ތާޢީދުކުރައްވާ ވަަރަށް ގިނަ ބައެއްގެ އުއްމީދެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *