ކަޅުފޮއެ ރެއެކެވެ. އުޑުގައި ވިދަމުންދިޔަ ތަރިތައް ބަބުޅަމުން ދިޔަނަމަވެސް އެ ބެބުޅުމުގެ އަލިކަން ދުނިޔެއާއި ހިސާބަށް ފޯރަމުންދިޔައީ ނުހަނު ފަނޑުކަމާއެކުއެވެ. ޖެހެމުންދިޔަ ގަދަ ވަޔާއެކު ހެލެމުންދިޔަ ގަސްތަކުގެ އަޑުން މުޅި ޖައްވު ގުގުމާލާފައިވާއިރު ހީވަނީ ހުރިހާ ގަސްތަކެއް އިޝާހިތެއްގެ ތެރޭގައި މުލުން ލުހިގެން ބިންމައްޗައް ވެރެން އުޅޭހެންނެވެ. ޖެހެމުން ދިޔަ ބާރު ވައިން އިޝާރާތްކުރަމުން ދިޔައީ އަންނަން އުޅޭ ގަދަ ވިއްސާރައަށެވެ. އޭގެން ހެކިދެމުން ދިޔައީ އަންނަން އުޅޭ ކޮޅިގަނޑުގެ ނިޝާންތައް ފަދައެވެ.
"ނަފީސާ! ނަފީސާ! އޭ ނަފީސާ! މަޑުކޮށްބަލަ. މިއޮތް ބިޔަބޯ ޖަންގަލީގައި ތިޔަހާ ބާރަށް ދުވަމުން ދަނިކޮށް ވެއްޓި ގައިން ތަނަކަށް އަނިޔާއެއް ލިބިދާނެއޭ!! …. ހެމުން ހެމުން ބާރަށް ދުވަމުން ދިޔަ ނަފީސާއާ މުހާތަބުކޮށް ބަކުރު ހަޅޭއްލަވަމުން ގޮވަމުން ދިޔައެވެ. ބަކުރު ހިފައިގެންހުރި ފުޅިބައްތީގެ އަލިން ވަށައިގެންވާ ކަނުއަނދިރި ކަމަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ލިއްބައިދެމުން ދިޔައިރު ކުރިމައްޗަށް އޮތް ރާސްތާއަށްވެސް އެ އަލިން މަގުކޮށައިދެމުން ދިޔައެވެ.
"ހަހަހަހަހަ…ހަހަހަ.." ނަފީސާ ދުވެދުވެ ވަރުބަލިވެގެން ހުއްޓުނެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާ ލަހިވެފައި ހުރިވަރުން މައިނޭވާލަމުން ދިޔައިރު ވާހަކަވެސް ދައްކަމުން ދިޔައީ ހުއްޓަމުން ހުއްޓަމުން، އުނދަގޫ ޒާތަކަށެވެ.
"މަށަށް އަނިޔާއެއް ލިބުނަސް އެކަމާ ހިތާމަކުރާނެ މީހަކު މިދުނިޔެއަކު ނުހުންނާނެ. ހަމަ ހައްޤުތެދު މިބުނީ. އެހެންވީމަ އަހަރެން ކީއްކުރަން ބަލައިގެން އުޅެންވީކީއެއް." މައިނޭވާ ލަމުންލަމުން ނަފީސާ ވާހަކަދައްކަމުން ދިޔައެވެ.
"ބަލަ ނަފީސާއަށް ގޮތެއް ވެއްޖީޔާ އެކަމާ ދެރަވެ ހިތާމަކުރަން އަހަރެން މިހުރީ އެންނު. އަހަރެން މިހުންނަނީ ނަފީސާދެކެ މޮޔަގެރި އަވަލާފަ. ނަފީސާއަށް ދެރަގޮތެއް ވެއްޖީޔާއީ އަހަރެންގެ ހިތްފަޅައިގެން ހިނގައިދާނެ. މިހާރުވެސް ދުވާލުދާ ހަތަރުދަމު މަގޭ ލޮލުކޮޅަށް ނަފީސާ ނުފެންނާތީ މަގޭ މުޅި ދުވަސް ހުންނަނީ ޙަރާބުވެފަ. މަގޭ ހިތާއި ސިކުންޑީގައި ނަފީސާގެ ހިޔާލުތައް ނޫން އެހެން އެއްވެސް އެއްޗެއް ދައުރުނުވޭ. ﷲ ގަންދީ ހުވާކޮށްފަ މިބުނީ…" ނަފީސާގެ މޫނާއި ދިމާލަށް، ބަކުރު އަތުގައި ހުރި ފުޅިބައްތި ގާތް ކޮށްލަމުން ބަކުރު ބުންޏެވެ. "ތިޔަ ރީތި މޫނަށް ބަލަން އަހަރެންގެ މުޅި އުމުރު ހުސްކޮށްލަންވެސް މިހުރީ ހޭވައްލާ ތައްޔާރަށް"….
"ނާ ހަމަ ތެދެއް؟؟ ތިޔަކަހަލަ ވާހަކަ ނުދައްކާ ބަކުރާ.. އަހަރެން ވަރަށް ލަދުގަނޭ.." ނަފީސާގެ ދެލޮލަށް ކަޅިހުއްޓިފައިވާ ބަކުރުގެ ދެލޮލަށް ނަޒަރު ހިންގާލަމުން ރަކި ގޮތަކަށް ނަފީސާ ބުންޏެވެ.
"މަގޭ ހިތްއެދޭ މިންވަރަށް ބަކުރު މަށަށް ނުފެންނާތީ އަބަދު އެހިތާމައިގަ މިހުންނަނީ. ހިތައް އަރާ މުޅި ދުވަހު މަށަށް ބަކުރު އުނގުތެރޭގައި އޮވެވޭނެ ނަމައޭ. އެކަމަކު ހިތްހެދޭ ކޮންމެ ކަމަކީ ހާސިލްކުރަން އެހާ ފަސޭހަ ކަންކަމެއްނޫން. ގިނަފަހަރު، ހިތްއެދޭ މަންޒިލާ ހަމާލަށް ވާސިލްވެވޭނީ ލޯބޯކޮށައިގެން ޤުރުބާނީތަކެއް ވެގެން. އަހަރެން އަޅާ ކޮންމެ ފިޔަވަޅަކަށް، ލާ ކޮންމެ ނޭވާއަކަށް ފާރަވެރިވެ ރާޝިދު އެހުންނަނީ… ސައްވީސް ގަޑިއިރު. މަށަށް ހަމަޖެހިލައިގެން ނޭވާއެއްވެސް ލެވޭހާ ނުވޭ ރާޝިދުގެ ދުއްތުރާލާ ހެނދި. އަހަރެން ގަބޫލުކުރަން އަހަރެން މީ އޭނާގެ އަނބިމީހާކަން. އެކަމަކު މިހާރު އަހަރެމެން ދެމީހުންގެ ދެމެދުގައި އަނބިފިރިކަމުގެ އެއްވެސް ގުޅުމެއް ނެތޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެ. ރާޝިދުގެ ވަސްޖެހުނަސް މަގޭ ލޭ ހުންނަނީ ހަމަ ކެކިކެކި. ބައެއްފަހަރު ހީވޭ ލޭ މައްޗަށްދާން އުޅޭ ހެންވެސް. އަހަރެންގެ ހިތުގައި މިހާރު ރާޝިދަށް އެއްވެސް ޖާގައެއްނެތް. އަހަރެން އޭނަދެކެ މުޅިން ފޫހިވެއްޖެ. އަހަރެން މިއީ ބަކުރުގެ ހައްޤެއް. އަހަރެން ބޭނުން ބަކުރުގެ މީހަކަށް ވާން… ރާޝިދަކަށް ނޭނގޭނެ އަހަރެމެން މިގުޅުން ހިންގާ ކަމެއް. އަހަރެން ވަރަށް ސިއްރުން މިއުޅެނީ. އަބަދު އަބަދު މިހެން ސިއްރުން އުޅުމަކީ ހާދަ އުނދަގޫ ކަމެކޭ. ރާޝިދަށް މިކަން ފަޅާއަރައިފީޔާ މަށަށް ހަދާލާނެ ގޮތަކާއި މެދު ވިސްނާލިޔަސް މަގޭ މޭ ޑަންޑަން ކިޔާފައި ތެޅޭ.." ބަދަލުގައި ނަފީސާ އޭނާގެ ހިތުގައިވާ އުދާސްތައް އެއްފަހަރާ ބަންޑުން ކޮށްލިއެވެ. "ބަލާބަލަ މިހާރުވެސް. އަތްލަބަލަ މަގޭ މޭމަތީގަ." ނަފީސާ ބަކުރު އަތުގައި ހިފުމަށްފަހު، އޭނާގެ މޭގައި ބަކުރުގެ އަތްޖެއްސުވިއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެފައިވާ މިންވަރު ބަކުރަށް އިޙުސާސްކޮށްދިނުމުގެ ބޭނުމުގައެވެ.
"އަހަރެންވެސް ބޭނުން ނަފީސާއާ ކައިވެނިކުރަން. މިރޭން މިރެއަށް ވިޔަސް ވަރިހަމަ. އަހަރެން މިހުރީ ހޭވައްލާ ތައްޔާރަށް. އަހަރެން ލައްކަ ދުވަހު ކެއްކޮށްލައިގެން ހުރެފިން. އެކަމަކު މިހާރު އަހަރެންގެ ކެއްތެރިކަން ކޮޅުން ލައިފި. އަހަރެންނަށް އަބަދަކު މިހެނެއް ނުހުރެވޭނެ. ރާޝިދު ކައިރީގައި އާދޭސްކޮށްގެން ވިޔަސް އެބަޖެހޭ ނަފީސާ އޭނަ ކައިރިން ވަރިވާން. އޭނަ ކިބައިން ސަލާމަތްވާން. ރާޝިދު ފެނުނަސް އަހަރެން އޭނަދެކެ ހާދަ ރުޅިއާދެއެވެ. މަގުމަތިން ދިމާވީމަ ހީލާފަ ވާހަކަ ދައްކާލަނީވެސް ނަފީސާގެ ޙަބަރެއްލިބޭތޯ، އެކަމުގެ އުންމީދުގަ. ކަން އޮންނާނީ ވެލިގަނޑެއްހެން. އެކަމަކު ހިތް އޮންނާނީ ދެލިގަނޑެއްހެން. އަހަރެންގެ ހިތުގައި ރާޝިދަށްޓަކައި އުފެދެމުންދާ ރުޅިވެރިކަމާއި ނަފްރަތު ހައްދުފަހަނައަޅާ ނުދަނީސް އެކަން ހުއްޓުވޭނެ ހަމައެކަނި މީހަކީ ނަފީސާ. އެހެންނޫނީ އަހަރެންގެ އަތުންފައިން ގޯހެއް ހެދިދާނެ." ބަކުރު ހުރީ ރުޅިއައިސް ރަތްވެފައެވެ. ބަކުރު ބޭނުންވަނީ ވީ އެންމެ އަވަހަކަށް ނަފީސާއާއި ކައިވެނިކުރާށެވެ. އެކަމަކު އެކަންތައް ވާންއޮތީ ރާޝިދު ނަފީސާ ވަރިކޮށްގެންނެވެ.
ނަފީސާއަކީ ބޭވަފާތެރިއެކެވެ. ބަކުރަކީ އެއައްވުރެ އަދި މާ ނުބައި ޖާހިލެކެވެ. އެހެންނޫންނަމަ، ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްގެ ދޭތެރެއަށްވަދެ، މެނުވާ ކަމަށް ހެދިގެން، އެމީހުންގެ މެދުގައި މައްސަލަތައް އުފައްދާ، އެމީހުންގެ މެދުގައި އައްސާފައިވާ ކައިވެނީގެ ގޮށް މޮހެލަން މަސައްކަތްކުރީސް ހެއްޔެވެ؟ ނުކުރާނެއެވެ.
ސިއްރާއި ފާޅުގައިކުރާ ކަންކަންވެސް މާތް ﷲ ދެނެވޮޑިގެންވެއެވެ. ނަފީސާ ކިތޭ ސިއްރުން ރާޝިދުގެ ނިވަލުގައި ބަކުރާއެކު ނަހަމަ ގޮތުގައި ގުޅުން ހިންގި ކަމުގައިވިޔަސް، މާތް ﷲ އެކަން ބައްލަވާވޮޑިގެންވެއެވެ. ނަފީސާއާއި ބަކުރު ކުރަމުން އެދިޔަ ނުބައި ޢަމަލުން ނިކުންނާނޭ ހިތި ނަތީޖާއާއި މެދު އެދެމީހުންގެ އެއްވެސް ފަރުވާލެއް ނެތް ފަދައެވެ.
"ބަކުރާ… ތިޔަ ރުޅި މަޑުކޮށްބަލަ. ރުޅިއައިސް ހުރިލެއް ބޮޑުކަމުން މުޅި މީހަ ތިޔަހުރީ ދާހިތްލާ ފޯވަފެއެންނު. ހާސްނުވެބަލަ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށޭ. މާ އަވަސް އަރުވާލައިގެން ކަންކަން ކުރަން އުޅެފީޔާ ރިހޭ ފައިމައްޗައް ފޮއެވެއްޓިދާނެ. އޭރަށް ވާތަދުން މާ ވޭންއަޅާނެ. އަހަރެން އަބަދުވެސް ބުނަމެންނު، ފަހުން ކިޔާ މާލޫދު މާ މޮޅުވާނެއޭ.. ބަކުރަށް އެނގެ އެންނު. މިދިޔަ ފަހަރުވެސް އެންމެ ފަހުން މާލޫދު ހެދި ރަށަކަށްވާނެ މިރަށް. އެކަމަކު އެންމެންވެސް ހެކިވާނެ. މިރަށް ގޮންޖަހާލެވޭ ވަރުގެ މާލޫދެއް މި އަތޮޅު އެއްވެސް ރަށެއްގައި އަދި އަދަށްވެސް ނުބާއްވާ. އެހެންވީމަ މިބުނަނީ، ބައެއްފަހަރު ޖެހޭނެ އެގޮތަށް އެހެން މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކާ، ތިމާގެ ޙަޔާތުގައި ހިނގާ ކަންތައްތަކާވެސް ގުޅުވާލަން. އޭރުން ކޮންމެ ކަމެއްގެ ފަހަތުގައިވެސް ވާ ޙިކުމަތް ދެނެގަންނަން ވަރަށް ފަސޭހަވެގެންދާނެ.
އަދި ހަނދާންކުރާތި. މީހުން ބުނެ އުޅެއެންނު. ކޮންމެ ލަސްވުމެއްގެ ފަހަތުގައިވެސް ފޮރުވި ވަންހަނާވެފައިވާ އެތަކެއް ރަނގަޅު ކަންތައްތަކެއް ވާނެއޭ… އެހެންވީމަ، އަހަރެމެން ދެމީހުން ކައިވެނި ނުކުރެވިގެން ހާސްވެ ކަންބޮޑުވާކަށް އަދި ނުވެއެއްނު. އަބަދުވެސް ޖެހޭނެ އެވަގުތެއްގައި އެ ލިބިފައިވާ ހިނދުކޮޅެއްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން. މިވަގުތު މިތާ މިތިބީ އަހަރެމެން ދެމީހުން އެކަނި. ދެމީހުން އެކުއެކީގަ.. މިއީ އަހަރެން މުޅި ރެއާ ދުވާލު އެންމެ އިންތިޒާރުކުރާ ވަގުތު.. އެހެންވީމަ އަހަރެންނަށް މިވަގުތުކޮޅަކީ ހާދަ އަގުބޮޑު ވަގުތުކޮޅެކޭ… އަހަރެމެން ދެމީހުންގެ ދެމެދުގައި ހޭދަކޮށްލަން މިލިބޭ ކުޑަވަގުތުކޮޅު އަހަރެންނަށް ރަނާއި ޖަވާހިރަށްވުރެވެސް އަގުބޮޑު… މި ވަގުތުކޮޅުގެ ހިތްގައިމުކަމަކީ މިނެކިރާ ނާޅިއަކުން މިނެކެރޭނެ އެއްޗެއްނޫން ބަކުރާ… އެހެންވީމަ، ލިބިފައިމިވާ މަދު ވަގުތުކޮޅުގައި ޒުވާބުކޮށް ދެބަސްވާކަށް އަހަރެން ނެތިން.." ބަކުރުގެ މޫނުމަތީގައި އަތް ބީއްސާލަމުން ނަފީސާ މަސައްކަތް ކުރީ ބަކުރުގެ ނަފްސުގެ ތެރޭގައި ވަކިހިއްޕާލާފައިވާ ރުޅިވެރިކަން މައިތިރި ކުރުމަށެވެ.
"މަގޭވާ ކެތްގަދަ. މަގޭ މިހެން ހުންނަތާ މިހާރު ވީ ޒަމާނެއްވެސް ނޭނގެ. ހުސްހަށިބައިކޮށް އަހަރެން މިހެން ހުއްޓަ މުސްކުޅިވެއްޖީޔާ ނަފީސާވާނެ އޭގެ ޒިންމާ ނަގަން". ބަކުރުގެ ރުޅި އަދިވެސް މަޑުވާގޮތެއް ނުވެއެވެ.
"ބަކުރާ!!! ބަލާބަލަ. މަށާ ދިމާލަށް ބަލާބަލަ. މަގޭ މޫނަށް ބަލާބަލަ. އަހަރެން ބޭނުންވާނެތަ ވަކި ބަކުރަށް ދެރަގޮތެއްވާން. އަހަރެން ރާޝިދާއެކީ މިއުޅެނީ އުޅޭ ހިތަކުން ނޫނޭ. ކިތައްފަހަރުތަ އަހަރެން އެއް ވާހަކައެއް ތަކުރާރު ކުރަންވީ. މަށަށް އިތުބާރު ކޮށްބަލަ ބަކުރާ. މަގޭ ވެއްޓިފައި މިއޮތް އަނދަވަޅުން އަރައިގަނެ، ދިރިއުޅުން މުޅިން އާ ފެށުމަކުން ފަށައިގަންނަން އަހަރެންވެސް ހާދަފޮނި ހުވަފެންތަކެއް ދެކެމޭ. ބަކުރަށް ކީއްވެތަ އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރެވެނީ. ބަކުރަށް ހީވަނީތަ މިއީ އަހަރެން މަޖަލަށް ސަމާސާކުރަން ދައްކާ ވާހަކައެއްހެން. ހުރިހާ ފިރިހެނުންނަކީވެސް އެއް ވައްތަރެއްގެ ބައެއް. މަށާ ދުރަށްދޭ." ނަފީސާ ދައްކަމުންދިޔަ ވާހަކަ ބަކުރު ޤަބޫލުނުކުރާހެން ހީވުމުން ނަފީސާ ނުހަނު ބޮޑަށް ހިތުގަ ޖެހުނެވެ. އޭނާ ވެފައިހުރި ދެރައިން، ބަކުރުގެ ކޮޑުގައި އަތްވިއްދާފައި ލުތްކެއް ޖެހުމަށްފަހު ގަޔާއި ދުރަށް ކޮށްޕާލިއެވެ. އަދި ފަހަތައް އެނބުރި ރޮމުން ރޮމުން ދުއްވައިގަތެވެ. މަންޒަރު ބަލަންހުރި ބަކުރު، ނަފީސާފަހަތުން ދުއްވާފައިގޮސް، ނަފީސާގެ ބުރަކަށީގައި ހިފާ ގަޔާއި ކައިރިކޮށްލުމަށް ފަހު ފަހަތުން ނަފީސާ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ބަކުރު ނަފީސާ ގައިގައި ބައްދާލުމުން ނަފީސާގެ ޖިސްމަށް ލިއްބައިދެމުންދިތަ އަރާމަށް ނިމުމެއް އައުމަށް ނަފީސާ ނޭދޭ ފަދައެވެ. އެހެންކަމުން، ބަކުރުގެ ބީހުމުން ލިއްބައިދެމުންދިޔަ އަރާމު އިތުރަށް އެދެމުން، ނަފީސާ ދެލޯ މަރާލައިގެން، ހިތައް ލިބެމުންދިޔަ ހިތްހަމަ ޖެހުމުގެ ފޮނި މީރުކަން ހާސިލްކުރަން އޭނާގެ މުޅި އުމުރު ހުސްކޮށްލަންވެސް ތައްޔާރުވެ ހުރިފަދައެވެ. ބަކުރުގެ ހޫނު ނޭވާގެ މަސްތުގައިޖެހި ނަފީސާގެ ނަފްސު ދިޔައީ ހުވަފެނީ ދުނިޔެއެއްގެ ތެރެއަށް ގެނބެމުންނެވެ.
"އަހަރެން ގައިން ދޫކުރޭ ބަކުރާ." ނަފީސާގެ ދުލުން އެވަގުތު ބަހެއް ނިކުތީ އޭނާގެ އަމިއްލަ އިޙްތިޔާރަކު ނޫނެވެ.
"ނޫން ނަފީސާ. މިރޭ އަހަރެންނަށް މި ފުރުސަތުދީ. އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ.." ބަކުރުގެ އަޑު ނަފީސާގެ ކަންފަތުގައި ޖެހުނު ހިނދު ފުން ނޭވާއެއް ލުމަށްފަހު ނަފީސާ ދެލޯ މަރާލިއެވެ. އަދި އޭނާއަށް ކޮޅަކަށް ގުޑިނުލެވޭހާ ބާރަށް އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރި ބަކުރުގެ އަތުގައި ހިފާ ދުރުކޮށްލިއެވެ. އެވަގުތު ބަކުރު ހިފައިގެންހުރި ފުޅިބައްތި ބިންމައްޗަށް ވެއްޓި އޭގައި އަނދަމުންދިޔަ ހުޅުކޮޅު ނިވިއްޖެއެވެ. އޭގެން މާހައުލަށް ލިއްބައިދެމުންދިޔަ އަލިކަން ނެތިގޮސް، މުޅި މާޙައުލު، ކަނުއަދިރިކަމުން ވަށާލައިފިއެވެ.
އެ ބިޔަބޯ ޖަންގަލިތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. އަނދިރިކަމުން ލޮލަށް ތަނެއްދޮރެއް ވަކިކުރަންވެސް ނޭނގެއެވެ.
ނަފީސާ ބިރުން ބަކުރު ގައިގައި އޮޅުލައިގަތެވެ. ކުއްލިއަކަށް ބަކުރު އަޑުގެނެތްތަނަށް ހަޅޭއްލަވައިގަތެވެ. އޭނާގެ ފަހަތުން އައި ހަމަލާއެއްގެ ސަބަބުންނެވެ. ބަކުރުގެ ބޮލަށް އަމާޒުވެގެންދިޔަ ހަމަލާއިން ބަކުރަށް ވީތަދުގެ ވޭނަށް ކެތްނުކުރެވިގެން އޭނަ ހުރިތަނަށް ޙަބަރުހުސްވެގެން ވެއްޓުނެވެ. ނަފީސާ ގަންނާކުރެއްވި ބިރުން އޭނާވެސް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.
ކުރިމަތީގައި ހުރީ ރާޝިދެވެ. ރާޝިދު، ބަކުރާއި ނަފީސާއަށް ފިލައިހުރެ އެމީހުންގެ ދެމެދުގައި ހިއްސާކުރެވެމުންދިޔަ ވާހަކަތައް އަޑުއެހީއެވެ. އަދި ލިބުނު ދަނޑިވަޅުގެ ބޭނުންހިފައި، އޭނާގެ ދުޝްމަނުކަމުގައިވާ ބަކުރަށް އެވަގުތައް ދެވެން އޮތް އެންމެ ބޮޑު އަނިޔާ ދިނީއެވެ.
ރާޝިދު އަތުގައި އޮތް ފުޅަފިގަނޑު ހޫރުވާލުމަށްފަހުގައި އޭނާއައިސް ނަފީސާ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. "ނުލަފާ އަންހެނާ… ބޭފަވާތެރިޔާ… މަކަރުވެރިޔާ.. ހީލަތްތެރިޔާ.. މިއޮތްހާ ދުވަހު މަގޭ ލޮލުގަ އަނދުން އަޅުވައިގެން، މަށަށް ވަގަށް، އެހެން ފިރިހެނަކާއެކީ ނަހަމަ ގުޅުން ހިންގަމުން ތިޔަދަނީ… ކަލޭ ތިޔައީ އިންސާނަކަށްވެސް ކުފޫހަމަނުވޭ.. ކަލޭގެ އުޅުން ތިޔަހުންނަނީ ޖަނަވާރުންގެ ބީދައިން. މަގޭ ދިނީމަ ބޮއެގެން، މަގޭ ދިނީމަ ކައިގެން، މަގޭ ތައްޕާހުގައި އުޅެމުން ކަލޭ މަށަށް ތިޔަވަރުގެ ބޮޑު އޮޅުވާލުމެއް ތިޔަ އޮޅުވާލީ.. ކަލޭ ތިއީ އަނިޔާވެރިއެއް.. ތިޔަކަހަލަ އަންހެނުންނަށް ބަދަލުގައި ދޭން ބޭނުންވަނީވެސް އަނިޔާ. ހުރޭ ކުޅިދައްކާލާނަން މިރޭ. ދެދުނިޔެ ދައްކާލާނަން." ރާޝިދު އައިސްފައިހުރި ރުޅިން އޭނައަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.
ތިރީގައި ވެއްޓިފައިއޮތް ބަކުރު ކުކުރަމުންދިޔަ އަޑު ރާޝިދުގެ ކަންފަތުގައި ޖެހުމާއެކު ރާޝިދުގެ ހަމަލާއެއް އަނެއްކާވެސް ބަކުރަށް އަމާޒުވެގެން ދިޔައެވެ. މިފަހަރު އޭނަ ބަކުރު މޫނުމަތީގައި އެޖެހީ ފައިންނެވެ.
ރާޝިދު ނަފީސާގެ އިސްތަށިގަނޑުގައި ހިފައި ވާންކޮށް، ވަލުތެރޭގައި ހެދިފައިވާ ހަންޑިކުންނާރު ގަސްތަކުތެރޭގައި އޭނާ ދަމާ ކޫއްތަމުން ވަލުން ނެރުނެވެ. ނަފީސާ ސަލާމަތަށްއެދި ރޮއެ ހޭރެމުން ދިޔަ އަޑު، ވަލުތެރެއަށް ވެއްޓިފައިއޮތް ބަކުރަށް އިވެމުންދިޔައެވެ. އެހެންނަމަވެސް، ބަކުރުގެ ބޮލަށް ލިބުނު ކުއްލި ހަމަލާގެ ސަބަބުން ތެދުވާނެހާ ހިތްވަރެއް އޭނާގެ ހައްޓަކުނެތެވެ.
———————————————————————————————————————————————————
"އޫން އޫން އޫން"" ހަލީމަ މަސައްކަތް ކުރަމުންދިޔައީ ނަފީސާގެ ދަރިފުޅު އާމިރު ނިންދަވާށެވެ. އެހެންނަމަވެސް، އެތައް މަސައްކަތަކަށް ފަހުގައިވެސް އެފަކީރު ނިންދެވޭގޮތެއް ހަލީމައަކަށް ނުވިއެވެ. އާމިރު ރޮމުން ދިޔައިރު އެ މަންޒަރު ބަލަންހުރި އުސްމާނުގެ ހިތަކަށް ކެތެއްނުވިއެވެ.
"ހަލީމާ… ކޮބައިތަ އެ ނަފީސާ؟ އަޅެ އިރެއް ވެއްޖެއެންނު އޭނަ ބޭރަށް ދިޔަ ފަހުންވެސް.. ނަފީސާއަށް ނޭނގެނީތަ އޭނަ އެއީ މީހެއްގެ އަންބެއްކަމެއް؟ ޅަކުއްޖެއްގެ މަންމައެއް ކަމެއް… ނަފީސާ އުޅޭ ގޮތުން އަހަރެންގެ ހިތައް ހާދަ އަސަރުކުރެއޭ.. އައިންބެއްގެ ވާޖިބު ރަނގަޅަށް އަދާނުކުރާތާނގައި، އަމިއްލަ އުފަން ދަރިއަށް ދޭންޖެހޭ ލޯތްބާ އޯގާތެރިކަން ދިނުމަށް ނަފީސާވަނީ ނުކުޅެދިފަ. އަހަރެން ނަފީސާގެ އުޅުން ހުންނަލެއް ވިޔާނުދާ ކަމުން އެކަމާ މެދު ވިސްނާ ވިސްނާ އަބަދު މިހުންނަނީ ބޯ ގޮވާފައި."
ނަފީސާގެ އުޅުން ހުންނަ ގޮތުން އެކަމާ ހަލީމަވެސް ހިތުގައި ޖެހިއްޖެއެވެ. "އާން އުސްމާނާ. ހާލަކަސް ތުރާލަކަށް، އަހަރެމެންގެ ހުރީ އެންމެ ދަރިއެއް. ނަފީސާ… ހުރިހަމައެކަނި ދަރި އެ އުޅޭ ފާޑަކުން އަހަރެންގެ ހިތައް ހާދަ އަސަރެއްކުރެއޭ… މިރަށު އެހެން މީހުންގެ ދަރިން އުޅޭ ރިވެތިގޮތްގަނޑު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުން ހާދަ ދިލަނަގައޭ.. ހިތައްއަރާ ނަފީސާއަކީވެސް އެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ރަނގަޅު ކުއްޖަކަށް ވާނީ ކޮން ދުވަހަކުންބާއޭ… އަހަރެން ހާދަ އުންމީދެއްކުރީމޭ… ހާދަ ފޮނި ހުވަފެންތަކެއް ދުށީމޭ… އެކަމަކު މިއަދު އެހުރިހާ އުންމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިވެއްޖެ…"
ހަލީމަ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިސްޖަހާލައިގެން އުސްމާނު ހަލީމަ ކައިރީގައި އިށީންދެލައިގެން އިނެވެ.
"ހަލީމަ ދެން އަދިވެސް މަސައްކަތް ކޮށްލާ އިނގޭ މިސޮރު ނިންދެވޭތޯ.. މަގޭ އެބައަންނަން ބޭރަށް ގޮސްލާފަ. ނަފީސަ ފެނޭތޯ ރަށުތެރޭގައި ހިނގާލާފަ.. އަދި އެބަޖެހޭ ބޮޑުބެރުޖަހާ ތަނަށް ދާންވެސް މިރޭ… މިދުވަސް ކޮޅު ނަގާކިޔާނެ މީހަކުވެސް ނެތީމަ އަވަށުމީހުން ވަރަށް ކުދިކިޔާ މަށަށްދެވޭލެއް މަދުވީމަ. އަނެއްކާ މާލޫދުވެސް އެއޮތްއައިސް ބޯމަތިވަނީ. މިފަހަރު މިދާވަރުން ދަންޏާ މާލޫދު ފަނުފުލުން ދިޔުން ވަރަށް ގާތް…."
— ނުނިމޭ —
ވާހަކައިގެ ކުރިއަށް އޮތްބައި ވަރަށް އަވަހަށް ހިއްސާކޮށްލަދޭނަން.. އިންޝާﷲ..
ކުރީގެ އެޕިޒޯޑް ވިދާޅުވުމަށް: