Wednesday, 22 May 2024
ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ. ފޮޓޯ؛ ޕީޕީއެމް

ކޭލަކުނަކީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނަން: މުޢިއްޒު

ހދ.އަތޮޅުގައި ފަތުރުވެރިކަން ނެތި އޮތް އޮތުން ނިމުމަކަށް ގެންނަވާނެކަމަށާއ،ި، ހދ. ކޭލަކުނަކީ އާމްދަނީ ލިބޭނެ ތަނަކަށް ހަދައި، އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަަދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"މިއަތޮޅު މިއޮތް ކޭލަކުނަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ. އެއީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނަން." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ގިނަ ވިސްނުންތައް އެބަހުރިކަމަށާއި، ހދ.އަތޮޅަށް އިޤްތިޞާދީ ގޮތުން މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ފަތުރުވެރިކަން ކަމަށެވެ.

މިހާރު ބައެއް މަޝްރޫޢުތައް ހަވާލުކުރުމުގައި ވަކި ކުންފުނިތަކަކަށް މަންފާވާގޮތަށް ހިންގޭ ކަންކަން ނިމުމަކަށްގެނެސް، އަމިއްލަ ކުންފުނިތަކަށް ހަމަހަމަ ފުރުޞަތުތަކެއް ދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށާއި، މިކަމާއި ގުޅޭ ޤާނޫނުތައްްވެސް ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، ފޮޓޯ: ޕީޕީއެމް

ރާއްޖޭގައި ހިންގާ މަޝްރޫޢުތައް އަވަސްކޮށް، ރާއްޖޭގައި ފައިސާ ދެމެހެއްޓުމަށް އިންވެސްޓްމަންޓް ބޭންކެއްވެސް އުފައްދާނެކަމަށާއި، ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ މުހިންމު ފުރުޞަތަކަށް ހައްދަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކަށްވެސް ފައިނޭންސް ކުރެވޭނެ ލުއިގޮތްތަކެއް ހަމަޖައްސަވާދެއްވާނެކަމަށެވެ. އެގޮތުން އެމްއެމްއޭއާއި ބީއެމްއެލްފަދަ ކޮމާޝަލް ބޭންކްތަކުން، އިންޓްރެސްޓް ކުޑަ ރޭޓްގައި ގެދޮރު އެޅުމަށް ލޯނު ދޫކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ބިން އޮވެ ގެދޮރު ނޭޅިތިބި މީހުންނާއި، ހުއްޓިފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވުމަށް މުޢިއްޒު ވިދާޅުވި، ހދ.ކުޅިދުއްފުށީގައި ބޭއްވި ޖަލްސާއަކީ މުޢިއްޒުގެ ކެމްޕެއިންގައި އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ޖަލްސާ ކަން ފާހަގަކުރެވެއެވެ. އަދި ބޮޑުތިލަދުންމައްޗަށް މުޢިއްޒުކުރައްވާ ދަތުރުފުޅުގައި ހދ.އަތޮޅުގެ 4 ރަށަކަށް އަދި ހއ.އަތޮޅުގެ 7 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން މަޢުލޫމާތު ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *