ނ.ކެނދިކުޅުދޫގައި ސަރުކާރުން ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ. ކެނދިކުޅުދޫ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ، ދިވެހި ޙަކީމީ ބޭސްވެރިޔާ ތޮޅެންދޫ ހަސަން ޤާސިމްއެވެ.
އެ ހޮސްޕިޓަލްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ނ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ކެނދިކުޅުދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމާއި، އެރަށުގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާއި އިސްރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެކުރީ ކޮޅުގައެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކެނދިކުޅުދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ. މި މަޝްރޫޢުގެ ދަށުން، އެކަމަޑޭޝަން ބިލްޑިންގއާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް ބިލްޑިންގއެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލު މަޝްރޫޢަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ރައްޔިތުންނާ އެންމެ ގާތުން ޞިއްޙީ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނައުމާއި، ވަޞީލަތްތައް މުއްސަނދިކޮށް ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ހިމެނޭއިރު މި މަސައްކަތަށް އެކަނިވެސް 551 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.