ނ. ޅޮހީ ބަނދަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ފަށައިިފިއެވެ.
އެމްޓީސީސީން ވިދާޅުވީ، ޅޮހީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، އަދި މިހާރު ކުރަމުން އަންނަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
ޅޮހީގައި މިހާރު ބޭނުންކުރާ ބަނދަރަކީ 2007 ގައި، ރައީސް މައުމޫންގެ ޒައާމަތުގައި ހަދާފައިވާ ބަނދަރެކެވެ. މަރާމާތުނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން މި ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ އެއްގަމު ތޮއްޓާއި ލަފާ ފުރުމަށް ބޭނުން ކުރާ ސަރަހައްދު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ޅޮހީގެ ބަނދަރަށް ދިމާވެފައި އޮތް މައްސަލަ ހައްލުކޮށް ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކުރެއްވީ މިދިޔަ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ. މި މަސައްކަތް ފެށިގެން މިދަނީ އެގްރިމެންޓްގައި ސޮއިކުރިތާ 8 މަސް ފަހުންނެވެ.
މި މަޝްރޫއުގެ ދަށުން 66701.94 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 2205 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 281 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި، 40 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި، 95 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 366 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 366 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 50 މީޓަރުގެ ގްރޮއިން ޖަހާ، 10 މޫރިންގ ބޮއި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީ ހެދުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 19 މަގު ބައްތި ހަރުކުރުމާއި 1720 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުންވެސް މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
978 މީހުން ދިރިއުޅޭ ނ.ޅޮހީއަކީ މަސްވެރިކަމާއި ލޯކަލް ޓޫރިޒަމް އޮންނަރަށެއެވެ. އަދި މަސްވެރިކަމުގެ ބޮޑެތި ދޯނިފަހަރު ދުއްވާ ރަށެކެވެ. އެހެންކަމުން، ޅޮހީ ބަނދަރު ހަލާކުވެފައި އޮތުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
ނ. ޅޮހީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވާފައިވަނީ 640 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢަށް ގާތްގަނޑަކަށް 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.