ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި "އިންވެސްޓްމަންޓް ބޭންކު" ތައާރަފުކުރާނެކަން ހާމަކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ވެބްސައިޓްގައި ވެސް މިހާރު ޝާއިއުކޮށްފައިވާ މެނިފެސްޓޯގައި ވާގޮތުން، "އިންވެސްޓްމަންޓް ބޭންކު" ތައާރަފުކުރަނީ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދިގު މުއްދަތަކަށް ބޭނުންވާ ލޯނު ދިނުމަށްޓަކައެވެ.
މާލީ ދާއިރާގެ ވިޔަފާރި ޒަމާނީކުރުމަށް ދަށުން ގިނަ ކަންތައްތަކެއް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ޑޮލަރު ބޮންޑު އިޝޫކުރުމާއި، ފައިނޭންޝަލް ސާވިސް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް "ފައިނޭންޝަލް ސާވިސް އެކްޓް" ތައާރަފުކޮށް، "މޯލްޑިވްސް ފައިނޭންޝަލް ސާވިސް އޮތޯރިޓީ" އުފެއްދުމާއި ރާއްޖެއަކީ "އިންޓަނޭޝަނަލް އިސްލާމިކް ފައިނޭންސް ހަބަކަށް" ހެދުމަށް މަސައްކަތް ފެށުމާއި، ދައުލަތުގެ ފަންޑުތައް އެއްފުރާޅެއްގެ ދަށުން ބެލެހެއްޓުމަށް "ނެޝަނަލް ވެލްތު ފަންޑު" އުފެއްދުން ފަދަ ކަންކަން ހިމެނެއެވެ.
މި މެނިފެސްޓޯއަކީ ދިވެހިރާއްޖެ ތަހުޒީބުގެ އައު މަންޒިލަކަށް ގެންގޮސްދޭނޭ މަގެވެ. އަދި އެމަގުގައި ދިވެހީން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ތަޖުރިބާއާއި ޤާބިލުކަން ޤާސިމް އިބްރާހީމް ހޯއްދަވާފައިވާ ކަމަށް ޖޭޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ،
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކޮށްފައިވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ.
ޤާސިމް އިބްރާހީމްގެ މެނިފެސްޓޯގެ އަސާސްތައް:
- ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ޙިމާޔަތްކުރުން.
- ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުން.
- ވޯޓު ހޯދުމުގެ ބޭނުމުގައި ނުފުއްދޭނޭ ވަޢުދުނުވުން.
- ރައްޔިތުންގެ މުދާ ޙިމާޔަތްކުރުމާއި ފައިސާއަށް ފުރިހަމައަށް ޒިންމާވުން.
- ތަރައްޤީގައި ހުރިހާ ރައްޔިތުން ޝާމިލްކުރުން.
- ދަރަނިން ސަލާމަތްވެ އިޤްތިޞާދުގެ ދުވެލި ބާރުކޮށް އެންމެނަށް ނަފާ ހޯދައިދިނުން.
- ޞިއްޙީ ފަރުވާ ފުރިހަމައަށް އަވަހަށް ހޯދައިދިނުން.
- ޒަމާނީ ތަޢުލީމާއި ތަމްރީން ދިނުން.
- ޒަމާނީ ޓެކްނޮލޮޖީ ރާއްޖޭގެ ތަރައްޤީގައި ފުރިހަމައަށް ބޭނުން ކުރުން.
- ބޯހިޔާވަހިކަން ނެތުމުގެ ހާސްކަން ނިމުމަކަށް ގެނައުން.
- ޢަދުލުވެރި، ރައްކާތެރި، ވެއްޓެއް ކަށަވަރު ކުރުން.
- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކަމާއި، އަޅާލުމާއި، ފުދުންތެރިކަން ހޯދައިދިނުން.
- އިޖްތިމާޢީ ރައްކާތެރިކަމާއި ޤަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުން.
- އޯގާތެރި، ހަމަހަމަ، ޚުލްޤުހެޔޮ މުޖްތަމަޢެއް ބިނާކުރުން.
- ކުޑަކުދިންގެ ޙައްގުތައް ހިމާޔަތްކޮށް، އަންހެނުން ބާރުވެރިކުރުވައި، އިސްރަށްވެހިންނަށް ޙައްޤު ޝަރަފާއި އަޅާލުންދިނުން.
އައު ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރިއާއި އިޤްތިޞާދު ހަރުދަނާކުރެވޭނެ ގޮތްތަކާއި، ސިއްހަތާއި ތައުލީމާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި، ވަކި އަތަކަށް ބުރަނުވާ "ދިވެހިން ފުރަތަމަ"އަށް އަންނަ ޚާރިޖީ ސިޔާސަތާއި، ތިމާވެށި ހިމާޔަތްކުރުމާއި އާޓިފިޝަލް އިންޓެލިޖަންސަށް އަހުލުވެރި ރާއްޖެއެއް އުފަންކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމަށް، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރައްވާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.