އުންމީދު ފަތުރާލައްވައި، މާޔޫސްނުވެ ކުރަން އުޅެފިނަަމަ، އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފަައިވާ، އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ، ފާރިސްގެ ކެމްޕެއިން ލޯންޗު ކުުރުމަށް މިރޭ ސަލްޓަންޕާކްގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފާރިސް ވިދާޅުވީ، މި ކުރާ މަސައްކަތުން އެންމެ މީހަކަށްވެސް ހިތްވަރު ލިބިއްޖެނަމަ، އޭނާގެ ފަރާތުން އިތުރު ދެމީހުންނަށް ހިތްވަރު ލިބި، އެކަން ފެތުރިގެންދާނީ މާގިނަ ވަގުތުތަކެއް ނުނަގާ ކަމަށެވެ.
"މަސައްކަތް ފަށާކަށް ލަހެއް ނުވޭ. ކަމުގެ ވަގުތު ޖެހުނީމަ އެކަމެއް ފެށީމަ، ﷲ އިރާދަފުޅުން އެބައެއްގެ މަސައްކަތެއް ހުރި މިންވަރަކަށް ކުރިއަރާނެ، ކާމިޔާބު ލިބޭނެ."
ފާރިސް ވިދާޅުވިއެވެ.
ސިޔާސީ ޙަޔާތުގައިވެސް އަދި ދިރިއުޅުމުގެ ޙަޔާތުގައިވެސް ވަގުތުތަކެއް އަންނާނެ ކަމަށާއި، މިއީ އެވަގުތު ކަމުން، ރިޔާސީ އިންތިޚާބު އަންނައިރު، މުޅި ޤައުމު އޮތީ ބަދަލަކަށް ތައްޔާރުވެފައި ކަމަށާއި، ހުރިހާ ރައްޔިތުންވެސް މިވަގުތު ވިސްނަވާނީ ރަނގަޅު ޙާލަތަކަށް ދިއުމަށް ކަމަށް ފާރިސް ވިދާޅުވިއެވެ.
އުއްމީދު ޢާލާކޮށް، އެ އުއްމީދު އެއްބަޔަކު އަނެއް ބަޔަކަށް ފަތުރާލައި، މާޔޫސް ވާފަހަރު ފަހަރު އެކެއް އަނެކަކު މަޝްވަރާކޮށްލައި، ވާނެ ކަމުގެ ޢަޒުމު ކަނޑައަޅުއްވައި ދެއްވުމަށް ފާރިސް އެދިވަޑައިގެންނެވިއެވެ.
ފާރިސް ވިދާޅުވީ މިހާރު މެނިފެސްޓޯ ލިޔެފައިވާނެ ކަމަށާއި، އޭގައި އެކިއެކި ކަންކަން ޙައްލު ކުރާނެ ގޮތާއި އިސްލާޙްކުރާނެ ގޮތާއި ވިސްނުންތައް ކިޔައިދީފައި ވާނެ ކަމަށެވެ. މެނިފެސްޓޯގެ އިތުރުން ސިޔާސަތެއް ކަނޑައަޅަންޖެހޭ ކަމަށާއި، އެއީ ހުރިހާ ރައްޔިތުންގެ ވިސްނުން ހިމަނައިގެން ކުރެވޭނެ ކަމެއް ކަމަށް ފާރިސް ވިދާޅުވިއެވެ.
ދެފުއްފެންނަ ސިޔާސަތެއް ޤާއިމުކޮށް، މުވައްސަސާތައް އިސްލާޙްކުރެވިއްޖެނަަމަ، ސީދާ ޤައުމު ކުރިއަރާ ގޮތަށް ޢުމުރާނީ ތަރައްޤީވެސް ގެނެވޭނެ ކަމަށާއި، ނަތީޖާއަކަށްވާނީ އިކޮނޮމިކް ޓްރާންސްފޯމޭޝަނެއް ގެނެވުން ކަމަށެވެ.
"މިކަން ވާނެ، މިކަން ކުރާނަން."
ފާރިސް ވިދާޅުވިއެވެ.
ފާރިސްގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އޭނާއަށް ތާޢީދުކުރާ ފަރާތްތައް މާޔޫސް ނުވެ ކުރިއަށް ދިއުމަށް ހިތްވަރު ދެއްވިއެވެ. ފާރިސް ތަކުރާރުކޮށް ވިދާޅުވީ ދިވެހިންނަށް ކަންކަން ވާނެ ކަމަށާއި، އަދި ދިވެހިރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ މޮޅެތި، ޤާބިލު މީހުން އެބަތިބި ކަމަށެވެ،