15 ޖަނަވަރީ 2025

އެމްޑީޕީގެ މެނިފެސްޓޯ: ހާސްކަމެއް ނެތް ޒުވާން ޖީލެއްގެ އަމާޒަށް

ރާއްޖޭގެ އެއްވެސް ޒުވާނަކު ބާކީނުކޮށް, ހާސްކަމެއް ނެތް ޒުވާން ޖީލެއް ބިނާކުރުމުގެ ވައުދުތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ރޭ ހުށަހަޅުއްވައި ދެއްވައިފިއެވެ.

ދެވަނަ ދައުރަކަށް ނުކުންނަވައި ހުންނެވި ރައީސްގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ ޒުވާނުންނާ ގުޅޭ ސިޔާސަތު ކަމަށްވާ "އާ ޒުވާނުންގެ ޖީލް" ރޭ ވަނީ ލޯންޗުކޮށްފައެވެ.

މި ސިޔާސަތުތައް ހާމަކުރެއްވި, ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ، މި ކަންކަން ހުށަހެޅުމުން އަބަދުވެސް އިވެނީ ނުވާނެއޭ ކިޔާ އަޑު ކަމަށެވެ. އެކަމަކު، މި ސަރުކާރުން ކަންކަން ކޮށްފި ކަމަށާއި ދެން ވެސް ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، މި ސިޔާސަތުގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ ޒުވާނުންނަށް އަގު ހެޔޮކޮށް ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމެވެ. އެ ސިޔާސަތުގައިވާ ގޮތުން ޒުވާނުންނަށް ހާއްސަކޮށް އެފޯޑަބަލް ހައުސިން ފްލެޓްތައް އަޅާނެ އެވެ.

ސްޓޫޑިއޯ ސްޕޭސަސް އާއި ކޯ ލިވިން ސްޕޭސަސްގެ އިތުރުން ކައުންސިލް ހައުސިން ވެސް ތައާރަފް ކުރާނެ ކަމަށް ސިޔާސަތުގައިވާއިރު، އަމިއްލަ ގެދޮރު ބިނާކުރަން ބޭނުންވާ ޒުވާނުންނަށް ހަ ޕަސެންޓް އިންޓްރެސްޓަށް ވުރެ އިތުރު ނުވާނެ ގޮތަށް ލޯނު ހަމަޖެއްސުމަށް ވެސް ސިޔާސަތުގައި ކަނޑައަޅާފައިވެއެވެ.

ޒުވާނުންގެ މެނިފެސްޓޯގެ ބައެއް ވައުދުތައް:

  • ވަގުތީ ހިޔާވަހިކަމަށް ކައުންސިލް ހައުސިން ފޯރުކޮށްދިނުން
  • އަމިއްލަ ބޯހިޔާވަހިކަމެއް ހޯދައިދޭން ލޯނު ހަމަޖެއްސުން
  • އަތޮޅުތަކުގައި ތިބެގެން މަތީ ތައުލީމަށް ސަރަހައްދީ ދަނާލްތައް ގާއިމްކުރުން
  • މެންޓަލް ހެލްތު ކޮންސަލްޓޭޝަން ގައުމީ ފެންވަރުގައި ގާއިމްކުރުން
  • 18 އަހަރުން މަތީގެ އެންމެން މެންޓަލް ހެލްތަށް ސްކްރީންކުރުން
  • ޕްރައިމަރީ ހެލްތު ކެއާގައި ރަޖިސްޓްރީކޮށް ފަރުވާ ފޯރުކޮށްދިނުން
  • ފިޓްނަސް ދާއިރާ ބައިނަލްއަގުވާމީ މިންގަނޑަށް ކުރިއެރުވުން
  • އެކި ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން.
  • ތިލަފުއްޓާއި އެކި ރަށްރަށުގައި ރޭސިން ޓްރެކް އެޅުން
  • އިޖުތިމާއީ މަރުކަޒުތައް ކޮމިއުނިޓީ އެމްޕަވާމަންޓް ސެންޓަރުތަކަކަށް ބަދަލުކުރުން.

ކުޅިވަރާ ގުޅޭ ގޮތުން ވެސް ގިނަ ވައުދުތަކެއް ސިޔާސަތުގައި ހިމަނާފައިވާއިރު، ކޮންމެ ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރަން ހިމަނާފައިވެއެވެ. އަދި، އީ ސްޕޯޓިން އާއި މާޝަލް އާޓްސް ފަދަ ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ވެސް ރަށްރަށުގައި ގާއިމް ކުރަން ނިންމާފައިވެއެވެ.

މޫދު ކުޅިވަރާއި ބީޗް ކުޅިވަރުގެ ގިނަ މުބާރާތްތައް ބޭއްވުމާއި، ފުޓްސަލް ނޭޝަނަލް މުބާރާތް ތައާރަފްކޮށް ފުޓްސަލް އެރީނާއެއް ގާއިމް ކުރަން ވެސް ނިންމާފައިވެއެވެ.

ޒުވާނުންނަށްޓަކައި މުނިފޫހިފިލުވުމަށް އެކި ކޮމްޕްލެކްސްތަކާއި އޮޑިޓޯރިއަމްތައް ރަށްރަށުގައި އަޅައި، އެންޖީއޯތަކަށް ހާއްސަކޮށް ކޯ ވޯކިން ސްޕޭސް ވެސް ރަށްރަށުގައި ޤާއިމުކޮށް، ފަންނުވެރިންނަށް ޓްރެއިނިން ހެދޭނެ ތަންތަން ހަދަންވެސް ހިމެނިފައިވެއެވެ.

ވިޔަފާރިތަކުގެ ވިސްނުން ގެންގުޅޭ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ހަބްތަކެއް ރަށްތަކުގައި ގާއިމްކުރުމާއި، ކުދި ވިޔަފާރިތަކަށް ބޭނުންވާ ސާމާނު ގަތުމަށް މައިކްރޯ ފައިނޭންސިން ސްކީމެއް ތައާރަފްކުރަންވެސް ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު