ރިޔާސީ އިންތިހާބަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފުރައިގެން ދިޔަ ދީގެން ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ވެރިޔާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް މިއަދު ހއ.ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައެވެ.
އަދުރޭ ވިދާޅުވީ ވެރިކަމަށް އަންނަ ގޮތަށް ރައީސް ޞާލިހްގެ ޕާސްޕޯޓް ހިފަހައްޓާނަން ކަމަށާއި، އަންނަ ދައުރު ނިމެންދެން އިބްރާހިމް މުހައްމަދު ޞާލިހް އޮންނަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ޖަލުގައި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހަކީ ދިވެހިރާއްޖޭގެ ތާރީޚް ދުއް އެންމެ ބޮޑު ޣައްދާރު ކަމަށާއި، އޭނާ ފުރައިގެންދިޔަ ދީގެން ނުވާނެ ކަމަށެވެ.
އަދި ރައީސް ޔާމީން މިނިވަން ކުރަން ބޭނުންވާނަމަ މުއިއްޒަށް ވޯޓް ދޭން ޖެހޭ ކަމަށެވެ.
"އެއަށްވުރެ އަނިޔާވެރި ނުބައި ނުލަފާ، ޖައްބާރު، ޖާހިލު ވެރިޔެއް އަދި މިގައުމުގެ ވެރިކަމަކަށް ނާދޭ. އޭނާ އަނިޔާވެރިވީ ވަކި މީހަކަށް ނޫން. މުޅި ގައުމަށް. ދިވެހި ރައްޔިތުންނަށް، ދިވެހި ފަސްގަނޑަށް، ދިވެހި ގައުމުގެ އެންމެހާ ބަހާތަނަށް. މިގައުމުގެ މިނިވަންކަމަށް. މިގައުމުގެ ސިޔާދަތައް، މިގައުމިގެ އިސްތިގުލާލަށް. ދިވެހިރާއްޖޭގެ މާލިއްޔަތައް. ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް."
އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޞާލިހް ހިޔާނާތްތެރިނުވާ އެއްވެސް ކަމެއް ދިވެހިރާއްޖޭގައި ނެތް ކަމަށެވެ. އަދުރޭ ވިދާޅުވީ ރައީސް ޞާލިހާއި އެމަނިކުފާނުގެ އައުވާނުންނަކީ މިހާރުން މިހާރަށް ގައުމުން ފައްސައި، ނަގާލަން ޖެހޭ މީހުން ކަމަށެވެ.
"ދިވެހި ރައްޔިތުން ނިކުންނަންވާ ކަޅުއޮއްފުއްމިއެއްގައި އޭނާ ހައްޔަރު ކުރަން. ވެރިކަން ނިމިގެން ފުރައިގެން ދިޔަ ދީގެން ނުވާނެ. އޭނާ އަށް ހައްގު އަދަބު ދޭން އެބަޖެހޭ. ހިޔާނާތްތެރިޔަކަށް ދޭ އަދަބު ދޭން އެބަޖެހޭ. އަނިޔާވެރިކަން ދޭން ޖެހޭ އަދަބު ދޭން އެބަޖެހޭ." އަދުރޭ ވިދާޅުވިއެވެ.
މުއިއްޒުގެ ކެމްޕޭންގައި، ބޮޮޑޫ ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ހޯރަފުއްޓަށް ވަޑައިގަތުމަށްފަހު ދެން ވަޑައިގަންނަވާނީ އުތީމަށެވެ.