ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ ޔޫއޭއީގެ ޝާހީ އާއިލާއާ ގުޅިފައިވާ ބައެއް ކަމަށާއި އެ މަސައްކަތް ނިމޭއިރު މި ރަށް އިގްތިޞާދީ މަރުކަޒަކަށްވެ، ޔޫއޭއީގެ ޝާހީ އާއިލާ ހަބަކަށް މި ސަރަހައްދު ބަދަލުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި އޮންނަ އެންމެ ބާރު ބޮޑު އެއް އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި، މިދިޔަ ސަރުކާރުން މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓެވެ. ރައީސް ޞާލިހު މިއަދު ވިދާޅުވީ، ޔޫއޭއީގެ ޝާހީ އާއިލާއާ ގުޅުން އޮންނަ ކުންފުންޏަކުން އެއާޕޯޓާ ގުޅުން ހުރި މަސައްކަތްތައް ކުރާއިރު، އެއާޕޯޓު ބޮޑުކޮށް، މި ސަރަހައްދުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރަން ނިންމައި ހުށަހަޅާފައިވާ ކަމަށެވެ.
އެ ކުންފުނީގެ ފަރާތުން ރައީސާ ބައްދަލުކޮށް، އެއާޕޯޓު ބޮޑުކުރަން ހުށަހެޅި ހުށަހެޅުންތަކާއެކު، އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ އެއާޕޯޓު ވެގެންދާނީ އެ ވިދާޅުވާހެން ރާއްޖޭގައި އޮތް އެންމެ ދިގު ރަންވޭއަށް. އެ މީހުންގެ ތަސައްވަރެއް އެބައޮތް. އެ ހުރިހާ އެއްޗެއް އަޅުގަނޑުމެންނާ ހިއްސާކުރި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީއާ ގުޅޭ އިތުރު މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެ މަޝްވަރާތަކުގެ ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ސީދާ ޔޫރަޕުން ރާއްޖެއަށް ފްލައިޓު އަންނާނެ ކަމަށާއި، ޓޫރިޒަމް އިތުރަށް ފުޅާކުރާނެ؛ އެ ކަމަށް ބޭނުންވާ ބައެއް ރަށްތައް އެ ކުންފުންޏަށް މިހާރު ވަނީ ދީފައި ކަމަށާއި، އެއާލައިނެއްގެ ވާހަކަ ވެސް ޔޫއޭއީގެ ފަރާތްތަކާ އެކު ވަނީ ދެކެވިފައި ކަމަށެވެ.
"ޔޫއޭއީގެ އަބޫދާބީގެ ރޯޔަލް ފެމިލީއާ ގުޅިފައި އޮތް މަސައްކަތެއް އެއީ. ފުރިހަމަ ޔަގީންކަން އެބައޮތް އެކަން އެ ބޭފުޅުން ކުރައްވާނެކަން" ރައީސް ވިދާޅުވި އެވެ.
"ކަންވެ ނިމިގެންދާއިރު މި ތަން ވެގެންދާނެ، އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އެ ބޭފުޅުންގެ ހަބެއްގެ ގޮތަށް."
މީގެ އިތުރުން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ސީޕްލޭން ހިދުމަތް މާފަރުން އަތޮޅުގެ އެހެން ރަށްރަށަށް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މާފަރު އެއާޕޯޓްގައި މިހާރު އޮންނަނީ 2،200 މީޓަރުގެ ރަންވޭއެކެވެ. އަދި އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ބޯޓްތައް މިހާރު ޖެއްސެއެވެ. އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ރަންވޭއަށް އިތުރު 650 މީޓަރު އިތުރުކޮށް، ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކައި ތޮށިލުން؛ އޭރުން ބޯއިން 777ގެ ބޯޓްތަކަށް ޖެއްސޭ ގޮތް ހަދައި، ޓެކްސީވޭ ފުޅާކޮށް، އޭޖީއެލް އަޕްގްރޭޑްކޮށް، ޕަވަ ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވެއެވެ.