ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫންގެ ރިޔާސީ މެނިފެސްޓޯ އާންމުކުރިއިރު، ޑިޖިޓަލް އިކޮނޮމީ އާއެކު "ޑިޖިޓަލް ވޮލެޓް" ތަޢާރަފްކުރުމަށް ހިމަނައިފިއެވެ.
ރޭ ސަލްޓަންޕާކްގައި ބޭއްވި ޖަލްސާގައި ފާރިސްއާއި، ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފްގެ ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކޮށް، މެނިފެސްޓޯ ލޯންޗުކޮށްފައިވެއެވެ.
އެ ޖަލްސާގައި ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ފާރިސްގެ މަންމާފުޅު ނަސްރީނާ އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ފާރިސްއާއި ރަނިންމޭޓް ޑރ. ޢަބްދުއްސައްތާރެވެ.
ރޭގެ ހަފްލާގައި ވަނީ ފާރިސްގެ މެނިފެސްޓޯ ވައުދުތައް އާއްމުކޮށްފައެވެ. އެގޮތުން ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތަކީ، "އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ގެންނަ އިޤްތިޞާދީ އިންގިލާބު" މި ސިޔާސަތެވެ. ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ހަމައެހެންމެ، ޑިޖިޓަލް އިކޮނޮމީގެ ދަށުން، އެމް.އެމް.އޭ މެދުވެރިކޮށް ޑިޖިޓަލް ބޭންކިންގް އަށާއި ޑިޖިޓަލް ވޮލެޓަށް ޚާއްޞަ ލައިސެންސް އެއް ދޫކުރުމުގެ އިންތިޒާމު ގާއިމުކުރުމާއި ރާއްޖެ ޑިޖިޓަލް ފައިނޭންޝިއަލް ހަބަކަށް ހެދުމާއި، ޑިޖިޓަލް އެސެޓް އެކްސްޗޭންޖް ތަކެއް ރާއްޖެގެ އިޤްތިޞާއަށް ހުޅުވާލުމާއި، ޑިޖިޓަލް ކްރިއޭޓިވް ސިނާޢަތެއް އުފެއްދުމަށް ވަނީ، މެނިފެސްޓޯގައި ހިމަނާފައެވެ.
މީގެއިތުރުން، ޢާންމު ދިރިއުޅުމުގެ ޚަރަދުތަކަށް ހައްލު ހޯދުމުގެ ވަޢުދުގެ ދަށުން، ފެނާއި ކަރަންޓު އަދި ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރުމާއި، މިހާރު ހުރި ހައުސިންގ ނީޑްސް އަދި ހައުސިންގ ސްޓޮކް ދެނެގަނެވޭ ގޮތަށް ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރާއި, އަގުތައް ހިފެހެއްޓުމަށްޓަކައި އެފޯޑަބަލް ހައުސިންގގެ އަދަދު އިތުރުކުރުމަށްވެސް ހިމަނާފައިވެއެވެ.
ހަަމައެހެންމެ، އުފެއްދުންތެރިކަން އިތުރުކޮށް ވަރުގަދަކުރުމަށް މެނިފޯސްޓޯގައި ހިމަނާފައިވާއިރު، ސްޓާރޓް-އަޕް މޯލްޑިވްސް ބްރޭންޑެއް އުފެއްދުމާއި، ލޯކަލް ބްރޭންޑްތައް އުފައްދައި އެ ފުޅާކުރުމަށް އެހީވެދިނުމާއި، އަދި ޒަމާނަށް ފެތޭ ވިޔަފާއިތައް ރާއްޖެއަށް ތަޢާރަފުކޮށް ކުރިއަށް ގެންދިޔުން ހިމެނިފައިވެއެވެ.