Wednesday, 19 June 2024
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗް ކުރުން

ޤާސިމްގެ ވެރިކަމެއްގައި ކޮންމެ ރަށެއްގައި "ފްރީ ވައިފައި ޒޯން"

ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހިލޭ ވައިފައި ލިބޭ ސަރަހައްދެއް ކޮންމެ ރަށެއްގައިވެސް ޤާއިމުކުރާނެކަމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ވެބްސައިޓްގައި ވެސް ޝާއިއުކޮށްފައިވާ މެނިފެސްޓޯގައި ވަނީ، ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ހަދައި، ރަށްރަށުގައި ހިލޭ ވައިފައި ލިބޭ ވަކިވަކި ސަރަހައްދުތައް ގާއިމުކުރާނެ ކަމަށެވެ.

ޤައުމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ނިޒާމެއް ގާއިމުކޮށް ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސްކުރުމާއި މިނިޒާމުގެ ތެރެއިން ސަރަހައްދުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން ހުރިހާ ގޭބިސީއަކަށް އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ހަދައި ދަށްވެގެން 25 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ކަނެކްޝަން ލިބޭގޮތް ހެދުމާއި ސްކޫލްތަކާއި ތައުލީމީ މަރުކަޒުތަކުގައި ބޭނުންކުރާނެ ގައުމީ ޒަމާނީ އީލާނިންގ ސިސްޓަމެއް ގާއިމުކުރުމާއި ޓެކްނޮލޮޖީއަށް ލޯބިކުރާ ޒުވާނުންގެ އީޖާދީ ފަންނުވެރިކަން ކުރި އަރުވައި ވިއްކުމަށްޓަކައި އެފަދަ ފަރާތްތަކުގެ ހިއްސާ އޮންނަ ޕަބްލިކް ސޮފްޓްވެއަރ ކުންފުންޏެއް އުފެއްދުން ހިމެނެއެވެ.

މީގެ އިތުރުން، އޭއައި އާއި ބިގްޑޭޓާގެ އެހީގައި ސަރުކާރުގެ ނިންމުންތައް ނިންމޭނެ ނިޒާމެއް ގާއިމުކުރުމާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުފެއްދުމުގެ އިތުރުން ރާއްޖޭގައި އޮންލައިން މާހައުލަކީ ކުދިންނަށް ރައްކާތެރިކަން ހެދުމަކީވެސް "ސްމަޓް ރާއްޖެ" ޝިއާރުގެ ދަށުން ޖޭޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމެވެ.

ޖުމްހޫރީ ޕާޓީން ބުނާ ގޮތުގައި، މި މެނިފެސްޓޯއަކީ ދިވެހިރާއްޖެ ތަހުޒީބުގެ އައު މަންޒިލަކަށް ގެންގޮސްދޭނޭ މަގެވެ. އަދި އެމަގުގައި ދިވެހީން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ތަޖުރިބާއާއި ޤާބިލުކަން ޤާސިމް އިބްރާހީމް ވަނީ ހޯއްދަވާފައެވެ.

އައު ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރިއާއި އިޤްތިޞާދު ހަރުދަނާކުރެވޭނެ ގޮތްތަކާއި، ސިއްހަތާއި ތައުލީމާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި، ވަކި އަތަކަށް ބުރަނުވާ "ދިވެހިން ފުރަތަމަ"އަށް އަންނަ ޚާރިޖީ ސިޔާސަތާއި، ތިމާވެށި ހިމާޔަތްކުރުމާއި އާޓިފިޝަލް އިންޓެލިޖަންސަށް އަހުލުވެރި ރާއްޖެއެއް އުފަންކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމަށް، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރައްވާނެކަމަށް ޤާސިމް އިބްރާހިމް ވަޢުދުވެވަޑައިގަންނަވައެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ.

ޤާސިމް އިބްރާހީމްގެ މެނިފެސްޓޯގެ އަސާސްތައް:

 • ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ޙިމާޔަތްކުރުން.
 • ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުން.
 • ވޯޓު ހޯދުމުގެ ބޭނުމުގައި ނުފުއްދޭނޭ ވަޢުދުނުވުން.
 • ރައްޔިތުންގެ މުދާ ޙިމާޔަތްކުރުމާއި ފައިސާއަށް ފުރިހަމައަށް ޒިންމާވުން.
 • ތަރައްޤީގައި ހުރިހާ ރައްޔިތުން ޝާމިލްކުރުން.
 • ދަރަނިން ސަލާމަތްވެ އިޤްތިޞާދުގެ ދުވެލި ބާރުކޮށް އެންމެނަށް ނަފާ ހޯދައިދިނުން.
 • ޞިއްޙީ ފަރުވާ ފުރިހަމައަށް އަވަހަށް ހޯދައިދިނުން.
 • ޒަމާނީ ތަޢުލީމާއި ތަމްރީން ދިނުން.
 • ޒަމާނީ ޓެކްނޮލޮޖީ ރާއްޖޭގެ ތަރައްޤީގައި ފުރިހަމައަށް ބޭނުން ކުރުން.
 • ބޯހިޔާވަހިކަން ނެތުމުގެ ހާސްކަން ނިމުމަކަށް ގެނައުން.
 • ޢަދުލުވެރި، ރައްކާތެރި، ވެއްޓެއް ކަށަވަރު ކުރުން.
 • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކަމާއި، އަޅާލުމާއި، ފުދުންތެރިކަން ހޯދައިދިނުން.
 • އިޖްތިމާޢީ ރައްކާތެރިކަމާއި ޤަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުން.
 • އޯގާތެރި، ހަމަހަމަ، ޚުލްޤުހެޔޮ މުޖްތަމަޢެއް ބިނާކުރުން.
 • ކުޑަކުދިންގެ ޙައްގުތައް ހިމާޔަތްކޮށް، އަންހެނުން ބާރުވެރިކުރުވައި، އިސްރަށްވެހިންނަށް ޙައްޤު ޝަރަފާއި އަޅާލުންދިނުން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު