މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފުރަތަމަ ރައީސް، އިބްރާހީމް އިސްމާޢީލް (އިބުރާ) އެ ޕާޓީން އިސްތިއުފާދެއްވައިފިއެވެ.
އިބްރާގެ ކޮއްކޯފުޅު، އެމްޑީޕީގެ ޗެއާޕާސަން އަދި ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީއާ ވެރިކަން ހަވާލުކޮށް، އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭވަރަށް، މަޖިލީހުގެ 75 އިންސައްތައަށް ވުރެ މަތިން ގޮނޑިތައް ރައްޔިތުން ދިނީ އަދުލްއިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭނެ ސަރުކާރެއް ޤާއިމުކުރުމުގެ އުއްމީދުގައި ކަމަށެވެ.
އިބުރާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު މިއަދު ހިންގަނީ ދައުލަތުގެ މުދަލާއި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދެމެހެއްޓުމަށް ހޭދަކުރާން ހުރި އެއްޗެހިކަމުގައި ދެކިގެން، ހުޝާމަދު ކުރާ މުނާފިގުންނަށް ކަންކަން ފަހިކުރުމާއި، ހެޔޮނިޔަތުގައި ކަމެއް ރަނގަޅުކުރާން ބަސް ބުނާ މީހުންގެ މައްޗަށް އަނިޔާވެރިވެގެން ކަމަށް ކަމަށެވެ.
އަހުރެން އެމް.ޑީ.ޕީ އިން ވަކިވެއްޖައީމެވެ. 😔 pic.twitter.com/MBlCk1jyF8
— Maverick Ibra (@ibramandhu) August 14, 2023
އޭނާ ވިދާޅުވީ، ފާއިތުވަމުން މިދާ ފަސް އަހަރު، ސިވިލް ކޯޓަކީ ބަންޑާރަނައިބުގެ އޮފީހުގެ ސެކްޝަނަކަށް އެމްޑީޕީން ބަދަލުކޮށްފި ކަމަށާއި، އަދުލުއިންސާފު ޤާއިމްކުރުމަށް މި ސަރުކާރު ނުކުޅެދިފައިވާކަމަށާއި، މިއަދު ހައިކޯޓު ހިނގަމުން ދަނީ ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ކަމަށާއި، އަދި ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް، ޤާނޫނުގެ އިމުން ބޭރުން ރައްޔިތުންގެ މިނިވަންކަމާއި ހައްގުތަށް ހިފަހައްޓަމުންދާއިރު، އެކަންކަމާއި އެ ބޭފުޅުން ދިފާއުކުރައްވަން ނުކުންނަވަނީ ބަންޑާރަނައިބު ކަމަށެވެ.
މިއަދު އެމްޑީޕީގެ އިސް ސަފުގައި، ބަސްކިޔައި ގޮތްނިންމަން ތިބީ، އެ ޕާޓީ އުފެއްދިޔަ ނުދީ، އެ ޕާޓީގެ ދުންފުނި ހަރުގެ ފުނޑުކޮށްލައި، އެކަން ދިފާއުކުރި މީހުން ކަމަށާއި، މިއަދު މަޖިލީހުގައި ވެސް އެ ޕާޓީގެ ނަމުގައި ހުރިހައި ބާރުވެރިކަމެއް ދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެން ތިބި އޭރުގެ ޑީއާރުޕީގެ މެމްބަރުން ކަމަށާއި، އަދި އަސްލު އެމްޑީޕީގެ މީހުންނަކީ މިއަދު އެ ޕާޓީގެ އެއްވެސް ހިސާބެއްގައި ބަސްވިކޭ ބައެއް ނޫންކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
އިބުރާ އެމްޑީޕީއިން ވަކިވެވަޑައިގެންނެވި އިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވިއިރު، އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެމްބަރުން ތަކެއް ވެސް ވަނީ އެ ޕާޓީ ދޫކޮށް، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައެވެ.