ކ. މާފުށިން ގޯތި ލިބޭ 308 މީހުންގެ ވަގުތީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފިއެވެ.
މާލެއަތޮޅު މާފުށީ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައި ވަނީ، މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލުގެ ދަށުން މާފުށިން ބަންޑާރަ ގޯތި ހޯދުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ލިސްޓާ މެދުގައި އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށާއި، ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެން ކަމަށް ވިދާޅުވެފައިވެއެވެ.
ގޯތި ލިސްޓުގައިވާ ގޮތުން، ޖުމްލަގޮތެއްގައި ގޯތި ލިބިފައި ތިބީ މާފުށީގެ ރަޖިސްޓްރީގައި ހިމެނޭ ރައްޔިތުންނަށެވެ. ކ. މާފުށިން ގޯއްޗަށް ހުޅުވާލާފައި ވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅެވެ.
މާފުށިން ގޯތި ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް އެ ރަށުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ގިނަ އިން ލިބޭ ގޮތަށެވެ. މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓު ކަނޑައަޅާފައިވެއެވެ. އުސޫލު އޮތީ މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ، އެ ރަށު ހިއްކި ބިމުން ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށެވެ.
މީގެއިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުމާއި އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ، އެ ބިން ދޫކޮށްލުން ޝަރުތުކޮށްފައިވެއެވެ.