25 ޖަނަވަރީ 2025

ފާރިސްގެ މެނިފެސްޓޯ: ފެނާއި ކަރަންޓާއި ކާޑުގެ އަގު ހެޔޮކުރާނަން

ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން، ފެނާއި ކަރަންޓު އަދި ކާޑުގެ ބާވައްތަތަކުގެ އަގު ހެޔޮ ކުރައްވާނެކަމަށް، ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމަނުއްވައިފިއެވެ.

ފާރިސްގެ މެނިފެސްޓޯ އިފްތިތާޙްކޮށްފައިވަނީ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައެވެ. މެނިފެސްޓޯ އިފްތިތާޙްކޮށްދެއްވީ ރިޔާސީ ކެންޑިޑޭޓް ފާރިސް މައުމޫނެވެ.

ޢާންމު ދިރިއުޅުމުގެ ޚަރަދުތަކަށް ހައްލު ހޯދުމުގެ ވަޢުދުގެ ދަށުން، ފެނާއި ކަރަންޓު އަދި ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރުމާއި، މިހާރު ހުރި ހައުސިންގ ނީޑްސް އަދި ހައުސިންގ ސްޓޮކް ދެނެގަނެވޭ ގޮތަށް ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރާއި, އަގުތައް ހިފެހެއްޓުމަށްޓަކައި އެފޯޑަބަލް ހައުސިންގގެ އަދަދު އިތުރުކުރުމަށްވެސް ހިމަނާފައިވެއެވެ.

ހަަމައެހެންމެ، އުފެއްދުންތެރިކަން އިތުރުކޮށް ވަރުގަދަކުރުމަށް މެނިފޯސްޓޯގައި ހިމަނާފައިވާއިރު، ސްޓާރޓް-އަޕް މޯލްޑިވްސް ބްރޭންޑެއް އުފެއްދުމާއި، ލޯކަލް ބްރޭންޑްތައް އުފައްދައި އެ ފުޅާކުރުމަށް އެހީވެދިނުމާއި، އަދި ޒަމާނަށް ފެތޭ ވިޔަފާއިތައް ރާއްޖެއަށް ތަޢާރަފުކޮށް ކުރިއަށް ގެންދިޔުން ހިމެނިފައިވެއެވެ.

އިޖުތިމާޢީ އިޤްތިޞާދީ އަދި ދީނީގޮތުން ފާހަގަކުރެވޭ މުހިއްމުކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފާރިސް މައުމޫންވަނީ އެކި ދާއިރާތަކުން ގެނެސްދެއްވާނެ ބޮޑެތި ބަދަލުތައް ހާމަކުރައްވާފައެވެ. ފާރިސް ވިދާޅުވީ ރާއްޖެ ރަނގަޅު މަގަކަށް އަނބުރާލުމަށްޓަކާ ކުރަންޖެހޭ ބައެއް ކަންތައްތައް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށެވެ.

ފާރިސް މައުމޫން ވިދާޅުވީ، ރާއްޖޭގެ ކުރު ޑިމޮކްރަސީގެ ހަޔާތުގައި ޕާޓީތައް އަމަލުކޮށްފައި ހުރިގޮތުން ރައްޔިތުންތިބީ ޕާޓީތަކާމެދު ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށެއެވެ. ފާރިސްގެ މެނިފެސްޓޯގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޚިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުކުރެވޭނަމަ، އެ މެންބަރެއްގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ޕެޓިޝަނެއް ހުށަހަޅާ، އޭނާ މަގާމުން ދުރުކުރެވޭނެ އިންތިޒާމް ގާއިމް ކުރުމަށް ކަނޑައަޅާފައިވެއެވެ.

"މިހެން ބުނެވެނީ އަޅުގަނޑުގެ ޕާޓީއެއް އޮވެގެން ޕާޓީގެ މަޖިލިސް މެންބަރުންތަކެއް ނެތީމައި. މަޖިލިސް މެންބަރުން ހިމެނޭ ޕާޓީއެއްގެ ކެނޑިޑޭޓެއް ނިކުމެ އަޅުގަނޑު މި ދަންނަވާ އެއްޗެއް ވިދާޅެއް ނުވެވޭނެ. އެއީ އެބޭފުޅުއްނާ އެކީ އެތިއްބަވާ މަޖިލިސް މެންބަރުން އެކަން ހުއްދައެއް ނުކުރައްވާ. އެއީ އެބޭފުޅުން ބާރެއް ދޫކޮށްލަން ޖެހޭ ކަމެއްވީމަ." ފާރިސް މައުމޫން ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިސްލާހުކުރުމަށް ނިންމެވީ ގިނަ ރައްޔިތުންނާއި ވާހަކަދައްކައި އެރައްޔިތުން ބޭނުންވާ ބަދަލު ގެންނެވުމުގެ ނިޔަތުގައިކަމަށެވެ.

ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި ޤައުމީއުފެއްދުންތެރިކަން އިތުރުކޮށް، ކުށްކުރާ މީހުން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމާއި، ޓެކްސްގެ ނިޒާމަށް ބަދަލުގެނެސް ލުއިފަސޭހަކުރުމާއި،ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުންފަދަ ކަންކަން ހިމަނާފައިވެއެވެ.

ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތަކީ، "އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ގެންނަ އިޤްތިޞާދީ އިންގިލާބު" މި ސިޔާސަތެވެ. ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު