ޑިމޮކްރެޓުންގެ މެނިފެސްޓޯގައި، ފަންނުވެރިކަމާއި ކުޅިވަރަށް ވެފައިވާ އިހުމާލުތައް ނައްތާލުމުގެ ވަޢުދު ހިމަނައިފިއެވެ.
ޑިމޮކްރެޓްސްއިން ހާމަކުރައްވާ ގޮތުގައި، ދިވެހި ޒުވާނުން އެންމެ ބޮޑަށް ޑިމާންޑުކުރާ ނަމަވެސް ގިނަ ސަރުކާރުތަކުން އެކަންކަމަށް އެކަށީގެންވާ މިންވަރެއްގައި އަޅާނުލެވޭ ދާއިރާތަކުގެ ތެރޭގައި ފަންނުވެރިކަމާއި ކުޅިވަރު ހިމެނޭނެއެވެ.
އަދި ޑިމޮކްރެޓުންގެ ސަގާފަތާއި، ފަންނުވެރިކަމާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ސިޔާސަތުގެ ދަށުން، މި ޕާޓީގެ ސަރުކާރެއްގައި އެ ދާއިރާތަކަށް މިހާރު ވެފައިވާ އިހުމާލުތައް ނައްތާލާ ހަގީގީ ގޮތެއްގައި ކުރިއެރުން ހޯދައިދެވޭނެ ކަމަށް އެޕާޓީގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމުގެ ދަށުން ގާއިމުކުރެވޭ އާބަން ސެންޓަރުތަކުގައި ސިނާމަތައް ގާއިމުކޮށް، ސިޓީ ތަކުގައި ފައިން އާޓްސް ސްޓޫޑިއޯތައް ގާއިމުކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށާއި، އަދި ފަންނީ އެކި ދާއިރާތަކުގެ މަސައްކަތް އެ ފަންނެއްގެ އޯޑިއަންސަކާ ހަމައަށް ގެންގޮސްދިނުމަށް އެ ފަންނުވެރިންނަށް ބޭނުންވާ ޝޯތަކާއި އެގްޒިބިޝަންތައް ބާއްވަދީ ވަސީލަތްތައް ގާއިމުކުރުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
މީގެއިތުރުން ދިވެހި ކުޅިވަރު ކުރިއަރުވާ ދިވެހު ގައުމީ ޓީމުތަކަކީ އެ ޓީމެއް ނުވަތަ ކުޅުންތެރިއެއް ނިސްބަތްވާ ކުޅިވަރެއްގެ ބައިނަލްއަގުވާމީ މުބާރާތްތަކުގަ ވާދަކޮށް ނަތީޖާ ނެރެވޭނެ ބައެއް ކަމުގައި ހެދުމަށް ހުރިހާ ގިންތިއެއްގައި މަސައްކަތް ކުރެވިގެންދާނެ ކަމަށާއި، އެގޮތުން ކުޅިވަރު މުއައްސަ ސާތަކަކީ ނަތީޖާއަށް ބަރޯސާވާ މެނޭޖްމަންޓް ސިސްޓަމެއްގެ ތެރެއިން ޒިންމާދާރުކަމާއި އެކު ދެފުށްފެންނަ ހާމަކަންބޮޑު ގޮތެއްގައި ހިންގޭ އަދި ފުރިހަމައަށް ޖަވާބުދާރީވާ މުއައްސަސާތަކަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.