މިއަހަރު ސެޕްޓެންބަރު މަހު 9 ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫންގެ ރަނިންމޭޓް، ޑރ. ޢަބްދުއްސައްތާރު ޔޫސުފް، ބ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން ތާޢީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި، އެމްއާރްއެމްގެ އެކްސްކޯރ މެންބަރު މުޙައްމަދު އަނީސް އާއި، ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ރަނިންމޭޓް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި، މިހާތަނަށް އެ އަތޮޅުގެ ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަށް ވަޑައިގެންފައިވެއެވެ. އެރަށްރަށަށް ވަޑައިގެން، ތާޢީދު ހޯއްދެވުމަށް ދޮރުންދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށްްރަށުގެ ކައުންސިލާވެސް ދަނީ ބައްދަލުކުރައްވަމުންނެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ވަގުތު ކުޑަތަންވެފައިވާއިރު، ފާރިސް ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންނާ ބައްދަލުކޮށް ތާޢީދު ހޯއްދެވުމުގެ މަސައްކަތްތަކެއް ފާރިސް ގެންދަވަނީ މާލޭގައި ކުރައްވަމުންނެވެ. އެގޮތުން މިހަފުތާގެ ތެރޭގައި އެކި ވަގުތުތަކުގައި، ފާރިސް މާލޭގައި ދޮރުންދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.
ފާރިސްގެ މެނިފެސްޓޯގައި ވައުދުތައް އާއްމުކޮށްފައިވާއިރު، ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތަކީ، "އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ގެންނަ އިޤްތިޞާދީ އިންގިލާބު" މި ސިޔާސަތެވެ. ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަ ކުރުން ހިމެނޭއިރު، ރާއްޖޭގެ ޓެކްސް ސިސްޓަމް ރިވިއުކޮށް ޖީ.އެސް.ޓީ 3% ޕަސަންޓަށް ތިރިކުރުމާއި، އެތެރެ ކުރާ ބާއްވަތްތަކުން ނަގާ ޑިޔުޓީ އުނިކުރުމާއި، ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެގޮތް ފުޅާކުރުމާއި، އަދި ޔޫޓިލިޓީ ކުންފުނިތައް ރަށުކައުންސިލު ދަށަށްގެނައުން ހިމެނެއެވެ.