އިންތިޚާބު ކާމިޔާބުވެއްޖެނަމަ، ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ބަދަލު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަތަރު އަތޮޅަކަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި ކުޑަހުވަދޫގައި މިރޭ ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭ ސަރުކާރެއް ނޫން ކަމަށާއި، ރައްޔިތުންނަށް ދަތިވަނީ ކޮން ކަމެއްތޯ މި ސަރުކާރުން ނުބަލާ ކަމަށެވެ.
ރައްޔިތުންގެ ވޯޓުން ސަރުކާރެއް ހޮވާ އިރު، ރައްޔިތުންނަށް ފަސޭހަ ނިންމުންތައް ނިންމަން ޖެހޭ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ބޮޑު ޗުއްޓީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރަށް ބަދަލު ކުރަން ނިންމި ނިންމުން ރަނގަޅު ނޫންކަމަށެވެ.
މިސަރުކާރުން ވަނީ 2019 ގައި ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތައް ބަންދުކޮށް ދަރިވަރުންނާއި ޓީޗަރުންނަށް ބޮޑު ޗުއްޓީ ލިބޭ ދުވަސް ވަރު ޖޫން ޖުލައިއަށް ބަދަލުކޮށްފައެވެ. އެ ބަދަލާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ. އެހެނީ އެދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރު ކަމަށްވެެފައި، ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވާތީ، އުފާވެރިކަމާއެކު ޗުއްޓީ ހޭދަކޮށްލަން ދަތިތަކެއް ހުރެއެވެ.
"ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލު ކުރީ. އެ ބަދަލުގެ ސަބަބުން އެ ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަކަށް ބޭނުމެއް ނުހިފޭ. އެކަމުގެ ސަބަބުން ބަންދުގެ ބޮޑު ބައި ގެއްލިގެންދަނީ،"
މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން ޖުލައި މަހު މިނިވަން ދުވަސް އަންނާނީ މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ސްކޫލް ދަރިވަރުން ބައިވެރި ކުރަން ޖެހޭތީ ބަންދުގެ ބޮޑު ބައެއް ގެއްލޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ވަރަށް ގިނަ ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ކަމަށާއި، އެ ބަދަލު ގެނައުމުގެ ވިސްނުން ހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ޑިސެމްބަރަށް އަނބުރާ ގެނައުމަށް ވަގުތު ބޭނުން ވާނެ. އެ ރޯލްވަމުން ގޮސް ދިރާސީ އާ އަހަރު ފެށޭ ދުވަސް ދެން ބަދަލު ކުރެވޭނީ 2025 ގެ ޖެނުއަރީގައި،" މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް މުއިއްޒު ވިދާޅުވީ އެ ނިންމުން ބަދަލު ކުރަން ވަގުތު ނަގާނެ ކަމަށާއި އެންމެ އަވަހަށް ވެސް ޖެނުއަރީ 2025 ގައި އެ ބަދަލު ގެނައުމަކީ އޭނާގެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.