މަޝްހޫރު ވިޔަފާރިވެރިޔާ، ލޮޓަސްގެ ވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) އިދިކޮޅު ޕީޕީއެމަށް މިރޭ ސޮއިކުރައްވައިފިއެވެ.
އާއްޓޭ ޕީޕީއެމާ ގުޅިވަޑައިގަތީ ދ. ކުޑަހުވަދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައެވެ. އާއްޓޭ ސޮއިކުރެއްވި ފޯމު ހަވާލު ކުރައްވާފައި ވަނީ މުއިއްޒުއާއެވެ.
އާއްޓޭއަކީ އެމްޑީޕީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ކުރިން އެ ޕާޓީގެ މެމްބަރެއް ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެން އާއްޓެ ވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނަށެވެ.
އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އާއްޓޭ ވިދާޅުވީ އެމްޑީޕީގެ ލޯގޯގައި ތިލަފަތެއް އިން ނަމަވެސް ހަމަހަމަކަމެއް ނެތް ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ހިންގެނީ އިންސާފުވެރި ޝަރީއަތްތަކެއް ކަން ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ވެސް ކޮށްފިން އެގޮތަށް އެކަން ދިމާވީމަ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބު އެއީ އަޅުގަނޑު ޕީޕީއެމާ ގުޅުނީ،" އާއްޓޭ ވިދާޅުވިއެވެ.
އާއްޓޭ ވިދާޅުވީ މިހާރު އޮތް ބޭއިންސާފު ސަރުކާރު ނިމުމަކަށް ގެނައުމަށް ބޭނުންވާ ކަމަށެވެ.
އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވިޔަސް ނަޝީދަށް އެމްޑީޕީ ރޫޅައެއް ނުލެވޭނެ ކަމަށާއި، އެމްޑީޕީ ރޫޅާލުމަށް ވުރެ ބޮޑަށް ދިމާކޮށްލެއްވި ތަން ފެނުނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒާ ކަމަށް އާއްޓޭ ވިދާޅުވިއެވެ.
އާއްޓޭ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު މުއިއްޒު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.