ކައިވެނި ނުކުރިޔަސް، ޒުވާނުންނަށް އައްޑޫ ސިޓީން ގޯތި ދިނުމަށް އައްޑޫ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރުގެ ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ، އައްޑޫ ސިޓީން ގިނަ އަދަަދެއްގެ ގޯތި ދޫކުރަން އިއުލާންކުރާނެކަން ފުރަތަމަ ހާމަކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ، ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ޒުވާނުންނަށް ގޯތިދޭން ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަދި މާދަން ލިސްޓް އިއުލާންކުރާނެކަމުގެ އުފާވެރި ޚަބަރު އޭނާ ދެއްވިއެވެ.
އައްޑޫ ސިޓީ އިން ގޯތިއަށް އެދިފައިވާ ފަރާތް ތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން ކައުންސިލް އިން ވަނީނިންމާފައި. ފުރަތަމަ ފަހަރަށް ކައިވެނި ނުކޮއް ތިބިކަމުގައި ވިޔަސް ޒުވާނުން ނަށް ގޯތިދޭން ކައުންސިލްއިން ވަނީ ނިންމާފައި. މާދަން ލިސްޓް އިއުލާން ކުރެވޭނެ.
— Ali Nizar (@DhekunuNizar) August 16, 2023
ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ހުޅުދޫން 100 ގޯތި، މީދޫން 100 ގޯތި، ފޭދޫން 350 ގޯތި އަދި ހިތަދޫން 400 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫއަށް ވަޑައިގެންނެވުމުން ހުޅުމީދޫގެ ރައްޔިތުން ހިއްސާކުރި އެންމެ މައިގަނޑު އެއް ކަނބޮޑުވުމަކީ ގޯތީގެ މައްސަލަކަން އެނގިފައިވެއެވެ.
ރައީސް ޞާލިޙް ކުރިން ވިދާޅުވެފައިވަނީ، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު އެންމެ ފުރަތަމަ ސިޓީއަކަށްވީ އައްޑޫ ކަމަށެވެ. އައްޑޫ، ސިޓީއަކަށް ބަދަލުވިއިރު އޮތީ ވަކި ރަށްތަކެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ވަކިން އޮތް ދެ ރަށް ކަމަށްވާ ހުޅުމީދޫ ހިންގުމުގައި އިދާރީ މައްސަލަތަކެއް ދިމާވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.