ފާރިސް، ކައުންސިލްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަވަނީ

މިއަހަރު ސެޕްޓެންބަރު މަހު 9 ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫން ފާރިސް ރަށްރަށުގެ ކައުންސިލްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަވަމުން އެބަގެންދަވައެެވެ.

"ފިޔަ އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން، ފާރިސްގެ ކެމްޕެއިން އޮފީހުން ވިދާޅުވީ، އެ ބައްދަލުވުންތަކުގެ ބޭނުމަކީ ފާރިސްގެ މެނިފެސްޓޯ ޕްރޮމޯޓްކުރުމާއި، ޤައުމުގެ ކަންކަން އިޞްލާޙްކުރުމުގައި ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި، ރަށްރަށުގެ ޙާލަތު ބެއްލެވުމުގެ އިތުުރުން، އެކަށައަޅާ ތަސައްވުުރުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށް ދިއުމެވެ.

މިހާތަނަށް، ފ، ނިލަންދޫ، ދިއްފުށި، ޅ. އޮޅުވެލިފުށި ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ވަގުތު ކުޑަތަންވެފައިވާއިރު، ފާރިސް ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންނާ ބައްދަލުކޮށް ތާޢީދު ހޯއްދެވުމުގެ މަސައްކަތްތަކެއް ފާރިސް ގެންދަވަނީ މާލޭގައި ކުރައްވަމުންނެވެ. އެގޮތުން މިހަފުތާގެ ތެރޭގައި އެކި ވަގުތުތަކުގައި، ފާރިސް މާލޭގައި ދޮރުންދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

މީގެއިތުރުން، ރަނިންމޭޓް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ.އަތޮޅުގެ ރަށްރަށަށް ވަޑައިގެން، ތާޢީދު ހޯއްދެވުމަށް ދޮރުންދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށްްރަށުގެ ކައުންސިލާވެސް ދަނީ ބައްދަލުކުރައްވަމުންނެވެ.

ފާރިސްގެ މެނިފެސްޓޯގައި ވައުދުތައް އާއްމުކޮށްފައިވާއިރު، ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތަކީ، "އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ގެންނަ އިޤްތިޞާދީ އިންގިލާބު" މި ސިޔާސަތެވެ. ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

މީގެއިތުރުން އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަ ކުރުން ހިމެނޭއިރު، ރާއްޖޭގެ ޓެކްސް ސިސްޓަމް ރިވިއުކޮށް ޖީ.އެސް.ޓީ 3 ޕަސަންޓަށް ތިރިކުރުމާއި، އެތެރެ ކުރާ ބާއްވަތްތަކުން ނަގާ ޑިޔުޓީ އުނިކުރުމާއި، ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެގޮތް ފުޅާކުރުމާއި، އަދި ޔޫޓިލިޓީ ކުންފުނިތައް ރަށުކައުންސިލު ދަށަށްގެނައުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު