ރައީސް ޞާލިޙުގެ ސަރުކާރަށް ފާޑުވިދާޅުވަމުން، ގިރާވަރު ފަޅު ހިއްކާ ވާހަކައަކީ މާބޮޑު ޕްލޭނެއް ނެތް ދުރު ވާހަކައެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިހާރު ކުރިއަށްދާއިރު، ބައެއް ފަރާތްތަކަށް ގިރާވަރު ފަޅުން ގޯތި ލިބުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަހައްދުގެ ހިކިފަސް ތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ކަމަށާއި، ގިރާވަރު ފަޅު ހިއްކުމަކީ މާބޮޑު ޕްލޭނެއް ނެތް ދުރު ވާހަކައެއް ކަމަށެވެ.
ވުޖޫދުގައި ނެތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަހައްދުގެ ހިކިފަސް ތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ނުހިއްކާ ސަރަހައްދުތަކުން ގޯތި ދޫކޮށްފައި ވާތީ އާއްމުން ވެސް ނުރުހުން ފާޅުކުރަމުންނެެވެ.
Nuhikka oiy sarahahdhu thakun goathi libunu faraaiythakah Male’ sarahahdhuge hikifas thaakun boahiyaavahikan hamajassan jehey. Giraavarufalhu hikkaa vaahaka akee adhi maa bodu plan eh neiy varah dhuru vaahaka eh.
— Mohamed Nasheed (@MohamedNasheed) August 17, 2023
މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ދިނުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ކަމުގައިވާއިރު، ހުޅުމާލެއިން 1،351 ގޯތި، ގުޅީ ފަޅުން 2،218 ގޯތި އަދި ގިރާވަރު ފަޅުން 5،432 ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ.
މިދިޔަ އަހަރު ސަރުކާރުން ހުޅުވާލި ބިންވެރިޔާ ސްކީމަށް 23،000 ވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19،639 މީހުން ގޯއްޗަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18،955 މީހުންނަށް ގޯތި ދޭނެއެވެ.
ގުރުއަތު ނަގާ ކަރުދާސްކޮޅުތައް އަޅާފައިވާ ބަކެޓުގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ ޕްލޮޓްތައްވެސް ހިމެނޭނެއެވެ. އެމީހަކަށް ގޯތި ލިބެނީ، ނަގާ ކަރުދާސްކޮލުގައި އިންނަ ރަށެއްގެ ޕްލޮޓް ނަންބަރަށެވެ.
ގޯތި ލިބުނު މީހުންގެ ތެރެއިން، މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ނަސީދު ދައްކަނީ ދޮގުވާހަކަ އެއީވެސްދޭތެރެޖެއްސުމާއި
ފިތުނައުފެއްދުމަށްކުރާކަމެއް މިނޫންކަމެެއް މީނައަކަށްނުކުވޭ