ފ. ނިލަންދޫގައި ބޭއްވި ޖަލްސާ

ބޮޑު ޗުއްޓީ ޑިސެންބަރަަށް، އަހަރުގެ މެދުތެރޭގައި 4 ހަފްތާގެ ޗުއްޓީއެއް ލިބޭނެ: މުއިއްޒު

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލު ކުރި ކަމުގައިވިޔަސް، އަހަރުގެ މެދުތެރެއިން ހަތަރު ހަފްތާގެ ޗުއްޓީއެއް ލިބިގެންދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ފ. ނިލަންދޫގައި ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ ސެޕްޓެންބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުގައި ނިލަންދޫގައި ބޭއްވި ބޮޑު ޖަލްސާގައެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ކުރި ނަމަވެސް، މި ބަދަލުގެ ސަބަބުން ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފެއްގެ އާއިލާއަށް އެއްވެސް ގެއްލުމެއް ލިބުނަ ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ރޭގަ އިއުލާންކުރިން ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރާ ވާހަކަ، އޭގެ ސަބަބުން އޮޅުން އެރި ޓޫރިޒަމް ސެކްޓާއަށް. އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވާ ވާހަކައަކީ ޑިސެމްބަރަށް ކުރީގައި އޮތް ގޮތަށް ބޮޑު ޗުއްޓީ ބަދަލު ކުރުމަކުން ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންގެ އާއިލާތަކަށް އެއްވެސް ގެއްލުމެއް ލިބުނަކަ ނުދޭނަމޭ."

މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އަހަރު މެދުތެރެއިން ޖޫން/ޖުލައިގައި ހަތަރު ހަފްތާގެ ބޮޑު ޗުއްޓީއެއް ލިބިގެންދާނެ ކަމަށާއި، ޑިސެމްބަރުގައި ލިބޭ ބޮޑު ޗުއްޓީގެ އިތުރުން އަހަރު މެދުތެރެއިންވެސް ޗުއްޓީއެއް ލިބޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސުމުން ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ މީހުންނަށްވެސް އެމީހުންގެ އާއިލާތަކާއެކު ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބިގެންދާނެ ކަމަށާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

ބޮޑު ޗުއްޓީގެ އިތުރުން އަހަރު މެދުތެރެއިން ޗުއްޓީއެއް ދިނުމަށް ނިންމީ ކަމާއިބެހޭ މާހިރުންނާއި މަޝަވްރާ ކުރެއްވުމަށް ފަހުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

މުއިއްޒު މިހެން ވިދާޅުވުމުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޓީމްއިން ވިދާޅުވާ ގޮތުން ޖޫން/ޖުލައިގެ ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރަން ވާހަކަ ދައްކަނީ ވިއްސާރައާ ގުޅުވައިގެން ކަމަށާއި ނަމަވެސް އެއީ މިހާރު މީހުން ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށާއި، މިދިޔަ ދެ އަހަރުގެ ބޮޑު ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރު ވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާތީ ކަމަށް ޓީމްއިން ވަނީ ބުނެފައެވެ.

ނަމަވެސް، ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމުން، އެތައް ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ. އެހެނީ އެދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، އާއިލާއާއެކު ރަށްރަށަށް ގޮސްލާ މަޖާކޮށްލާ ހެދުމަށް ހުރަސްތަކެއް ދިމާވެ، ޗުއްޓީގެ ބޮޑު ބައިގައި ރަށު ބަންދެއްގައި ތިބެން މަޖުބޫރުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *