އިތިއޯޕިޔާގެ އަސްކަރިއްޔާއާއި ހަތިޔާރުއެޅި ޖަމާޢަތެއް ކަމުގައިވާ ފާނޫގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން އަސްކަރިއްޔާއިން ދިން ވަރުގަދަ ވައިގެ ހަމަލަތަކެއްގައި ޢާންމުންގެ 26 މީހުން މަރުވެއްޖެއެވެ.
އިތިއޯޕިޔާގެ އުމްހިރާގެ ފިނޫތީ ސަލާމް ކިޔާ ރަށަކަށް ހަމަލަދީފައި ވަނީ މާރުކޭޓެއް ކުރިއަށްދިޔަ ވަގުތުގައި ކަމަށާއި، މި ހަމަލާގައި މަރުވި އަދި ޒަޚަމުވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ޢާންމުން ހިމެނޭ ކަމުގައި އުމްހިރާގެ ހޮސްޕިޓަލެއްގެ އޮފިޝަލެއް ވިދާޅުވިއެވެ.
ވައިގެ ހަމަލަތަކުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމުގައި ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވިއެވެ. އިތުރު 55 މީހުން ވަނީ ޒަޚަމުވެފައެވެ. އޭގެ ތެރެއިން 40 މީހެއްގެ ހާލު ސީރިޔަސް ކަމުގައި ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވެއެވެ.
އަސްކަރިއްޔާއިން އެ ސަރަޙައްދަށް ހަމަލަދީފައި ވަނީ ޑްރޯނެއް ބޭނުންކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިތިއޯޕިޔާގެ އަސްކަރިއްޔާގެ ފައުޖުތަކުން އޮގަސްޓު 14 ވަނަ ދުވަހު އެ ރަށަށް އަރާފައިވާ ކަމަށާއި، އަސްކަރިއްޔާއާއި ފާނޫގެ ފައުޖުތަކާ ދެމެދު ވަރުގަދައަށް ހަމަލަ ބަދަލު ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އުމްހިރާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބޮޑުވަޒީރު އަބީ އަޙްމަދު ވަނީ ހަ މަސްދުވަހުގެ މުއްދަތަކަށް އެ ސަރަޙައްދުގައި ކުއްލި ހާލަތު އިޢުލާނު ކުރައްވާފައެވެ. އަދި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އޮގަސްޓު 15 ވަނަ ދުވަހު ވަނީ ކުއްލި ހާލަތުގެ އަމުރަށް ރުހުން ދީފައެވެ.
މި ހަމަނުޖެހުންތަކުގައި މަރުވެފައިވާ އަދި ޒަޚަމުވެފައިވާ މީހުންގެ ޢަދަދުތައް އިތިއޯޕިޔާގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.