ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ އެ ސަރަހައްދުގައި، ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި އިންސެންޓިވްތަކެއް ދިނުމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނުގައި އިއްޔެ ހއ. ދިއްދޫގައި ހުންނަވާ އިލްޔާސް ވިދާޅުވީ އެ ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރާއެކީ އެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ގާއިމުވާން ޖެހޭ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ޓޫރިސްޓު ރިސޯޓުތައް ގާއިމުވެ، އެ ސަރަހައްދުގެ ރަށްރަށުގައި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ތަރައްގީކުރުވެންޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މިކަން ކުރުމަށް ބޭނުންވަނީ އެމީހުން [އިންވެސްޓަރުން] މިތަނަށް ފައިސާ ހިފައިގެން އިންވެސްޓްކުރަން އަންނަ އިންސެންޓިވްތަކެއް. އަޅުގަނޑުމެން ސަރުކާރަށް މި އަންނަނީ މި ސަރަހައްދުގެ ޓޫރިޒަމަށް އިންވެސްޓްކުރާ ކޮންމެ ފަރާތަކަށް ޓީޖީއެސްޓީ ފުރަތަމަ ތިން އަހަރު އެކީ ކަނޑާލަން، ޖެހިގެން އަންނަ ހަތްއަހަރު ޓީޖީއެސްޓީ 50 އިންސައްތައަށް ކުޑަކުރުމަށްޓަކާ"
އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޑިމޮކްރެޓުންގެ ސަރުކާރެއްގައި ކުރެވޭނެ މަސައްކަތްތައް ކެންޑިޑޭޓު ވަނީ ދިއްދޫގެ ރައްޔިތުންނަށް ތަފުސީލުކޮށްދެއްވާފަ އެވެ. އެގޮތުން، ގެސްޓްހައުސް އާއި ބުޓިކް ހޮޓާތައް ފަދަ ކުދި ވިޔަފާރިތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފައިސާ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި އެ ވިޔަފާރިއަކީ ރާއްޖޭގައި ތަޖުރިބާ ކުރެވި އެއިން އާމްދަނީ ލިބޭކަން ޔަގީންވާ ވިޔަފާރިއެއް ކަމަށްވެސް ވިދާޅުވި އެވެ.
"މި ރާއްޖޭގައި 911 ގެސްޓްހައުސް ރަޖިސްޓާ ވެފަ އެބަހުރި، މި ރާއްޖޭގައި 14،900 ގެސްޓްހައުސް ބެޑު ގާއިމުވެފަ އެބަހުރި، ގެސްޓްހައުސް އަކީ އެންމެ ގިނަ ރަށްރަށުގަ އާންމު މީހާގެ އާމްދަނީއަށް އެންމެ ފައިދާވާ ވިޔަފާރި، އަޅުގަނޑުމެން މި އަންނަނީ ގެސްޓްހައުސްގެ ވިޔަފާރި ތިބޭފުޅުންގެ ރަށުގަ، ތިބޭފުޅުންގެ އަތޮޅުގަ ކުރެވޭނެ ގޮތް ހަމަޖައްސަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގެސްޓްހައުސްގެ ބެޑުގެ އަދަދު ފަސް ގުނަ އަށް އިތުރު ކޮށްދޭނަން"
އިލްޔާސް ވިދާޅުވިއެވެ.
އެކަން ކުރާނެ މަގެއްގެ ގޮތުގައި އިލްޔާސް ދެއްކެވީ ޑިމޮކްރެޓުންގެ ފަސޭހަ ވިޔަފާރި ސިޔާސަތެވެ. އެ ސިޔާސަތުގައި ވާގޮތުން، އިކުއިޓީއެއް ނެތި، މޯގޭޖު ކުރުމެއް ނެތި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރަން ބޭނުންވާ ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ ފީސިބަލް ޕްލޭނެއް ހުށަހެޅުމުން އެކަމަކަށް ސަރުކާރުން ފައިސާ ދޫކުރާނެ އެވެ. ކެންޑިޑޭޓު ތަކުރާރުކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަކީ ރާއްޖޭގައި ޓެސްޓުކޮށް ކާމިޔާބުވެފައިވާ ކަންކަން ކަމަށާއި އެކަން ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުން އިތުރަށް ޕްރޫވް ކޮށްދޭން ނުޖެހޭނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވި ވާހަކަފުޅެވެ.