ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ޙަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހޯދަމުންދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ މެއި މަހުގެ އެއްވަަނަ ދުވަހުގެ ފަތިހު ފަސް މީހުންގެ ގްރޫޕެއް ހަދައިގެން އައި ބަޔަކު ޒަރީރަށް ހަމަލާދީފައިވަނީ މާލޭގެ ކެފޭއެއްގެ ތެރެއިންނެވެ. މިމައްސަލައާ ގުޅިގެން، ގައްބަރޭ ހޯދަން ފުލުހުން އިއުލާންކުރީ މެއި 15 ވަނަ ދުވަހުގައެވެ. އޭގެ 7 ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިދީފައިވެއެވެ.
އެހެންނަމަވެސް ބަންދުގެ މުއްދަތު ހަމަނުވަނީސް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. އޭގެފަހުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލާގައި އަލުން ގައްބަރޭ އިއްޔެ ހައްޔަރު ކުރިއިރު، އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ތަޙްޤީޤީ މަރުހަލާ އާއި ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމަށް އަމުރުކޮށްފައި ވެއެވެ.
އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެެއްޗެހި ގެންގުޅުން މަނާ ކުރާ ގާނޫނަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށްވެސް ބުނެފައި ވެއެވެ.