ޤާސިމްގެ ވަޢުދު: ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ރީތި މިސްކިތެއް

ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ނަމާދުކޮށްލަން ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ރީތި މިސްކިތެއް އަޅައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. ނޮޅިވަރަންފަރަށް ވަޑައިގެން، އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެެވެ.

ޤާސިމްގެ ސަރުކާރެއްގައި، ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ނަމާދުކޮށްލަން ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ރީތި މިސްކިތެއް އަޅައި ދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ޤާސިމްގެ ސަރުކާރުގެ ދެ އަހަރު ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނަވާ ގެއެއް އަޅައިދޭނެ ކަމަށާއި ރަށްތަކުގެ ބަނދަރުމަތީގައި ތިނެއް ނުވަތަ ހަތަރު ފާޚާނާބަރި ހަދައިދޭނެ ކަމަށް ޤާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

ޤާސިމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ޖިއޯ ޕޮލިޓިކްސް ކަމަށާއި އޭގެ ސަބަބުން ރާއްޖެ ހަތަރެސްކަން ގޮޅިއެއްގެ މެދަށް އައިސް ތާށިވެފައި ކަމަށެވެ. އަދި ދާންވީ ކޮޅެއް ރައްޔިތުންނަށްވެސް ނޭނގޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ޖިއޯ ޕޮލިޓިކްސްގެ ސަބަބުން ދިވެހިރާއްޖެ މިހާރު މިއޮތީ ހަތަރެސްކަން ގޯޅިއެއްގެ މެދަށް އައިސް ތާށިވެފައި. ދާންވީ ކޮޅެއް ދާންވީ މަގެއް ނޭނގިފައި.". ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވާ ގޮތުގައި ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީގެ އަސްލަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރިކަމާއެކު އޮތުމެވެ. އެމިނިވަންކަން މިހާރު ރާއްޖޭގައި ނެތް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ރަށްރަށުގައި މިސްކިތް އަޅައިދިނުމާއި، މަގުތައް ތަރައްޤީ ކުރުމުގެ އިތުރުން ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރުމަކީ އޭނާގެ ވައުދުތަކުގެ ތެރެއިން ވައުދުތައް ކަމަށެވެ.

ޤާސިމްގެ އަރިހުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖޭޕީ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަޙްމަދު ނިހާން ޙަސަން މަނިކާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު