ރާޝިދު ނަފީސާގެ އިސްތަށިގަނޑުގައި ހިފައި ވާންކޮށް، ވަލުތެރޭގައި ހެދިފައިވާ ހަންޑިކުންނާރު ގަސްތަކުތެރޭގައި އޭނާ ދަމާ ކޫއްތަމުން ވަލުން ނެރުނެވެ. ނަފީސާ ސަލާމަތަށްއެދި ރޮއެ ހޭރެމުން ދިޔަ އަޑު، ވަލުތެރެއަށް ވެއްޓިފައިއޮތް ބަކުރަށް އިވެމުންދިޔައެވެ. އެހެންނަމަވެސް، ބަކުރުގެ ބޮލަށް ލިބުނު ކުއްލި ހަމަލާގެ ސަބަބުން ތެދުވާނެހާ ހިތްވަރެއް އޭނާގެ ހައްޓަކުނެތެވެ.
ރާޝިދުގެ ރުޅި ހައްދުފަހަނަ އަޅައިގެންދިޔައީ ސަބަބެއް ނެތިއެއްނޫނެވެ. ތިމާގެ އަނބިމީހާ ތިމާއަށް ސިއްރުން އެހެން ފިރިހެނަކާއިއެކު ލޯބީގެ ގުޅުމެއް ބާއްވާކަށް އެއްވެސް ފިރިއަކު ނޭދޭނެއެވެ. އޭގެ ކުރިންވެސް، ނަފީސާގެ އުޅުން ހުންނަ ގޮތުން، ނަފީސާ އެކަހަލަ ކަމެއް ހިންގާކަމުގެ ޝައްކު ރާޝިދަށް ކުރެވުނެވެ. އެހެންނަމަވެސް، އޭނައަށް ހީވަމުންދިޔަ ހީވުމަކީ ހަމައެކަނި ވަހުމެއްކަމުގައި ދެކި، އެކަމުގެ ފުނަށް ފީނަން އޭނަ ބޭނުންނުވީއެވެ. ރާޝިދުގެ ނަޒަރުގައި، ކަންކަމާމެދު ޝައްކު އުފައްދާ، ކަންކަމާއި މެދު ވިސްނަންޖެހޭ ވަރަށްވުރެ ފުންކޮށް ވިސްނުމަކީ އިންސާނާ ހުރިހާ އުފަލަކުން މަޙުރޫމްކޮށްލާފަދަ ކަމެކެވެ. ވުމާއެކު، އޭނައަށް ފާހަގަވަމުންދިޔަ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ދިނުމުގެ ބަދަލުގައި، ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް ކަމުގައި ވިސްނާލައިގެން އެއޮތްހާދުހު ހުރީއެވެ. އެއީ ރާޝިދުގެ ހިތުގައި ނަފީސާއަށްޓަކައި އުފެދިފައި އޮތް ލޯތްބާއި ކުލުނުގެ ސަބަބުންނެވެ.
—————————————————————————————————————————————————————–
"ހަލީމާ… ކޮބައިތަ އެ ނަފީސާ؟ އަޅެ އިރެއް ވެއްޖެއެންނު އޭނަ ބޭރަށް ދިޔަ ފަހުންވެސް.. ނަފީސާއަށް ނޭނގެނީތަ އޭނަ އެއީ މީހެއްގެ އަންބެއްކަމެއް؟ ޅަކުއްޖެއްގެ މަންމައެއް ކަމެއް… ނަފީސާ އުޅޭ ގޮތުން އަހަރެންގެ ހިތައް ހާދަ އަސަރުކުރެއޭ.. އައިންބެއްގެ ވާޖިބު ރަނގަޅަށް އަދާނުކުރާތާނގައި، އަމިއްލަ އުފަން ދަރިއަށް ދޭންޖެހޭ ލޯތްބާ އޯގާތެރިކަން ދިނުމަށް ނަފީސާވަނީ ނުކުޅެދިފަ. އަހަރެން ނަފީސާގެ އުޅުން ހުންނަލެއް ވިޔާނުދާ ކަމުން އެކަމާ މެދު ވިސްނާ ވިސްނާ އަބަދު މިހުންނަނީ ބޯ ގޮވާފައި."
ނަފީސާގެ އުޅުން ހުންނަ ގޮތުން އެކަމާ ހަލީމަވެސް ހިތުގައި ޖެހިއްޖެއެވެ. "އާން އުސްމާނާ. ހާލަކަސް ތުރާލަކަށް، އަހަރެމެންގެ ހުރީ އެންމެ ދަރިއެއް. ނަފީސާ… ހުރިހަމައެކަނި ދަރި އެ އުޅޭ ފާޑަކުން އަހަރެންގެ ހިތައް ހާދަ އަސަރެއްކުރެއޭ… މިރަށު އެހެން މީހުންގެ ދަރިން އުޅޭ ރިވެތިގޮތްގަނޑު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުން ހާދަ ދިލަނަގައޭ.. ހިތައްއަރާ ނަފީސާއަކީވެސް އެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ރަނގަޅު ކުއްޖަކަށް ވާނީ ކޮން ދުވަހަކުންބާއޭ… އަހަރެން ހާދަ އުންމީދެއްކުރީމޭ… ހާދަ ފޮނި ހުވަފެންތަކެއް ދުށީމޭ… އެކަމަކު މިއަދު އެހުރިހާ އުންމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިވެއްޖެ…"
ހަލީމަ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިސްޖަހާލައިގެން އުސްމާނު ހަލީމަ ކައިރީގައި އިށީންދެލައިގެން އިނެވެ.
"ހަލީމަ ދެން އަދިވެސް މަސައްކަތް ކޮށްލާ އިނގޭ މިސޮރު ނިންދެވޭތޯ.. މަގޭ އެބައަންނަން ބޭރަށް ގޮސްލާފަ. ނަފީސަ ފެނޭތޯ ރަށުތެރޭގައި ހިނގާލާފަ.. އަދި އެބަޖެހޭ ބޮޑުބެރުޖަހާ ތަނަށް ދާންވެސް މިރޭ… މިދުވަސް ކޮޅު ނަގާކިޔާނެ މީހަކުވެސް ނެތީމަ އަވަށުމީހުން ވަރަށް ކުދިކިޔާ މަށަށްދެވޭލެއް މަދުވީމަ. އަނެއްކާ މާލޫދުވެސް އެއޮތްއައިސް ބޯމަތިވަނީ. މިފަހަރު މިދާވަރުން ދަންޏާ މާލޫދު ފަނުފުލުން ދިޔުން ވަރަށް ގާތް…."
އުސްމާނު ބޭރަށް ނިކުންނަން ތެދުވަމުން، ހަލީމަ ބޮލުގައި ފިރުމާލިއެވެ. "އުސްމާނާ.. މިއަދު މެންދުރު އަހަރެން ބަނޑިޔަލަށް ފެންއަޅަން ބޮޑު މިސްކިތު ފެންވަޅު ކައިރިއަށްދިޔަ ވަގުތު އަހަރެންނާ ދިމާވި ފާތުމަޔާ. އާދަނު ފައިގަ ރިއްސާތީ ވޭންގަނޑު ގަދަވެގެން ރޭގަވެސް ވަރަށް އިރު ނުނިދިގެން އުޅުނު ވާހަކަބުނި. ފާތުމަ ބުނި މިރޭވެސް ގޮސްލަދޭއްޗޭ… ފައިގައި އަޅާފައި އޮތް ބޭސްގަނޑު އާ ކޮށްލަން. އަހަރެން އެހެންވެ ގެއަށް އައިގޮތަށް އެ ބޭސްކޮޅު ފުނޑާފަ ހުންނާނެ.. މިސޮރު ނިންދަވަން މަސައްކަތް މިކުރަނީ އެހެންވެ.. މިސޮރު ނިންދަވާފައި ނޫނި މަށަކަށް ނެތެއްނު ގުޑިލެވޭކަށް.."
"އާން.. ކިތޭ ގަވާއިދުން ފައިގައި ބޭސްގަނޑު އެޅިޔަސް އޭގެން މާބޮޑު ރާހަތެއްނުކުރާހެން މަށަށް ހީވަނީ. އާދަނު ކިހާ ޒަމާނެއްވެއްޖެ އޭނަގެ ބަލި ފަޔާ އެކީގައި އެ އުޅެނީ. އެކަމާހުރެ އޭނައަށް އަތުންފައިން ލޯލާރިއެއް ހޯދަންވެސް މަސައްކަތެއް ނުކުރެވިފަ އެހުންނަނީ… ދޭބަލަ އަޅެ އެގެއަށް ގޮސްލާފަ އަންނަން.. މިސޮރުވެސް ގޮވައިގެންދޭ.. ގޮސް ދަލޭކަ ކައިރީގައި ބުނޭ ނިންދަވާލަދޭށޭ.. ދަލޭކައަށް މިސޮރު ނިންދެވުން ނުވާނެ އެހާ ބޮޑު ކަމަކަށް… އަނެއްކާ މިސޮރުވެސް ދަލޭކައާ އެހާ ދޯޅުވާނެ.." ހަލީމަގެ އުރުގައި އިން އާމިރަށް އިޝާރާތްކޮށްލަމުން އުސްމާނު ހިނިތުންވެލިއެވެ.
އުސްމާނުގެ ބަހަށް އިޖާބަދިނުމުގެ ނިޔަތުގައި ހަލީމަ ބޯޖަހާލިއެވެ. "އާން އުސްމާނާ… ދެންދޭ ތިޔަދާތާކަށް.. އަހަރެންވެސް ތައްޔާރުވެލައިގެން މި ނިކުންނަނީ ކުޑަ އިރުކޮޅެއް ތެރޭގައި…"
"އުސްމާނު މަޑުކޮށްބަލަ.. އަހަރެން އަދި ހަނދާން ނެތިފަ މިހުރީ… އަދި މިރޭ ތިޔަ އުޅެނީ ނުވެސް ކަޔެއްނު… އުސްމާނު މިއަދު ގެނައި ފަރުމަސްވެސް ފިހެފަ އޮންނާނޭ.. އޭގެ ބޮލުގައި ގަރުދިޔަ ވެސް ކެއްކިން… ބޭރަށް ދަންޏާ ދާންވާނީ ކައިގެން.." އިރުއޮއްސުނީއްސުރެ ޢާމިރުގެ ކަންތައްތަކުގައި މަޝްޢޫލުވެ އުޅެން ޖެހުމުން ހަލީމަ ހުރީ ކާންވެސް ހަނދާންނެތިފައެވެ. އުސްމާނުވެސް ނުކައި ހުރިކަން އޭނައަށް ހަނދުމަވީ އުސްމާނު ބޭރަށްދާން ނިކުންނަ މަންޒަރު ފެނުމާއެކުއެވެ.
"އަސްތާ… ހާދަ ދެރަގޮތެކޭ ތިޔަ ވީ… މަގޭ މިރޭ އިޝާ ނަމާދުން ފައިބައިގެން އަންނަނިކޮށް އަހަރުން ގޯތި އީސަ ދަރި ހައްވަ ގޮވާލީމަ އެގެއަށް ވަދުނީ.. އެގެއިން ނިކުތަކަނުދިން ނުކައެއް. އެހެންވެ އެގެއިން ކައިގެން އަހަރެން ނިކުތީ… އެހެންވެ އަހަރެން މިހުރީ ބަނޑު ފުރިފަ.. އެހެންވީމަ ހަލީމަ ބޭރަށް ނިކުތުމުގެ ކުރިން ފުރަތަމަވެސް ދޭ ކައިގެން ކައިގެން އަންނަން.. ހަލީމަ ކައިފަ މަހުގެ ބާކީ އޮތްބައި ގެންގޮސްދީ ދަލޭކައަށް. ފިހުނު ފަރުމަހަކީ ދަލޭކައަށް ވަރަށް ކަމުދާ އެއްޗެއްނު… އެގޭގަ ފާތުމަވެސް ނިކަން ވަރުހުންނާނެ ފިހުނު ފަރުމަސްކާން.."
އުސްމާނުގެ ހިތުގައި ދަލޭކައަށްޓަކައި ދެވިފައިވަނީ އަމިއްލަ ދަރިއެއްގެ ދަރަޖަކަމުން، ދަލޭކަގެ ރަހަތަކަށްވެސް އުސްމާނު ނިކަން ފަރިތައެވެ.
އުސްމާނު ބޭރަށް ނިކުތްތާ މާލަސްތަކެއް ނުވަނީސް ހަލީމަވެސް މިސްރާބުޖެހީ އާދަނު ގެއަށް ދިއުމަށެވެ. ކުޑަކުޑަ ޢާމިރު ކިހިއްޔަށް ޖަހައިގެން ބާރު ހިނގުމެއްގައި ހިންގަމުންދިޔަ ހަލީމަ، އާދަނު ގޯތީގެ އޮޅި ގިރާކުރިއިރު، މެދުގޭގައި ބަހައްޓާފައި ހުރި އުނދޯލީގައި އިށީންދެއިން ގާސިމަށް އެ މަންޒަރު ފެނުމާއެކު ފުންމާފައި ތެދުވެއްޖެއެވެ. އެ އަޑު ޖެހުނީ ދަލޭކަގެ ކަންފަތުގައެވެ. ކުއްލި ސިހުމެއްލިބި ދަލޭކަ ފަހަތަށް ބަލައިލި ހިނދު އޭނަގެ ލޮލުގައި ހަލީމަ އަޅައިގަތެވެ.
"އަސްތާ ހަލީމަ ދައިތާ.. ކިހިނެއްވީ ހާދަ ނުގަޑިއެއްގައި މިސޮރު ގޮވައިގެން މިގެއަށް ތިޔައައީ…؟ ކޮބާ ނަފީސާ…؟" ހަލީމަ އުރުގައިއިން އާމިރު އުފުއްލާލާފައި ކިހިއްޔަށް ހެޔޮވަރު ކޮށްލަމުން ދަލޭކަ ބުންޏެވެ.
"މަށާ ތިޔަ ސުވާލު ނުކުރުން އެންމެ ބުއްދިވެރި ގޮތަކީ… އިރުއޮއްސުނުއިރު ގެއަށްއައި މީހަ އިޝާ ނަމާދުވެސް ނުކޮށް ގެއިން ބޭރުކޮށްލީ.. އޭރު ދިޔަގޮތަށް އަދި ގެއަކަށް ނާދޭ… މަށަކަށް ނޭނގެ ނަފީސާ މިހާރަކަށް އައިސް ރޭވެއްޖީޔާ އެ ގަންނަނީ ކޮން ކާއްބައެއް ކަމެއް. މަގޭ އަތަށް އާމިރު ޖަހާފައި ކޮންމެ ރެއަކު ދަޅަމަތީގައި ގެއިން ބޭރުކޮށްލާނެ.. ދާތަނެއް، ކުރަނީ ކީއްކަމެއް މަށަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ…" ހަލީމަ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ވާނީވެސް އެހެންތާއެވެ.
"ދައިތަ ދެން އަހާވެސް ނުލަންތަ ނަފީސާ ކައިރިއަކު؟ އޭނަ އެހާ ގިނަވަގުތު ގެއިންބޭރުގައި ކުރަނީ ކޮންކަމެއްތޯ؟" ދަލޭކަ ކޮށްލީ ސުވާލެކެވެ.
"ސުވާލުކުރަން. ކިތޭ ވަރަކަށްވެސް ސުވާލުކުރެވިދާނެ. އެކަމަކު ކުރާ ސުވާލަށް ދޭ ޖަވާބުގައި އެއްވެސް ތެދުވެރިކަމެއް ނުހުންނަންޏާ އެ ބުނާ ބުނުމަށް އިތުބާރުކުރުމުގެ އެއްވެސް މާނައެއް މަށަކަށް ނުފެނޭ…" ހަލީމަގެ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުންނެވެ.
"ރޭގަވެސް ބުނި ދަލޭކަ ކައިރިއަށޭ އައީ… އެކަމަކު މަށަށް ހަމަ ޔަގީނޭ.. އެއީ ކަނޑައެޅިގެން ދޮގެއްކަން"..
ހަލީމަ ބުނި އެއްޗަކުން ދަލޭކަ ހުރީ އަނގަ ހުޅުވި ގޮތަށް ލައްޕަންވެސް ނޭނގިފައެވެ. ނަފީސާ އެންމެންނަށް އޮޅުވާލައިގެން، އެންމެންނަށް ސިއްރުން ކުރަމުން އަންނަ ކަންތައްގަނޑުގެ ހަޤީޤަތުގެ އެނގުމެއް ނުވަންޏާއީ، ދަލޭކަ ނަމަވެސް ވާނީ އެހެންތާއެވެ.
"އާން ދައިތާ… ނަފީސާ އެހެދީ ދޮގެއް. އޭނަ ރޭގަ ނާދޭ މިގެއަކަށް… މަށަށްވެސް ފާހަގަކުރެވޭ ނަފީސާގެ އުޅުމަށް އައިސްފައިވާ ބަދަލު.. މަށަށް އަމިއްލަ ނަފްސާ ހިތާ ހިތުން ސުވާލު ކުރެވޭ އަނެއްކާ ކިހިނެއްބާއޭ މިވަނީ… އަހަރެންނަކީ އެކަހަލަ ކަންކަން ފާހަގަވުމުން އެކަންކަމުގެ އެންމެ ފުނަށް ފީނާ، ސަބަބުތައް ދެނެގަންނަން މަސައްކަތް ކުރާ މީހެއް. މިކަމުގައިވެސް އަހަރެން ހަމަ އެބީދައިން މި މަސައްކަތް ކުރަނީ.. އަހަރެންގެ ހިތުގައި ހީވާ ހީވުމެއްގެ މައްޗައް ބިނާކޮށްފައި އަހަރެން ބޭނުމެއްނުވޭ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާކަށް.. އެހެންވެ، ޝައްކުގެ މައްޗަށް ޔަޤީންކަމެއް ހޯދޭނެ މަގެއް އަހަރެން މިހޯދަނީ.. އެކަމަކު އެކަމަށް އަދި ވަރަށް ދިގު ރާސްތާއެއް ކަންޑައްތުކުރަން ޖެހޭނެހެން ހީވަނީ…" ދަލޭކަ ދައްކަމުންދިޔަ ވާހަކަ މަޑު ޖައްސާލިއެވެ. އޭނަގެ ސިކުނޑީގައިވެސް ފުނިޖެހެމުންދިޔައީ ޖަވާބު ހޯދަން އޭނަ ނިހާޔަތަށް ބޭނުންވެފައިވާ އެތަކެއް ސުވާލުތަކެކެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް، މިހާތަނަށް ފާހަގަވެފައިވާ ކަންތައްތަކުގެ މައްޗައް ބިނާކޮށްފައި ހޯދޭތޯ ދަލޭކަ ދިޔައީ މަސައްކަތް ކުރަމުންނެވެ.
"ދައިތާ.. އަހަރެންވެސް ގަބޫލުކުރަން ނަފީސާ މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެކަން. އަހަރެންނަށް އެކަން ފާހަގަކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ.. އެކަމަކު އޭރުގަ ހީކުރީ އެއީ ހަމައެކަނި އަހަރެންނަށް ހީވާ ހީވުމެއްކަމަށް. އެހެންވެ އެއްވެސް މީހެއް ކައިރީގައި އެވާހަކަ ހިއްސާނުކޮށް އެވާހަކަ ފޮރުވައިގެން ހުރެވޭތޯ އަހަރެން މިއޮތްހާދުހު މިބެލީ.. އަހަރެން ހަޤީޤަތުގަ ވަރަށް ދެރަވޭ.. އަހަރެން ކުޑައިރުންސުރެ އަދި އަދަށްވެސް އެންމެ ގާތްކޮށް އުޅުނު ރަޙްމަތްތެރިޔާގެ އުޅުމަށް އެފަދަ ނޭދެވޭ ބަދަލުތަކެއް އަންނަމުންދާތީ…." ދަލޭކަ މާޔޫސްވެއްޖެއެވެ.
"ދަލޭކާ… ދައިތަ ސުވާލެއް ކޮށްފީޔާ އެއްވެސް ދޮގެއް ނަހަދާ ތެދުތެދަށް ޖަވާބު ދޭތި އިނގޭ… ދަލޭކަ ތިޔައީ ނަފީސާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ވީމަ މި އަހަނީ…. ނަފީސާ ދަލޭކަ ކައިރީގަ އެއްވެސް ވާހަކައެއް ދެއްކިތަ؟ ބުނެބަލަ.. ދައިތައަށް ވަރަށް އެބަ ހީވެ… ދައިތައަށް ނޭނގޭ ކޮންމެވެސް ކަމެއް ދަލޭކައަށް އެނގޭހެން. ދަލޭކަ ދެލޮލަށް ބަލާލީމަވެސް މަށަށް އެބަ އިހުސާސްވޭ، ދަލޭކަ މަށަށް ކޮންމެސްކަމެއް ފޮރުވާހެން… އެއްވެސް ކަމެއް ވެފައޮތްކަމުގައި ވަނީނަމަ، ދައިތައާވެސް އެކަން ނިކަން ހިއްސާކޮށްލަބަލަ. ދައިތަ ވަޢުދުވަން… މިތާ މިވަގުތު އަހަރެމެންގެ މެދުގައި ދައްކަމުންމިދާ ވާހަކަތަކަކީ ހަމައެކަނި މިތާ ތިބި މީހުންގެ މެދުގައި ހިއްސާކުރާ ސިއްރެއް… އެ ސިއްރު ހިފެހެއްޓުމަކީ އަހަރެން އެންމެންގެ އަމާނާތެއް…"
ހަލީމަ ހުރީ ދަލޭކަގެ ދުލުން ބޭރުވާނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ދަލޭކަ ހުރީ ބަސްހުއްޓިފައި، ހަލީމަގެ މޫނަށް ބަލާށެވެ. ހުއްޓުން އަރާފައިހުރި ދަލޭކައަށް ހިލަމެއްވީ، އޭނަގެ ދެކޮނޑުގައި ހަލީމަ ހިފާލުމުންނެވެ. ދަލޭކަ ދޫކޮށްލީ ފުން ނޭވާއެކެވެ. ބަސްބުނާނޭ ގޮތަކާމެދު ފުން ވިސްނުމެއްގައި ހުރި ދަލޭކަގެ ދުލުން ބޭރުވާން އުޅޭ ސިއްރުތަކުގެ އަޑު އަހަން ކެތްމަދުވެފައި އާދަނާއި ފާތުމަވެސް ގޭތެރޭގައި ތިއްބެވެ.
"އެކަމަކު ދައިތާ… އަހަރެން ކައިރީގައި ނަފީސާ ހުރިހާ ވާހަކައެއްވެސް ހިއްސާކުރަނީ އަހަރެންނަށް ވަރަށް އިތުބާރުކޮށްފަ.. އަހަރެންވެސް ނަފީސާ ކައިރީގަ ވަޢުދުވެފަ އޮންނާނީ.. އޭނަ ހިއްސާކުރާ އެއްވެސް ވާހަކައެއް އަހަރެންގެ ދުލުން އެހެންމީހެއްގެ ކަންފަތާ ހަމާލަށް ނުފޯރުވޭނެކަމަށް… އެހެންވީމަ އަހަރެން ކިހިނެއް އެ ވާހަކަތައް އެހެން ބަޔަކަށް ކިޔާދޭނީ… އަދި އަހަރެން އެހެން މީހަކަށް އެވާހަކަތައް ކިޔާދިންކަން ނަފީސާއަށް އެނގޭ ދުވަހަކުން ނަފީސާ ކިހާ ރުޅިއެއް އަންނާނެ.. ނަފީސާ އަހަރެންނަށްކުރާ އިތުބާރުވެސް އޭރަށް ގެއްލިފައޮންނާނީ.. އަހަރެން ބޭނުމެއްނޫން ހުވަފެނުގަވެސް އެހެން ވާތަން ދެކޭކަށް…" ދަލޭކަ ހުރީ އޭނަ ކައިރީގައި ނަފީސާ ދައްކައިގެން އެއުޅޭ ވާހަކައެއް އެހެންމީހުންނާއި ހިއްސާކުރަން ޖެހިދާނެތީ ބިރުންނެވެ. އެކަމަކު ދަލޭކައަށް މަޖުބޫރުކުރުވައިގެން ނަމަވެސް އެމީހުން ދަލޭކަގެ ދުލުން ނަފީސާ ކިޔައިދިން ވާހަކަތައް ބޭރުކުރުވާނެކަން ދަލޭކައަށް ޔަޤީނެވެ. ދަލޭކައަކީ އެހެންމީހުންގެ ސިއްރުތައް ހިފެހެއްޓުމަށް އަބަދުވެސް އަހައްމިއްޔަތުކަން ދޭ މީހެކެވެ. ނަފީސާވެސް އެންމެ އިތުބާރުކުރާ އެކަކީ ދަލޭކައެވެ. އެހެންކަމުން، ނަފީސާއަށް ދިމާވާ ގިނަ ކަންކަން އޭނަ ދަލޭކައާއި ހިއްސާކުރެއެވެ. އެގޮތައް ހިއްސާކުރި އެއްވެސް ވާހަކައެއް ދަލޭކަގެ ދުލުން އެހެން މީހަކާއި ހިސާބަށް މިވީތަނުގައި ފޯރާފައެއްނެތެވެ. އެހެންކަމުން، އެންމެންގެ ނަޒަރުގައިވެސް ދަލޭކައަކީ އިތުބާރުހިފޭ މީހެކެވެ.
"ދަރިފުޅާ ދަލޭކާ… ބައްޕައަށް އެނގޭ ދަރިފުޅު ލައްވާ އެހާ ފަސޭހައިން އެއްވެސް ސިއްރެއް ބޭރުނުކުރެވޭނެކަން. ދަރިފުޅު ނަފީސާ ކައިރީގަ ވައުދުވީ، ނަފީސާ ދަރިފުޅާ ހިއްސާކުރާ ސިއްރުތައް ދަރިފުޅުގެ ދުލުން ނުނިކުންނާނެ ކަމަކަށްނު. އެހެންވީމަ، ދޫ ފިޔަވާ، ބާކީހުރި މުވާސަލާތީ އާލާތްތައް ބޭނުންކޮށްގެން ދަލޭކަ އަހަރުންނާ އެވާހަކަތައް ހިއްސާކުރިޔަސް ނުވާނެ ދަރިފުޅު ނަފީސާއަށްވީ ވައުދާ ޙިލާފުވީ ކަމަކަށް. މިއޮތީ ވެލިއަޅާފައި އޮތް ދޮލަނގެއް. މީގަ ނިކަން ލިއެލަދީބަލަ ދަރިފުޅު ކައިރީގައި ނަފީސާ ހިއްސާކުރި ވާހަކަތައް. އޭރުން ބައްޕަ އަޑުހަރުކޮށް ކިޔާލަދީފާނަމޭ މިތާތިބި އެންމެންނަށް." އަތުގައި އޮތް ދޮލަނގު ދަލޭކައާއި ދިމާލަށް ދިއްކޮށްލަމުން އާދަނު ސަކަ މިޒާޖަކަށް ބުންޏެވެ.
"ބައްޕާ.. ކޮންމެ ކަމެއްދެން ސަމާސާގަނޑަކަށް ނަހަދަބަލަ…. އަހަރެން އެވާހަކަތައް ތިޔަ ދޮލަނގުގައިވާ ވެލީގައި ލިޔުނަސް އެވާނީ ހަމަ އަހަރެންގެ ފުށުން ނަފީސާގެ ސިއްރުތައް ބޭރުވުމަށްދޯ.. ގުޅުމެއްދެމި އޮތުމަށް އިތުބާރަކީ ހާދަ މުހިންމު އެއްޗެކޭ…އިތުބާރަކީ އެއްފަހަރު ގެއްލިއްޖެނަމަ ދެވަނަ ފަހަރަށް އަނބުރާ ހޯދޭނެ އެއްޗެއްނޫން…" ދަލޭކަ އަދިވެސް ގޮތްދޫކޮށްފައި އެވާހަކަތައް ހިއްސާކުރާ ޙިޔާލެއް ނުކުރެއެވެ.
ނަމަވެސް، އާދަނާއި ފާތުމަ އަދި ހަލީމަ ތިބީ އެވާހަކައިގެ އެންމެ ފުނަށް ފީނަން ބޭނުންވެފައެވެ. އަދި ދަލޭކަ އެވާހަކަ ކިޔާދޭން އެއްބަސްކުރުވަން ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރުވެއެވެ.
—————————————————————————————————————————————————————
"ހާދަ ފިނިވާ ރެޔެކޭ ދޯ.." މަހުންލަފައިން ރަށު ފަޅުން ވަންނަމުންދިޔަ ބޮއްކުރަލުގެ ފަރުމާނުގައި ހިފަހައްޓާލައިގެން ހުރި ސައްތާރު ހުރީ ފިނިކަމުން ހީކަރުވައިގަނެފައެވެ.
"އާން. އެހެންނެއްނު ވާނީ.. ވަރުގަދަ ކޮޅިގަނޑަކާ ވީޔަ ލައްވާލީ.. އެހެންނޫންނަމަ މިއަދު އިރުހުއްޓަ ރަށަށް އާދެވުނީސް…." ވަރުބަލިވެފައިވާ ޒާތަކަށް ޙަމްދީ ބުންޏެވެ.
އެދެމީހުން މަހަށްދިޔައީ ފަތިހުއެވެ. އާންމު ގޮތެއްގައި މަހުންލަފައިން އިރުއޮއްސުމުގެ ކުރިން މަހުން ލަފައިގެން އައިނަމަވެސް، ޖެހުނު ކޮޅިގަނޑެއްގެ ސަބަބުން ކަޑުގަދަވެގެން އެދެމީހުން ކައިރީގައި އޮތްފަޅުރަށެއްގައި މަޑުނުކުރިނަމަ މިއަދުވެސް އިރުހުއްޓަ އެދެމީހުންނަށްވެސް މަހުން ލެފުނީހެވެ. މައްސަލައަކީ އަތޮޅިވަހިން ބޭރަށް ދެވުމެވެ.
"މިހާރު ދަލޭކަ ހުންނާނެ މަގޭ ނުގޮސްގެން އެކަމާ ކަންބޮޑުވެފަ." މާލަހުން އާދެވުމުން އެކަމާ ކަންބޮޑުވެފައިހުރި ސައްތާރު ބުންޏެވެ.
"އާން. ކަލޭމެން ނުފެނިގެން ގިނައިރުވެގެން އެކަމާ ހިތާމަކުރާ މީހުން ވަރަށް ގިނަވާނެ. އަހަރުން ކަހަލަ މީހަކު ނުފެނި ތާކު މަރުވެގެން މުޅަވެފަ އޮތަސް އެކަމާ ހިތާމަކުރާނެ މީހަކު މިދުނިޔެއަކު ނުހުންނާނެ.." ޙަމްދީ އޭނާގެ އެކަނިވެރި ހަޔާތާއި މެދު ވިސްނާލިއެވެ.
”ބަލަ ކަލޭވެސް ދެންވީ މީހަކާ އިންނާށޭ… ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ފެށީމަ ތިޔަހުރިހާ ކަމެއް ހަމަޔަކަށް އެޅިދާނެ… އަބަދު ތިޔަހެން ހުސްހަށިބައިކޮށް ހުންނަންވީމަ ކަމަކުނުދާނެ…" ސައްތާރު ދިނީ ލަފައެކެވެ. ހަމްދީގެ ލޮލަށް ނަޒަރު ހިންގާލުމުން ސައްތާރުދެއްކި ވާހަކައާއި މެދު ހަމްދީ ވަރަށް ފުންކޮށް ވިސްނަމުންދިޔަކަން ފާޅުވާންހުއްޓެވެ.
"މަށާ އިންނާނެ މީހަކު މިރަށަކުން ނުވާނެ.. އެހެންނޫނަސް، އަހަރެން މިހާރު މި އެކަނިވެރި ދިރިއުޅުމަށް ހޭނިއްޖެ… ދެން އަހަރެންގެ އުމުރުގެ ބާކީ އޮތްބައިވެސް މިގޮތުގެ މަތީގަ ހޭދަކުރުން ކަންނޭގެ އެންމެ ބުއްދިވެރީ… އަހަރެންމީ ދުނިޔެއަށް ގިނަވެ ބާކީވެފަވާ މީހެއް… އެހެންމީހުންނެކޭ ޙިލާފަށް، ދިރިއުޅުމާމެދު ތިޔަފަދަ އުންމީދުތައްކުރާ މީހެއްނޫން މަށަކީ…" ފުންނޭވާއެއް ބޭރުކޮށްލަމުން ޙަމްދީ ބުންޏެވެ.
— ނުނިމޭ —-
*** ވާހަކައިގެ ކުރިއަށް އޮތްބައި ވަރަށް އަވަހަށް ހިއްސާކޮށްލާނަން.. އިންޝާ ﷲ
ކުރީގެ އެޕިސޯޑް ވިދާޅުވުމަށް:
ކިޔުންތެރިންގެ ޚިޔާލުތައް:
ހާދަ ޝައުގުވެރިއޭ… ދެން އޮތްބައިގެ އިންތިޒާރުގަ!!!