މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ހަމަލާދިން މައްސަލަ ބެލުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ގޮވާލައިފިއެވެ.
އުމަރު ވިދާޅުވީ، މާލޭގައި އޭނާ ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނު މަތީގައި ޖެހި ކަމަށެވެ.
އަދި އޭނާ އެތަނުން ފިލާފައިވާ ކަމަށާއޮ އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އޭނާގެ ފޮޓޯ ފުލުހުންނާއި ހިއްސާ ކުރައްވާ ފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގޮސް، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީން ގޮވާލައެވެ
މި މައްސަލައާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާއި ރަނިން މޭޓަކަށް ހުންނަން، އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް، ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދޭން ގާނޫނު ލާޒިމްކުރާ ކަމަށެވެ.
އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އީސީގެ މެންބަރުންގެ ފަރާތުން ގޮވާލާ ކަމަށާއި އަދި މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް ހަބީބު އިލްތިމާސްކުރެއްވިއެވެ.