ވޯޓަށް ނުފޫޒު ފޯރުވާ، ކޮރަޕްޓްވެފައިވާ ވެރިން މަޤާމުން ވަކިކުރަންޖެހޭ: ޑރ. އިރުތިޝާމް

ވޯޓަށް ނުފޫޒު ފޯރުވާ، ކޮރަޕްޓްވެފައިވާ ވެރިން މަޤާމުން ވަކިކުރަންޖެހޭކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑުވައިޒަރު އަދި ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑރ. އިރްތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ގޮވާލައްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުހޯދާދޭ މުވައްޒަފުންނަށް، 4000 ރުފިޔާގެ ބޯނަސްއެއް ދޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެ ކުންފުނީގެ މުވައްޒަފުންނަށް ދެއްވަން ނިންމަވާފައިވާ ކަމުގެ ޚަބަރެއް ދައުރުވުމާ ގުޅިގެންނެވެ.

މިކަމަށް ރައްދުދެއްވަމުން، ޑރ. އިރްތިޝާމް ވިދާޅުވީ، ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާގައި ތިބި މުވައްޒަފުންނަށް ކުންފުނިތައް މެދުވެރިކޮށް ބާރު ފޯރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެކަމެއް ނޫންކަމަށެވެ. ކުންފުނިތަކުގެ ބަޖެޓުގައި ހުރި ފައިސާއަކީ، ރައްޔިތުންގެ ފައިސާކަމަށްވީއިރު މިކަން މިނިވަން މުއައްސަސާތަކުން ބަލަންޖެހޭނެކަމަށް ވިދާޅުވެ، މި މައްސަލަ ބެލުމަށް، އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އެކަމަނާވަނީ ގޮވާލާއްވާފައެވެ. އަދި އެފަދަ ކޮރަޕްޝަންގެ ހަރަކާތްތައް ހިންގާ ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކުރަންޖެހޭނެކަން ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ޚަބަރުގައިވާ ގޮތުން، މިމަހުގެ 19 ވަނަ ދުވަހުގެރޭ ތާޖުއްދީން ސްކޫލުގައި ޝަރީފު، އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ރައީސް ޞާލިހަށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ. އަދި ކޮންމެ މުވައްޒަފަކުވެސް މަދުވެގެން 5 ވޯޓު ހޯދާ ދިނުމަށާ, އެކަން ކުރެވޭ މުވައްޒަފުންނަށް 4000 ރުފިޔާ ކުންފުނިން ދޭނެކަމަށް ބުނެފައިވާކަމަށް ވެސް އެ ޚަބަރުގައިވެއެވެ. އަދި ޙާޟިރުވި މުވައްޒަފުންގެ ޙާޟިރީވެސް ނަގާފައިވާ ކަމަށް ދައުރުވަމުން އެބަދެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު