ކައުންސިލްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާރުވެރިކަން ލިބިފައިނެތުން: ނާދިރާ

ކައުންސިލްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާރުވެރިކަން ލިބިފައިނެތުން ކަމަށް، އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫންގެ ކެމްޕެއިން ސްޕޯކްސްޕާސަން އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެެ.

ފާރިސްގެ ކެމްޕެއިންގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ، މިހާތަނަށް 24 ކައުންސިލަކާއި ބައްދަލުކުރެވިއްޖެކަމަށާއި، 17 ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރެވި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހިއްޖެ ކަމަށެވެ.

ކައުންސިލްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކައުންސިލްތަކަށް ޤާނޫނުގެ ދަށުން ލިބެންޖެހޭ ބާރުވެރިކަން ނުލިބުމުގެ މައްސަލަކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކަށްވެެފައިވަނީ މާލީގޮތުން ކައުންސިލްތަކަށް ކަންކަންކުރުމަށް ތަފާތު ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ބުރޫއަރާފައިވުން ކަމަށް ނާދިރާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ފާރިސްގެ މެނިފެސްޓޯގައި ކައުންސިލްތަަކަށް ދިމާވެފައިވާ ދަތިތަކާ ގޮންޖެހުންތަކަށް ހައްލުތަކެއް ހުންނާނެ ކަމަށާއި މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް މުހިއްމު ކަންތައްތަކެއް ހިމެނިފައިވާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

"ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުކުރެއްވިފައިވީނަމަވެސް، މަސައްކަތތައްް ހުއްޓިފައިވާ ކަން ކައުންސިލްތަކުން ފާހަގަކުރޭ."

ނާދިރާ ވިދާޅުވިއެވެ.

މީގެއިތުރުން، ގިނަ ރަށްރަށުގައި ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ލިބެމުން ނުދާތީ އެކަމުގެ ދަތިކަން މެދުވެރިވަމުންދާ ކަމަށާއި، އަދި އޭޓީއެމް ހުރި ރަށްރަށުގައިވެސް އޭޓީއެމްތަކުން ޚިދުމަތް ލިބެމުން ނުދާކަމަށް ކައުންސިލްތަކުން ފާހަގަކުރައްވާފައިވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އަދި އިންތިޚާބު ބޯމަތިވެފައިވާއިރު، ބަޖެޓްގައި ނެތް އެތައް މަޝްރޫޢުތަކެއް ކުރިއަށް ގެންދާކަމަށާއި، މިކަންކަން މެދުވެރިކޮށް ސަރުކާރުގެ ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށްވެސް ނާދިރާ ވިދާޅުވިއެވެ.

"ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރާކަން ފާހަގަކުރޭ."

ނާދިރާ ވިދާޅުވިއެވެ.

ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރިއިރު އެނގިގެން ދިޔަކަމަކީ ރައްޔިތުން މާޔޫސްވެފައިވާ ކަންކަމަށާއި، އެހެންކަމުން އެކަންކަމުން އަރައިގަތުމަށް ކެންޑިޑޭޓް ނަންބަރު 6، ފާރިސް މައުމޫނަށް ވޯޓްދެއްވުމަށް ނާދިރާ އެދިވަޑައިގެންނެވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު