ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރާއްޖޭގެ އަތޮޅުތަކުގައި ހުންނަ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އެ އަތޮޅެއްގެ ކައުންސިލަށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ ކެމްޕޭނުގައި މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އިލްޔާސް އެކަން ފާހަގަ ކުރެއްވި ނ. އަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ އަގުބޮޑު ރިސޯޓުތައް ހުރި އެއް އަތޮޅުކަމަށް ވިދާޅުވަމުންނެވެ.
"އަތޮޅުގަ މިހިރަ ރިސޯޓުތައް، މިއީ ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ހައިއެންޑު ރިސޯޓުތައް ހުރި އަތޮޅު، މި ހުރިހާ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ މި އަތޮޅުގެ އަތޮޅު ކައުންސިލަށް ދިނުމަށްޓަކާ [ޑިމޮކްރެޓުން ވެރިކަމަށް މި އަންނަނީ].. މި ބަދަލާ އެކީ ނޫނީ މި ރަށްރަށް މި އަތޮޅުތައް ތަރައްގީއެއް ނުކުރެވޭނެ" އިލްޔާސް ވިދާޅުވި އެވެ.
ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދިނުމަކީ ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. މީގެއިތުރުންވެސް ރަށު އަދި އަތޮޅު ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމެނިގެން ގެންނަވާނެ ބަދަލުތައް ވެލިދޫގައި ހުންނަވާ އިލްޔާސް ވަނީ ތަފްސީލުކޮށްދެއްވާފަ އެވެ.
އެގޮތުން، ރަށްރަށުގެ ކައުންސިލުން ދޭ ހިދުމަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވާނެ މަގުތައް ފުޅާވެގެން ކަމެވެ.
"ކައުންސިލަށް މިހާރު މި އޮންނަނީ ސަރުކާރުން ބްލޮކްގްރާންޓެއްގެ ދަށުން ދޭ އެއްޗެއް އެކަނި، އެއިން އެމީހުންގެ މުސާރައާއި ފެން ބިލާ ކަރަންޓު ބިލް ދައްކާލާފަ ދެން ކުރެވޭނެ ކަމެއް ނޯވޭ، އަޅުގަނޑު މި އަންނަނީ މި ރަށުގަ ހުރި ގެސްޓްހައުސްތަކުންނާއި ޓުއަރިސްޓު ފެސިލިޓީތަކުން ނަގާ ގްރީން ޓެކްސް މި ރަށުގެ ކައުންސިލަށް އެކީ ދިނުމަށްޓަކާ، އަދި ޖީއެސްޓީ ނަގާ ފިހާރަތަކުން ނަގާ ހުރިހާ ޖީއެސްޓީއެއް މި ރަށުގެ ކައުންސިލަށް ދިނުމަށްޓަކާ" ކެންޑިޑޭޓު ވިދާޅުވި އެވެ.
މީގެއިތުރުންވެސް، ހާއްސަކޮށް ވެލިދޫއަށް ދިމާވެފައިވާ ދަތިތަކަށް ކެންޑިޑޭޓު އަލިއަޅުއްވާލި އެވެ. އެގޮތުން މި ސަރުކާރުން ވައުދުވެ ނުނިންމުނު ހޮސްޕިޓަލަށް އިޝާރާތް ކުރައްވާ އިލްޔާސް ވިދާޅުވީ ޑިމޮކްރެޓުންގެ ސަރުކާރެއްގައި އިސްކަންދޭނީ ބޮޑު އިމާރާތެއް ނޫން ކަމަށާއި ރަށުގައި ހުންނަ ސިއްހީ މަރުކަޒުންވެސް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތް ވުމަކީ ޑިމޮކްރެޓުންގެ ސިޔާސަތު ކަމަށާއި އެކަން އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.