Saturday, 13 April 2024

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން – 6

ރަށްރަށުގެ ރައްޔަތުން މާލޭ ސަރަޙައްދަށް ޖަމަޢު ކުރުން

ރަށްރަށުން މީހުން ބާލައި މާލޭ ސަރަޙައްދަށް ޖަމަޢު ކުރަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. މާލޭ ސަރަޙައްދަށް މީހުން ޖަމަޢު ކުރެވޭ ދުވެލީގެ އިސްޕީޑު ކުރިމަގުގައި ދާނީ ހަލުއިވަމުންނެވެ.

މިއަދުގެ ޙަޤީޤަތް

ވާތުވެދިޔަ 2022 ވަނައަހަރުގެ ބޯހިމެނުމުގައި މުޅި ރާއްޖޭގައި ތިބީ 382،751 ދިވެހިންނެވެ. މި އަދަދުގެ 42%  ކަމުގައިވާ 161،108 މީހުން ތިބީ މާލޭގައެވެ. އޭގެ ކުރިން، 2014 ގެ ބޯހިމެނުމުގައި މާލޭގައި އޭރު ދިރިއުޅުނީ 38% ދިވެހިންނެވެ.

ވޭތުވި 2022 ގައި މާލޭގައި ދިރުއުޅުނު 161،108 މީހުންގެ އިތުރުން، މިސަރުކާރުގެ ބިންވެރިޔާ ސްކީމުން އުފަން ކުރުވާ 19،865 ގޯއްޗާއި 15،046 ފްލެޓަށް ކުރިޔަށް 5 ވަރަކަށް އަހަރުތެރޭގައި މީހުންނަށް ވަދެވޭނޭ ކަމަށް ޤަބޫލު ކުރަމާތޯއެވެ؟  ފްލެޓަކަށް 5 މީހުން، ގޯއްޗަކަށް 9 މީހުންގެ ނިސްބަތުން ހިސާބެއް ހަދައިފިނަމަ، މަދުވެގެން 254،015 މީހުން މާލޭ ސަރަޙައްދަށް އިތުރަށް ޖަމަޢު ކުރެވޭނެއެވެ. މާލޭ ސަރަޙައްދަށް މީހުން ޖަމަޢު ކުރާ ‘ދަގަތްފާނުގެ’ ބާރު އިތުރަށް ގަދަވެ، 2030 ހާއި ހަމައަށް ދިވެހިންގެ 60% މީހުން މާލޭ ސަރަޙައްދަށް ޖަމަޢު ވުމަކީ ނާދިރު ކަމަކަށް ނުވާނެއެވެ.

މި ވެށީގެ އަނެއް ޙަޤީޤަތަކީ، 2.5 ގައި 2014 ގައި ހުރި ‘ދަރިމައިވުމުގެ ނިސްބަތް’ ވަރަށް ބޮޑަށް ދަށަށްޖެހި 2022 ގައި 1.7 އަށް ވެއްޓިފައިވާ ކަމެވެ.

މީހުން ޖަމަޢު ކުރުމުގެ ސިޔާސީ ނަތީޖާ

ޔޫ.އެން،އެފް.ޕީ.އޭ. ރިޕޯރޓް ބުނާ ގޮތުން ރާއްޖޭގެ 7 އަތޮޅެއް ފިޔަވައި އަނެއްް 13 އަތޮޅުގައި، 2054 ގައި ދިރިއުޅޭ މީހުންގެ އާބާދީ، 2014 އަށް ވުރެ މަދުވާނެއެވެ. ވ. އަތޮޅުގައި 2054 ގައި އުޅޭނީ ޖުމްލަ 543 މީހުންނެވެ.  އެ ހިސާބު ޖެހިއިރު ހިޔާ ފްލެޓާއި ބިންވެރިޔާ އަކީ ރަދީފު ދަންނަ ބަސްބަހެއް ނޫނެވެ.

ކުރީގެ 2014ގެ ބޯހިމެނުމުގެ ހިސާބާއި އެކުގައި ސަރުކާރާއި ޔޫ.އެން ގެ ޕޮޕިލުލޭޝަން ފަންޑްކުރި (ޔޫ.އެން،އެފް.ޕީ.އޭ.) ގުޅިގެން 2054 އަހަރާއި ހަމައަށް ރާއްޖޭގެ އާބާދީ ބެހިގެންދާނެ ގޮތާ ބެހޭ ދިރާސާ އެއް ޝާއިޢު ކުރިއެވެ. މި ދިރާސާގައި ބުނާ ގޮތުން 2054އާއި ހަަމައަށް ދާއިރު، ރާއްޖޭގެ އާބާދީގެ 68% އުޅޭނީ މާލޭގައެވެ. މި ދިރާސާ 2014 ގައި ކުރިއިރު، 7،000 ހިޔާ ފުލެޓު ފެނުން ތޮޅިއެއް ނުލައެވެ. މިސަރުކާރުގެ ބިންވެރިޔާ ސްކީމުން އުފަން ކުރުވާ 19،865 ގޯއްޗާއި 15،046 ފްލެޓްގެ ވާހަކަ ހުވަފެނެއްގައިވެސް ނުފެނެއެވެ.

ޔޫ.އެން،އެފް.ޕީ.އޭ. ރިޕޯރޓް ބުނާ ގޮތުން ރާއްޖޭގެ 7 އަތޮޅެއް ފިޔަވައި އަނެއްް 13 އަތޮޅުގައި، 2054 ގައި ދިރިއުޅޭ މީހުންގެ އާބާދީ، 2014 އަށް ވުރެ މަދުވާނެއެވެ. ވ. އަތޮޅުގައި 2054 ގައި އުޅޭނީ ޖުމްލަ 543 މީހުންނެވެ.  އެ ހިސާބު ޖެހިއިރު ހިޔާ ފްލެޓާއި ބިންވެރިޔާ އަކީ ރަދީފު ދަންނަ ބަސްބަހެއް ނޫނެވެ.

ކޮންމެ ޤައުމެއްގައި ނަމަވެސް، ސިޔާސީން އިސްކަންދޭނީ ގިނަ ވޯޓު ފޮށި ބެހެއްޓޭ ސަރަޙައްދުތަކަށެވެ. ބަޖެޓު ހަމަޖެހި، ތަރައްޤީގެ މަޝްރޫއު ތައް ހިންގޭނީ އެ ރައްޔަތުން އެދޭ ގޮތަށެވެ. ޖުމްލަ 543 މީހުންގެ ވޯޓު ހޯދާކަށެއް މާކަ ބޮޑު އިސްކަމެއް ދެވޭނޭ ކަމަކަށް ނުވިސްނެއެވެ.

ޖުމްލަ އާބާދީގެ 68% އަށް ވުރެ ގިނަ މީހުން މާލޭ ސަރަޙައްދަށް ޖަމަޢު ކުރެވޭ ދުވަހު، މަޖިލީހުގައި ތިއްބަވާ މެންބަރުންގެ 68% ހޮވިވަޑައިގަންނަވާނީ އެ އާބާދީ ރުއްސައިގެން، އެމީހުންގެ ހުވަފެނުގައި ކުލަޖައްސައިދީގެންނެވެ.

މީހުން ގިނަ ސަރަޙައްދު ތަކަށް، މީހުން ދާނީ އިތުރަށް ގިނަވަމުން

ވިޔާފާރި ޙަރަކާތްތައް އާލާ ކޮށް ފުޅާ ކުރެވޭނީ މާރކެޓް ސައިޒް ބޮޑުވުމުންނެވެ. މީހުން ޖަމަޢުކުރުމުން، ކަންމަތީ ފިހާރަތައް މާޓްތަކަށް، މާޓުތައް ސުޕަރމާޓަށް ބަދަލުވެދެއެވެ. ރަނގަޅު ފެންވަރުގެ އިސްކޫލްތަކާއި ހޮސްޕިޓާތައް ހުޅުވި، ޖިމްތައް ފައްކާވެ، ގްލޯރިޔާ ޖީންސާއި ކޭ.އެފް.ސީ ފާޅުވާނެއެވެ. ކިޔަވައި ދިނުމުގެ ފެެންވަރު ރަނގަޅުވެ، ހޮސްޕިޓާތައް ފައްކާވެ، ޓާރކިޝް، ޖަޕަނީޒް، އަދި އެރެބިކް ރެސްޓޯރަންޓްތައް ހުޅުވި އެތަންތަނުގެ ވަޒީފާތައް އުފެދުމުން، އިތުރު މީހުން ޖަމަޢުނުވެ އެއް ނުތިބޭނެއެވެ. އިތުރު މީހުން ޖަމަޢު ވާ ވަރަކަށް، އިތުރު ވަޒީފާތައް އުފެދި، އެއަށް ވުރެ ގިނަ މީހުން ޖަމަޢުވުމަށް މަގު ހުޅުވޭނެއެވެ. އެއީ އަމިއްލަ ޒާތުގައި ހިނގަމުން ދާނޭ ކަންކަމެވެ.

މީގެ އިތުރުން، 68% އަށް ވުރެ ގިނަ މީހުން ވޯޓުލާ އާބާދީގެ ބޭނުންތައް ފުއްެދައިދީ، ‘ހުސްނުވާ ބިންވެރިޔާ’ ތަޢާރުފު ކުރަން ސިޔާސީންނަށް މަޖުބޫރުވާނެއެވެ. މީހުންދާނީ ހައްތާ އިތުރުވަމުންނެވެ.

ތަރައްޤީގެ ފަލްސަފާ 2 ކަފިވާ ކަންމަތި

ކޮންމެ ރަށެއްގައިނަމަވެސް، ވަކި އަދަދަކަށް މީހުން ދިރިއުޅުމަކީ އެ ރަށެއްގައި ވިޔާފާރި ހިންގައި ފުޅާވުމަށް ކޮންމެހެން މަޖްބޫރު މާއްދާއެކެވެ. ރަށުގައި 200 އެއްހާ މީހުން ދިރިނޫޅޭނަމަ، ބަނދަރު މަތީގައި ސައި ހޮޓަލެއް ނުވަތަ  ރަށުތެރޭގައި  ކަންމަތީ ފިހާރައެއް ނަމަވެސް ހިންގަން ދަތި ވާނެއެވެ.

އެހެނަސް، އުސްކޮށް ހެދޭ ޓަވަރު ތަކުގަޔާއި ދަތި ޙާލަތްތަކުގައި މީހުން ތޮއްޖެއްސުމުގެ ސަބަބުން ވިޔާފާރި ފުޅާވަމުން ދާއިރު، ޞިއްޙީ އަދި ނަފްސާނީ މައްސަލަތައް އިތުރުވެ، މަގުމަތި ނާމާންވެ، ކުށުގެ ވެށްޓަށް މަގު ހުޅުވި، ދިރިއުޅުމުގެ ޙާލަތު ނިކަމެތިވާ އެތަކެއް ސަބަބު މެދުވެރިވެދެއެވެ. މިއީވެސް ދެކޮޅު ނުހެދޭނޭ ޙާޤީޤަތެކެވެ.

ބާޒާރު ފުޅާކޮށް ވަޒީފާ އުފެއްދުމުގެ މަޤްޞަދުގައި މީހުން ޖަމަޢު ކުރުމުގެ ފަލްސަފާގެ އަނެއް ފުށަކީ، ޖަޒީރާ ދިރިއުޅުމަަކަށް މަގު ފަހިކޮށް، ‘ގަދަ ކަމުން’ ނަމަވެސް ޑީ ސެންޓްރަލައިޒް ކުރުމެވެ. މިއީ ޢިލްމީ ދެބަސްވުން ‘ހޫނު’، އެހެނަސް ތަރައްޤީ ކުރުމުގައި ބޭނުން ކުރާ ތަފާތު ދެ ފަލްސަފާއެވެ. ކަފިވެފައިވާ ދެ ވިސްނުމެވެ.

ނަމަވެސް ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި، ކުދި ރަށްރަށުގައި އަސާސީ ޚިދްމަތަކާއި، ކުޅިވަރާއި އިޤްތިޞާދީ ޙަރަކާތްތައް ފަހި ކުރުމަށް ލޯނު ނަގައިގެން އިންވެސްޓް ކުރަމުން، ނެތް ފައިސާ ފޮތީގައި މާލޭ ސަރަޙައްދަށް މީހުން ޖަމަޢު ކުރުމަށް ބޮޑު ޚަރަދު ކުރުމުގެ މަޤްޞަދަކީ، ޙަޤީޤީ ފަލްސަފާއަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ.

 

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، އިޤްތިޞާދީ ދާއިރާ ދިރާސާކުރައްވަމުން ގެންދަވާ، އަދި އެ ދާއިރާގެ ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި، އިބްރާހީމް ޢާޠިފް ޝަކޫރު، އޭނާގެ އަމިއްލަފުޅު ބްލޮގުގައި ސިލްސިލާކޮށް ލިޔުއްވަން ފައްޓަވާފައިވާ ލިޔުމެކެވެ. އާތިފްގެ ލިޔުއްވުންތައް "ފިޔަ އޮންލައިން" ގައި ޝާއިޢުކުރެވިގެން މިދަނީ އޭނާގެ އިޒްނައާ އެކުގައެވެ. ކޮންމެ ހަފުތާއެއްގައި، އޭނާގެ ސިލްސިލާ ލިޔުއްވުންތައް މި ނޫހުގައި ޝާޢިއު ކުރަމުން ގެންދާނަމެވެ. މި ލިޔުމުގެ އަސްލު ބޭނުންފުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން – 6، ރަށްރަށުގެ ރައްޔަތުން މާލޭ ސަރަޙައްދަށް ޖަމަޢު ކުރުން | athifshakoor.com

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *