Saturday, 15 June 2024
ނ. މާފަރު ފަޅަށް ވަތް ކަންނެލި އައިން ހިފުމުގައި ރައްޔިތުން

މާފަރު ފަޅަށް ކަންނެލި އައިނެތް، ރައްޔިތުން ނިކުމެ ހިފައިފި

މާފަރު ފަޅުތެރެއަށް ވަތް ބޮޑު ކަންނެލި އައިނެއް އެރަށު އެންމެހާ ރައްޔިތުން ނިކުމެ ހިފައިފިއެވެ. ފަޅަށް ވަތް ކަންނެލިތައް ހިފަން ނިކުމުގެ ރަށުގެ ކުދިބޮޑު އެންމެން މިކަމުގައި ބައިވެރިވިއެވެ.

މާފަރަކީ ކަނޑުއޮޅި މަތީގައި އޮންނަ ރަށެއް ކަމުން، މާފަރުގެ އިރުވައިމަތީ ކަނޑުތޮށިން ބޭރުން އަބަދުވެސް ބޮޑު ކަންނެލި ވަރަށް ގިނައިން ތިލަވެއެވެ. ފަހުގެ ތާރީޚެއްގައި ފަޅުތެރެއަށް ކަންނެލި އައިނެއް  ވަދެފައި ނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދިޔަ ބޮޑުވެފައި އޮތް ގަޑީގައި ފަރު ހުރަސްކޮށް ފަޅުތެރެއަށް ވަދެވުނު އައިނަށް ދިޔަވަރު ހިކުމުން އެ ކަންނެލި އައިނަށް ނިކުމެވޭ ގޮތް ނުވުމުން، އެ ކަންނެލި އައިން ހިފުމަށް ރަށުގެ ރައްޔިތުންނަށް ފަސޭހަވެގެން ދިޔައެވެ. މިދުވަސްވަރަކީ މާބޮޑަށް ދިޔަވަރު ބޮޑުވާ ދުވަސް ވަރަކަށް ވުމުން، ދިޔަވަރު ބޮޑުވި ވަގުތު އެ އައިން ފަޅުތެރެއަށް ވަދެ ފަހުން ނިކުމެވޭ ގޮތް ނުވީ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިއްޔެ މެންދުރުންސުރެން ފެށިގެން ކުރި މަސައްކަތުން މި ކަންނެލިތައް ހިފުނީ އިރުއޮއްސުނު ފަހުންނެވެ.  ރަށުގެ އެންމެނަށް ކަންނެލިތައް ބަހާލާފައިވާކަމަށާއި، ކޮންމެ ގެއަކަށް ދެ ކަންނެލި ލިބުނު ކަމަށް އެރަށުން މަޢުލޫމާތު ލިބިފައިވެއެވެ.

މާފަރަކީ ބޮޑު ފަޅެއް އޮންނަ، އަދި ކަނޑުއޮޅި މަތީގައި އޮންނަ ރަށެކެވެ. އަދި އެ ރަށުގެ ފަޅުތެރެއަށް އާއްމުކޮށް ރިއްމަސް ވަންނަ ކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު