ޖުމުހޫރީ ޕާޓީގެ މެނިފެސްޓޯ ނެރުމުގެ ޖަލްސާގައި ގާސިމް ވާހަކަފުޅުދައްކަވަނީ

ކޮރަޕްޝަން އިންތިހާއަށް މަތިވެއްޖެ، 3 ބިލިއަން ޑޮލަރަށް ދަރަނި އަރައިފި: ޤާސިމް

ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ށ. ފީވަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށެވެ.

ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި، އިންޑިއާއިންވެސް ގިނަ ލޯނުތަކެއް ރާއްޖެއަށް ދީފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މިއަދު އެ ހުރިހާ މަސައްކަތްތަކެއް، ފަސްޖަހާ ވަޅުޖެހިގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ދިވެހިންގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ބިރުވެސް މިހާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ، ބޮޑު މަގާމެއް ހޯއްދަވާކަށްނޫން ކަމަށާއި، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ދިވެހި ރައްޔިތުން ބޮޑު ކެހިވެރިކަމަކުން ސަލާމަތްކޮށް، ރައްކާތެރިކޮށްދިނުމަށްޓަކައި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުން، އިބްރާހިމް މުހައްމަދު ޞާލިޙް އެހުންނެވީ ތާށިވެފައި. ވަރަށް ރަނގަޅަށް ފިތި ބާރުވެފައި. އޭނާއަކަށެއް ނެތް އެއަތަށްވެސް ޖެހިލެވޭކަށް، މިއަތައްވެސް ޖެހިލެވޭކަށް. އަޅުގަނޑުގެ ކުރިމަތީގައި އެ މަންޒަރު ފެނިގެން ހިނގައްޖެ. އަޅުގަނޑު ކޮންމެހެން ބޭނުމެއް ނޫން އެ ވާހަކަ ދައްކަވާކަކަށެއް. އެކަމަކު އެކަން އެހިސާބަށް ދިޔައީ އެމަނިކުފާނު ކަންތައްކުރަންވީ ގޮތާއި ހިލާފަށް ކަންތައް ކުރެއްވީމަ."

 ޤާސިމް ވިދާޅުވިއެވެ.

އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެމަގާމަށް އެންމެ ގާބިލް ބޭފުޅަކީ ކޮބައިތޯ ވިސްނާ އިވެލުއޭޓްކުރުމަށް ޤާސިމް އެދިވަޑައިގެންނެވިއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި އެންމެ ބުރަ މަސައްތަތެއް ކުރައްވާފައިވާ ބޭފުޅަކީ އެމަނިކުފާނު ކަމަށާއި، އެހެންނަމެވެސް އެ މަސައްކަތުގެ ސަބަބުން، ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ރާއްޖޭގައި ޑިމޮކްރެސީގެ ހަޔާތެއް ގެނައުމަށް މަސައްކަތްކުރި ބޭފުޅުންގެ ތެރެއިން އެންމެ އިސްސަފުގައި، އެންމެ ފުރަތަމަ އެންމެ ބޮޑު އަނިޔާއެއް ލިބުނު އެންމެ ނިކަމެތި މީހުންތަކުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު