18 ޖަނަވަރީ 2025

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 85 އަހަރުގައި، ޝެއިހް އުސްމާން އަބްދުالله އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން އަބްދުالله، ވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާ ޓްވީޓެއް ކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ދިވެހި އުންމަތުގެ އިސްލާމީ ފަހުރެއް ކަަމަށްވާ ޝައިހް، ހިތްތިރި ޝަރަފްވެރި، އަދި ޒަކާތަށް ދިވެހިން ހޭލައްވާލި އިލްމުވެރިޔާ ޝެއިހް އުސްމާން އަވަހާރަވި ހަބަރު އެއްސެއްވީ ނުހަނު ހިތާމައާއި އެކުގައި ކަމަށެވެ.

އެމަނިކުފާން އަވަހާރަވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ، ހިތްތިރިކަމާއި، ހުލްގު ހެޔޮ ކަމާއި، ހިތްހެޔޮ ކަމުގެ ލާމަސީލު، ޝެއިހް އުސްމާން އަބްދުﷲ މީގެ އިރުކޮޅެއް ކުރިން އަވަހާރަވެފައިވާ ކަމަށެވެ.

ޝެއިހް އުސްމާން އަބްދުاللهއަކީ ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ގެނެސްދޭ އެކިއެކު ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ދެއްވުމުގައި ދެމި ހުންނެވި ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. ދަރުސްތައް ދެއްވުމަށް މާލޭގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަތުރު ކުރެއްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރޭގައި ވެސް އުސްމާން ހިމެނިވަޑައިގެންނަވަ އެވެ.

ޝެއިހް އުސްމާންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް 2012 ވަނަ އަހަރު ސަރުކާރުން ވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު