25 ޖަނަވަރީ 2025

ވިނަރެސް ފްލެޓްތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރަސް ފްލެޓްތައް ހުންނަ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހިޔާއިން ފްލެޓް ދޫކޮށްލި މީހުންނާއި ސީލައިފްއާއި ގުޅީފަޅު މަޝްރޫޢިން ތަންތަން ލިބުނު މީހުންގެ ތެރެއިން ވިނަރެސްއިން ފްލެޓް ހަމަޖެހުނު މީހުންނަށް ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާޠިފްއެވެ.

13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި ޖުމްލަ 1344 ފްލެޓު ހިމެނޭއިރު، ވިނަރެސް ހައުސިންގ މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދިޔަ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ ކުރީގެ ސަރުކާރުން ކަންކޮށްފައިވާ ގޮތުން މަގުމަތިވެފައިވާ ގުޅީފަޅުގެ އަދި ސީލައިފް ފްލެޓް ގަނެފައިވާ މީހުންނަށް ވިނަރެސްއިން ފްލެޓް ދީފައިވާކަން ފާހަގަކުރައްވާފައެވެ.

ގުޅީފަޅުން ފްލެޓް ވިއްކުމަށް ހުޅުވާލުމާ ގުޅިގެން 158 ފަރާތުން 184 ފްލެޓް ގަތުމަށް ފައިސާ ދައްކަން އޭރު ފަށާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"2017ގަ ހުޅުމާލޭގަ އޭރު އިމާރާތްކޮށްފަވާ 604 ފްލެޓުގެ ތެރެއިން އޭރު ގުޅީފަޅުން ބޭރުކުރި މީހުންގެ ތެރޭން 18 ފްލެޓެއް ހަވާލުކުރި. އެކަމަކު އެ ހަވާލުކުރީ ކޮން އުސޫލަކުން ކޮން ގޮތަކަށް ކަމެއް ނޭނގޭ. ދެން މި ދެންނެވިހެން ބާކީވި ބޭފުޅުންނަށް މިސަރުކާރުން ގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން މިދަނީ."

އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާޠިފް ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާއިރު އެ ސަރަޙައްދުން ޒަރޫރީ ޚިދުމަތްތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާ ވަޞީލަތްތައް ޤާއިމުކުރުމަށް އެކި ފަރާތްތަކަށް ހަވާލުކޮށްފައިވާކަމަށެވެ. ބޯހިޔާވަހިކަމުގެ އެހެނިހެން މަސައްކަތްތައްވެސް ކުރިއަށްދާގޮތަށް ވިނަރެސް ފްލެޓްތައް ހިމަނޭ ސަރަޙައްދުވެސް ހިތްފަސޭހަ ތަނެއްގޮތުގައި ބޭއްވުމަށް މަސައްކަތްކުރާނެކަން އާޠިފް ފާހަގަކުރެއްވިއެވެ.

"މެދުފަންތީގެ މި ބޯހިޔާވަހިކަމުގެ މަޝްރޫޢު ރަނގަޅު ކުރުމަށްޓަކައި ޑިޒައިނަށްވެސް އަޅުގަނޑުމެން ބަދަލެއް ގެނައިން. އެހެންވީމަ މިތަން ބޭނުން ކުރަން ފަށާއިރު މިހާރުވެސް ކޮމާޝަލް ތަންތަން ކަޑައަޅާ ބޭނުންވާ ފަރާތްތަކަށް ހަވާލުކޮށްފައި." އާޠިފް ވިދާޅުވިއެވެ.

ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗް.ޑީ.ސީން އިޢުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ވިނަރެސްއިން ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިދިޔަ މަހުއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

މިމަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ ފްލެޓްތަކެކެވެ. މިތަންތަން ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު