ސެލްފީ ނެގުމުގައި ވެސް ރައީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްއާ ވާދައެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސިފަވާ މޭރުމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ، ރައީސް ޞާލިޙަށް ޖޯކުޖައްސަވައިފިއެވެ.
އެޖަލްސާގެ ފޯރިއެއް ނެތުމުން އެކަމާ ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަންވެސް ހާމަވެގެން ދިޔައެވެ.
އިމްރާން ވިދާޅުވީ ޖަލްސާގައި މިއަށްވުރެ ފޯރި ހުންނާނެ ކަމަށް އޭނާ އުއްމީދު ކުރެއްވި ކަމަށާއި ފޯރި ނެތީ ޖަލްސާގެ ކުރިން މިއަދު ހިނގި ކަންތައްތަކުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އިމްރާން އިޝާރާތް ކުރެއްވީ މިއަދު ރައީސް ޞާލިހްގެ ދަތުރާއި ދިމާކޮށް ތުޅާދޫން އިދިކޮޅު އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، މަގުތައް ބަންދުކޮށް އަދި އާއްމުންގެ ގެތަކުގައި ހުރި ލައުޑް ސްޕީކަރުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ނެގި ނެގުމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ހުރިހާ ރައްޔިތުން ތަރައްޤީ ކޮށްދޭނެ މެނިފެސްޓޯއެއް އޮތީ "އަޅުގަނޑުމެން އަތުގައި އެކަނި" ކަމަށެވެ.
"ރައީސް ކުރިމަތީގައި ހުރުމުންނެއް ނޫން، ރައީސްގެ ވައުދުތައް ފުއްދުމާއި ގާތައް ވެސް ނާދެވޭނެ. ކޮންމެ ރަށަކަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރަށް ފުއްދަވައި ދެއްވި. އަދި އެއީ ވެސް ކޮވިޑާއެކު." އިމްރާން ވިދާޅުވިއެވެ.
ޑރ.މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓްގެ ބައެއް ވާހަކަތައް ދަތުރުމަތީގައި އުޅުއްވާއިރު ދޭތެރެއަކުން އަޑުއިވޭ ކަމަށެވެ.
"މިވިދާޅުވަނީ ވަކިބޭފުޅަކަށްޓަކައޭ ތިމަންނަ ވެރިކަން ހޯދަން މިއުޅެނީ. ވަކި ބޭފުޅަކު ޖަލުން ސަލާމަތް ކުރަންށޭ ތިމަންނަ ވެރިކަން މިހޯދަނީ. އެހެން ގޮތަކަށް ވިސްނާލިއިރު ހިތައް އެރީ ތެދެއް ބާއޭ މިހަދަނީ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، މުއިއްޒު އޮންނާނީ ޖަލުގައި. ނުވަތަ ޔާމީން އޮންނާނީ ޖަލުގައި. ދެބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅަކު އޮންނާނީ ފަސް އަހަރު ވަންދެން ޖަލުގައި. އެއީ ދެބޭފުޅުންގެ ޓްރެކް ރެކޯޑަށް ބެލުމުން އެނގެން އޮންނަ އެއްޗެއް."
އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޞާލިހާއި އަރާހަމައެއް ނުކުރެވޭނެ ކަމަށާއި، ރައީސް އާއި ކައިރިއަށް ވެސް ނާދެވޭނެ ކަމަށާއި، ވައުދުތަކާއި ވެސް ކައިރި ނުވެވޭ ކަމަށެވެ.