ބޮޑުތިލަދުންމަތީގެ 2 ރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.
ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިސޯޓް ތަރައްޤީކުރަން ހުޅުވާލި 2 ރަށަކީ، ތިލަދުންމަތީ އުތުރުބުރީ މެދަފުށި އަދި މިލަދުންމަޑުލު އުތުރުބުރީ ނަލަންދޫ އެވެ.
ނަލަންދޫއަކީ ހުއިފިލަނޑާ ދިރުވާ އާލާކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އައިސްފައިވާ ރަށެކެެވެ. އަދި އެ މަސައްކަތަކީ ތިމާވެއްޓާ ރައްޓެހި، ރަނގަޅު އާމްދަނީއެއް ލިބެމުންދާ މަސައްކަތެކެެވެ،
މި ދެ ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއަރޕޯޓު ފީސިބަލް ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހިންގާ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުޞަތުތައް ޤާއިމްކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެކުރިންވެސް ހއ. މެދަފުށި ވަނީ ބީލަމުގެ އުޞޫލުން ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލިނަމަވެސް، ށ. ނަލަންދޫ ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.
މި ރަށްތަކުގައި ރިސޯޓް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވާ ބުދަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަކީ 21 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 17 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޓޫރިޒަމް މިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެވޭނެކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.