އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ބ. ތުޅާދޫ އެއަރޕޯޓް އެޅުމަށްޓަކައި އެރަށު ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ތުޅާދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
2023 ގެ ނިޔަލަށް ތުޅާދޫ އެއާޕޯޓް ނިންމަވާނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ރައީސް ޞާލިޙު ވަޢުދުވެވަޑައިގެންފައިވާއިރު، ތުޅާދޫއަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އެއަރޕޯޓްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށެވެ.
"މިރަށުގައިވެސް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްވެސް ކުރިއަށް އެބަގެންދޭ. އެއަރޕޯޓްގެ މަސައްކަތް ފެށުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާ ނިމުމުގެ ކުރިން ފަށާނެ. އެއީ 44 ހެކްޓަރުގެ ބިން" ރައީސް ޞާލިހް ވިދާޅުވިއެވެ.
ތުޅާދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 އަކަށް މިނެޓުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރަޢްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެވަނަ ދައުރުގައި ތުޅާދޫއަށް ކޮށްދެއްވާނެ ކަންތައްތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބިން އިތުރަށް ހިއްކާ އިންޑަސްޓްރިއަލް ޒޯނެއް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި ބީޗް ސަރަޙައްދެއް ތަރައްޤީކޮށް ޕިކްނިކް އައިލެންޑެއް ތަރައްޤީކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ޒުވާނުންނަށް ޚާއްސަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ އިތުރަށް މަސްގަނެވޭނެގޮތް ހެދުމަށްޓަކައި ވަގުތީ ގޮތުން އެ ސަރަހައްދުގައި ބޯޓެއް ބާއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.