ނަމާދުގެ ސަބަބުން އަޅުގަނޑުމެން މުސްލިމުންނަށް ރޫޙާނީ، ޖިސްމާނީ އަދި އިޖްތިމާޢީ އެތަކެއް ފައިދާތަކެއް ލިއްބައިދެއެވެ.
މިގޮތުން ނަމާދުގެ ސަބަބުން ލިބޭ ރޫޙާނީ ފައިދާތަކުގެ ތެރޭގައި:
1) ޘަވާބާއި ދަރުމަ ލިބުން
﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ﴾ [البقرة: 277] މާނައީ: "ހަމަކަށަވަރުން އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް، ނަމާދު ޤާއިމުކޮށް، ޒަކާތް ދީ އުޅުނު މީހުންނަށް އެބައިމީހުންގެ ދަރުމަ، އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުގައި ވެއެވެ."
2) ކުށްފާފަތަކާއި ފާޙިޝް ކަންކަމުން ދުރުހެލިވުން
﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ﴾ [العنكبوت:45] މާނައީ: "ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ."
3) ހިތްހަމަޖެހުން ލިބުން
الله تَعَالَىٰއަށް ދުޢާކޮށް، އެއިލާހު ހަނދުމަކޮށް، އެ އިލާހާއި އަޅާއާ ދެމެދު އޮންނަ ގުޅުން އެންމެ ފުރިހަމައަށް ގުޅުވައިދޭ އެއް ވަޞީލަތަކީ ނަމާދުކަން ޔަޤީނެވެ.
﴿أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ [الرعد:28] މާނައީ: "ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
4) މުޞީބާތްތަކުގައި ވާގި ލިބޭ ވަސީލަތެއް ކަމުގައިވުން
﴿وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ﴾ [البقرة:45] މާނައީ: "ތިޔަބައިމީހުން ކެތްތެރިކަމާއި ނަމާދުން ވާގިހޯދާށެވެ!"
5) އީމާންތެރިކަން އިތުރުވުން
ނަމާދަކީ އެ އަޅުކަމެއްގައި الله تَعَالَىٰގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާން ކިޔެވޭ އަޅުކަމަކަށްވެފައި، ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ޢަމަލަކީ ނަމާދު ކަމުގައިވުމުން، ނަމާދުގެ ސަބަބުން އަހަރެމެންގެ އީމާންތެރިކަން އިތުރުވާނެކަމީ ޝައްކެއްނެތް ކަމެކެވެ.
﴿إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴾ [الأنفال:2] މާނައީ: "މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެ އިލާހު (ބާވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދޭހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރައްބަށް ވަކީލުކުރާ މީހުން ކަމުގައެވެ."
6) މީހާގެ ހިތުގައި الله تَعَالَىٰ އަށްޓަކައި އޮންނަ ލޯބި އިތުރު ވެގެންދިޔުން
"عَنْ عَبْدِ اللهِ بن مَسْعُود رَضِيَ اللهُ عَنْهُ قَالَ: سَأَلْتُ النَّبِيَّ صَلَّىٰ اللهُ عَلَيْهِ وَسَلَّم أَيُّ الْعَمَلِ أَحَبُّ إِلَىٰ اللهِ تَعَالَىٰ؟ قَالَ: الصَّلَاةُ عَلَىٰ وَقْتِهَا." [متفق عليه] މާނައީ: ޢަބްދުﷲ ބުން މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "الله تَعَالَىٰގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯ ތިމަންކަލޭގެފާނު ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުގައި ސުވާލު ދެންނެވީމެވެ. ޖަވާބުގައި އިތުރުއެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: [ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.]"
މި ޙަދީޘް ބަސްފުޅުން އަޅުގަނޑުމެންނަށް އިނގޭ ގޮތުގައި الله تَعَالَىٰ އެންމެ ލޯބިވެވޮޑިގެންވާ ޢަމަލަކީ ނަމާދެވެ. އަޅެއްގެ ހިތުގައި އެ އަޅާގެ ވެރި އިލާހަށް އޮންނަ ލޯބި އިތުރުވެގެންދާނީ، އެ އިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލު ކޮށްގެންކަން ކަށަވަރެވެ.
ނަމާދުގެ ސަބަބުން ލިބޭ ޖިސްމާނީ ފައިދާތަކުގެ ތެރޭގައި:
1) ގަޑިއަށް ފަރުވާތެރިވުމަށް ބާރަކަށްވުން
الله تَعَالَىٰ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ. ﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ [النساء:103] މާނައީ: "ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވެއެވެ"
الله تَعَالَىٰގެ މިއާޔަތުން އަޅުގަނޑުމެންނަށް އިނގޭ ގޮތުގައި ނަމާދަކީ ވަކި ވަގުތެއްގައި އަދާ ކުރަންޖެހޭ އަޅުކަމެކެވެ. މީހަކު އޭނާގެ ޙަޔާތުގެ ކޮންމެ ދުވަހަކުވެސް އެއް ވަގުތަކަށް ވަކި ކަމެއް ކަނޑައަޅައިގެން ކުރާކަމުގައިވާނަމަ އެކަމެއްގެ މައްޗަށް އޭނާ ހޭނިގެން ދެއެވެ. އެހެނީ الله تَعَالَىٰ އިންސާނުން އުފައްދަވާފައިވަނީ ތަދުރީބުކޮށް، ތަމުރީނުކޮށް ކަންކަން ނަފްސުގައި އަށަގަނެވޭނޭފަދަ ޤާބިލުކަން ދެއްވާފައިވާ މަޚުލޫޤެއް ގޮތުގައި ކަމުގައިވާތީއެވެ.
2) ހަށިގަނޑުގެ ހުޅުތަކަށް ކަސްރަތު ލިބުން
ނަމާދަކީ އޭގައި އެތަކެއް ޙަރަކާތްތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. ރުކޫޢު ކުރުމާއި، ރުކޫޢިން ތެދުވެ ހަމަޖެހިލުމާއި، ސަޖިދައަށް ދިއުމާއި، ދެސަޖިދަ ދެމެދު އިނުންފަދަ ޙަރަކާތްތައް ކޮންމެ ނަމާދެއްގައި ކުރާއިރު ހަށިގަނޑުގެ އެތައް ހުޅުތަކަކަށް އޭގެ ސަބަބުން ކަސްރަތު ލިބިގެންދެއެވެ.
މިގޮތުން ނަމާދުގައި ކުރެވޭ ޙަރަކާތްތަކާއި ބެހޭގޮތުން އެމެރިކާގެ "ކޮލެޖް އޮފް ސްޕޯރޓްސް މެޑިސިން" އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ، އެޙަރަކާތްތައް ތަކުރާރުކޮށް ކުރާކަމުގައި ވާނަމަ ހުޅުހުޅުގެ މައްސަލަތަކަށް ރަނގަޅު ޙައްލެއް ލިބޭނެކަމުގައެވެ.
3) ބުރަކަށީގެ ތަދު ކުޑަކުރުން
ޕުރޮފެސަރު މުޙައްމަދު ޚަސާނަޙް ނަމާދުގައި ކުރެވޭ ޙަރަކާތްތައް ދިރާސާ ކުރުމަށްފަހު، ޚާއްޞަކޮށް ރުކޫޢުގައި އޮންނަ އިރު ސިއްޙީގޮތުން ލިބޭ ފައިދާތައް ބަޔާންކުރައްވަމުން ބުނެފައިވެއެވެ. "ނަމާދުގައި ކުރެވޭ ޙަރަކާތްތައް ޚާއްޞަކޮށް، ރުކޫޢުގައި އޮންނަ އޮތުމަކީ އުނަގަނޑުގެ ތަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ."
4) ސަޖިދައިގަ އޮންނަ ވަގުތު ސިކުނޑިއަށް ލޭ ދައުރުކުރުމަށް އެހީލިބުން
އެކި ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ހޯދިހޯދުންތަކުން އެނގުނު ގޮތުގައި އިންސާނާގެ ބޯ، ހިތަށްވުރެ ތިރީގައި އޮންނަ އެންމެ ފުރިހަމަ ވަގުތަކީ ސަޖިދައިގެ ވަގުތެވެ. އޭގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުކޮށްދިނުމަށް އެހީއަކަށްވެއެވެ. އަދި ބޮލުގައި ރިއްސުމާއި، ސިކުނޑީގެ ބަލިތަކާއި، ލޭ މައްޗަށް ދިއުންފަދަ ބަލިތަކަށް ފަރުވާއަކަށް ވެއެވެ.
5) ކަންނެތްކަމުން ސަލާމަތްވެ މީހާ ހީވާގިވުމަށް ބާރަކަށްވުން
ނަމާދުގެ ކުރިން ނަމާދަށް ތައްޔާރުވުމަށްޓަކައި ވުޟޫކުރެއެވެ. އެއާއެކު މީހާގެ ބޭރު ފުށް ތާޒާވެގެން ދެއެވެ. އެއަށްފަހު ނަމާދުގައި އޭނާގެ ވެރި ރައްބުގެ ކުރިމަތީގައި ހުއްޓިހުރެ އޭނާގެ އެތެރެ ފުށް ޠާހިރުކުރެއެވެ. ހަމައެހެންމެ ހަށިގަނޑުގެ ގުނަވަންތަކުން އެތައް ޙަރަކާތްތަކެއް ކުރެއެވެ. ފަރުޟު ފަސް ނަމާދު ޤާއިމުކުރާ މިފަދަ މީހެއްގެ ކިބައިގައި ކަންނެތްކަން ހުރުމަކީ ނާދިރު ކަމެކެވެ.
ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އިޖްތިމާޢީ ފައިދާތަކުގެ ތެރޭގައި:
1) މުސްލިމު މުޖުތަމަޢުގެ އެކުވެރިކަން ބަދަހިވުން
ފަރުޟު ނަމާދުތައް ޖަމާޢަތުގައި އަދާ ކުރުމަކީ ފިރިހެނުންނަށް އޮތް އެންމެ މޮޅުއިތުރު ގޮތެވެ. އަދި ޢީދު ނަމާދަކީ އެ ނަމާދުގެ ޖަމާޢަތުގައި ހުރިހާ މުސްލިމު ތަކުން ބައިވެރިވުމަށް ބާރު އަޅުއްވާފައިވާ ނަމާދެކެވެ. މިފަދަ ކޮންމެ އެއްވުމަކީ މުޖުތަމަޢުގެ އެކަކު އަނެކަކު ފެނިދެނިވެ، ޙާލުއަޙުވާލު ބަލައި، އެކުވެރިކަން ބަދަހިކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
2) ސަލާންގަލާންކުރެވުން
އިސްލާމްދީނުގައި ސަލާން ގޮވުމަކީ ސުންނަތެކެވެ. އަދި ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެކެވެ. ސަލާންގަލާންކޮށް ސަލާން ފެތުރުމަށްޓަކައި الله تَعَالَىٰގެ އަޅުން އެ އިލާހުގެ ގެކޮޅުން ބައްދަލުވެ އެކަން ކުރުމަށްވުރެ ހެޔޮގޮތެއް ވޭހެއްޔެވެ!؟
3) މުޖުތަމަޢުގެ އަފުރާދުންގެ ހަމަހަމަކަން ތަމްސީލްވެގެން ދިއުން
އަޅުގަނޑުމެންގެ މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ފާހަގަ ކުރެއްވި ފަދައިން އެންމެންނަކީ ހަމަހަމަ ބަޔެކެވެ. އެއްވެސް މީހަކަށް އަނެކާގެ މައްޗަށް މަތިވެރިކަމެއް ނުވެއެވެ. ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް ނުވަތަ ޢަޖަމީއަކަށް ޢަރަތްބެއްގެ މައްޗަށް މަތިވެރިކަމެއް ލިބިގެންނެއް ނުވެއެވެ. މިކަން އަޅުގަނޑުމެންގެ އިސްލާމްދީނުން ދައްކުވައިދޭ އެންމެ މަތިވެރި އެއް މިޘާލަކީ ނަމާދެވެ. ނަމާދުގައި މުއްސަނދި، ފަޤީރު، ދޮން، ކަޅު އަދި މި ނޫންވެސް ހުރިހާ ނަސްލެއްގެ އަދި ފަންތިއެއްގެ މީހުންވެސް ތިބޭނީ އެއްތާކު، އެއްސަފެއްގައި، އެކަކު އަނެކަކާއި ޖެހިޖެހިގެންނެވެ. އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.
4) ދެކޮޅުވެރިކަމާއި ބައިބައިވުމުން ދުރުހެލިވުން
އެ މުޖުތަމަޢެއްގައި އެކުވެރިކަމާއި ހަމަހަމަކަން ޤާއިމްވެއްޖެނަމަ ދެން އެ މުޖުތަމަޢަކުން ނެތިގެން ދާނީ ކޮން ކަމެއްތޯއެވެ؟ އާދެ އެއީ ދެކޮޅުވެރިކަމާއި ބައިބައިވުމެވެ! އިސްލާމީ މުޖުތަމަޢުގައި ނަމާދު މިކަމުގައި އަދާކުރާ ރޯލު ވަރަށްވެސް ބޮޑެވެ.
•••✧•✧•✧•✧•✧•✧•✧•✧•••
އެޑިޓަރުގެ ނޯޓް:
މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
https://t.me/pathway_mv