ފަސް އަހަރުދުވަހުގެ ތެރޭގައި ޑިޖިޓަލް އިޤްތިޞާދަކަށް ރާއްޖެ ބަދަލުކުރައްވާނެ ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ފާރިސް ވިދާޅުވީ ޑިޖިޓަލް އިޤްތިޞާދަކަށް ރާއްޖެ ބަދަލުކުރުމަކީ ކުރެވޭނެކަމެއްކަމަށާއި، އެކަމަކު މިކަން ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަމަށެވެ.
ފާރިސް ވިދާޅުވީ އެ ގޮންޖެހުންތަކާއެކުވެސް ރައްޔިތުއްނަށް ލުއިފަސޭހަ އަދި އެކަށޭނަ ޑިޖިޓަލް ނިޒާމެއް ގާއިމްކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ފުރަތަމަ 2 އަހަރު ދުވަހު އަޅުގަނޑުމެންގެ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު ބޭނުންކޮށްގެން ރާއްޖޭގެ ވަކި ސަރަހައްދެއް ފައިނޭސް ސެންޓަރަކަށް ހެދުމަށްޓަކައި އެ ސަރަހައްދުގައި ކުރާ މިފަދަ ވިޔަފާރިތަކަށް ގެންނަ އިންވެސްޓްމަންޓްތަކަށް އިތުރު ސެކިއުރިޓީ ދީ އެކަންކަމުން އެ ބޭފުޅުންނަށް ކުރިއެރުން ލިބޭނެ ގޮތް ކަށަވަރުކޮށްދިނުން." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރާއްޖެ ޑިޖިޓަލް ކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެކަމަށާއި، ރާއްޖެ ޑިޖިޓަލް ހަބަކަށް ބަދަލުވެގެން ދިއުމާއެކު އޮންލައިންކޮށް ކުރާ މުއާމަލާތަކަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށެވެ.
ފާރިސް ވިދާޅުވީ ޑިޖިޓަލް އިޤްތިޞާދެއް ގާއިމްކުރާއިރު ރާއްޖެ، ކޭޝް ލެސް ސިސްޓަމްއަކަށް ބަދަލުކުރަން ޖެހޭކަމަށެއެވެ. އަދި ދައުލަތުގެ ރަޖިސްޓްރީތަކާއި ދަފްތަރުތައް ބެލެހެއްޓުމުގެ ކަންކަންވެސް ޑިޖިޓަލްކޮށް، ހުރިހާ މައުލޫމާތުތަކެއް ރަނގަޅަށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭކަމަށްވެސް ފާރިސް ވިދާޅުވިއެވެ. ޑިޖިޓަލް އިޤްތިޞާދަކަށް ރާއްޖެ ބަދަލުކުރުމަކީ، މިހާރު ކުރާ މުއާމަލާއްތައް ބޮޑުތަނުން ފަސޭހަވެ، ދިވެހި ވިޔަފާރިތަކުގެ ޚަރަދުކުޑަވެ، ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެކަމެއްކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
އެމް.އެމް.އޭ މެދުވެރިކޮށް ޑިޖިޓަލް ބޭންކިންގ އާއި ޑިޖިޓަލް ވޮލެޓު ސިސްޓަމް ރާއްޖެ ގެނައުމަށް ޚާއްޞަ ލައިސަންސްއެއް ދޫކުރުވޭ ގޮތް ހަދައި، ރާއްޖޭގައި 3 އަހަރު ތެރޭގައި ފުލް ޑިޖިޓަލް ވޮލެޓް ސިސްޓަމެއް ޤާއިމުކުރުމަކީ، ފާރިސްގެ މެނިފެސްޓޯގައި ހިމެނިފައިވާ ރިޔާސީ ވަޢުދެކެވެ.