12 ފެބުރުވަރީ 2025

ހޫނު ރައްދުތައް ކެކެނީ؛ ދެވަނަ ބުރުގައި ޤާސިމް، ރައީސް ޞާލިޙްގެ ވަލުގައި ހިފާނެތަ؟

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ނުކުތުމަށް ރައީސް ޞާލިޙް، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދައުވަތު ދެއްވިއެވެ.  އެ ދައުވަތު ޤަބޫލުކޮށްފައިވަނީ އަދާލަތު ޕާޓީން އެކަންޏެވެ. އަދާލަތުން ނިންމީ ރައީސް ޞާލިހަށް ތާއީދު ކުރުމަށެވެ. ޖުމްހޫރީ ޕާޓީން ނިންމީ ފުރަތަމަ ބުރުގައި ވަކިން ވާދަކުރާށެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ހަމަޖައްސައި ކެމްޕެއިން ޙަރަކާތްތައްވެސް ބާރަށް ކުރިއަށް އެބަގެންދެއެވެ. އެމްއާރްއެމްއިން ފުރަތަމަ ބުރުގައި ރައީސް ޞާލިޙުގެ ފަހަތަކަށް ނޭރިއެެވެ. ފުރަތަމަ ބުރުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ލިސްޓްވެސް މިހާރު އެ އޮތީ ތަރުތީބުކޮށްފައެވެ. ހުރިހާ ޕާޓީތަކެއްގެވެސް ކެމްޕެއިން އެވަނީ މެކުހަށް ޖަހާފައެވެ.

ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން، އަތޮޅުތަކަށް ކުރަމުންދާ ދަތުުރުގައި އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަން ފައްޓަވާފައިވަނީ މިދިޔަ ހަފުތާގައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ކުރިން ހީކުރެވުނު ގޮތާ ތަފާތު ގިނަ ކަންތައްތަކެއް ފެނިގެން ގޮސްފިއެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ބުނަމުން ދިޔައީ ދެވަނަ ބުރުގައި ޤާސިމް ކޯލިޝަން ހައްދަވާނީ ރައީސް ޞާލިޙްއާއެކުގައި ކަމަށެވެ. އެހެނީ، ސަރުކާރުން ވަރަށް ބޮޑެތި ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމާއި، ބިމާއި ފަޅާއި ފަރާއި އެނޫންވެސް ތަންތަން ޤާސިމަށް ދިނުމަށް ސަރުކާރުން "ޑީލް" ހުށަހަޅާފައިވާ ކަމުގެ އަޑުތައް ވަރަށް ބާރަށް ފެތުރިގެން ދިޔައެވެ. އެއީ ދެވަނަ ބުރުގައި ރައީސް ޞާލިޙު ޖައްސަވާނެ ކާޑު ކަމުގައި ގިނަ ބަޔަކަށް ހީކުރެވުނެވެ.

ޤާސިމް އިބްރާހީމްގެ ކެމްޕެއިން ދަތުރުފުޅުތައް ފައްޓަވާފައިވަނީ ބޮޑު ތިލަދުންމަތިންނެވެ. ފަހަރަކު ރަށަކަށް ފަހަރަކު ރަށަކަށް ވަޑައިގެން ބުރަކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ވަރުބަލިފުޅުވެ، "ގުނބުހިލޭ" ފަހަރު ފަހަރުވެސްް އާދެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، ށ. ކަނޑިތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ބޭރު ޤައުމެއްގެ ސިފައިން ތިބިކަން އެއީ އޮޅިފައި އޮތް ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވެ ސަރުކާރަށް ހޫނު ރައްދެއް ދެއްވިއެވެ. ހަމައެހެންމެ، ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ބަންޑާރަ ނައިބު މެދުވެރިކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ މައްސަލައަކީ އެއް މައްސަލަ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން، ށ. ފީވަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށް،  ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. އަދި، ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި، އިންޑިއާއިންވެސް ގިނަ ލޯނުތަކެއް ރާއްޖެއަށް ދީފައިވާ ކަމަށް ވިދާޅުވެ، ދިވެހިންގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ބިރުވެސް މިހާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް އެހުންނެވީ ތާށިވެ، ވަރަށް ރަނގަޅަށް ފިތި ބާރުވެފައި ކަމަށާއި، އެކަމަކު އެކަން އެހިސާބަށް ދިޔައީ އެމަނިކުފާނު ކަންތައް ކުރަންވީ ގޮތާއި ޚިލާފަށް ކަންތައް ކުރެއްވީމަކަމަށް ވެސް ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށާއި، ސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށްވެސް ގިނަ ކަންކަން ކުރަމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުއްދަނެތި ރާއްޖޭގައި އިންޑިއާގެ ސިފަައިން ސަރުކާރުން ބޭއްތިއްބިކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.

ހދ. ކުމުންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، މިއީ ބޮޑު މުސީބާތެއް ފަދަ ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، މިސަރުކާރު ދަމަހައްޓަން އިތުރަށް ކުރަންޖެހޭ މަސައްކަތެއް ނޯންނާނެ ކަމަށް  ޤާސިމް ވިދާޅުވިއެވެ. ހަމައެހެންމެ، ވެރިކަން ކުރަން ނުދަންނަ މީހަކު ރައްޔިތުންގެ ވެރިޔަކަށް ހުރުމުގެ ބަދަލުގައި އިސްތިއުފާ ދެއްވަން ޤާސިމް ގޮވާލައްވައި ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މިއީ މި ދެދުވަހުގެ ވާހަކަތަކަށް ބަލާއިރު، ޤާސިމް ސަރުކާރަށް ދެއްވާފައިވާ ވިރިކެކޭފަދަ ހޫނު ރައްދުތަކެކެވެ. މީގެކުރިންވެސް ޤާސިމުގެ ހޫނު ރައްދުތައް ރައީސް ޞާލިޙަށާއި ސަރުކާރަށް ފޮނުވަމުން ދިޔައެވެ. ނަމަވެސް، މިހާރު އެމަނިކުފާނުގެ އުދާސްތައް ހުރީ މާ މަތީގައި ކަމަށް ފާހަގަވެއެވެ. އަދި ރައީސް ޞާލިޙާ ދެމެދު އޮތް ގުޅުން ވަަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ޔަޤީންވެއްޖެއެވެ.

ރައީސް ޞާލިޙަކީ "ހީމޭން" ލީޑަރެކެވެ. ބަސްމަދު ކުރައްވައި، ބޭނުންފުޅުވާ ކަންކަމުގައި ސިޔާސީ "އުކުޅު" ގެ ބޭނުން ހިއްޕަވާ ބޭފުޅެއްކަން ފާހަގަކުރެވެއެެވެ. މިސަރުކާރާއެކު ކޯލިޝަން ހެދި ޕާޓީތައް ކޯލިޝަނުން ބޭރު ނުކޮށް އެ ތިބީވެސް، ދެވަނަ ބުރާ ހަމައިންވެސް ރައީސް ޞާލިޙް ދިއްކުރައްވާފައިވާ ކޯލިޝަންގެ ވާކޮޅުގައި ހިފާފާނެ ކަމުގެ އުއްމީދުގައެވެ. އެންމެ ހޫނުގަދަވެގެން ދިޔައިރުވެސް ކޯލިޝަންގެ މިނިސްޓަރަކުވެސް ވަތްކެއް ނުކުރެއެވެ. ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމް ހީނަރުކުރުމަށް، ރައީސް ޞާލިޙުގެ "ހިމޭން" ސިޔާސަތުގެ ދަށުން މަސައްކަތްތަކެއް ކުރައްވާފައި އެބަހުއްޓެވެ. ޖޭޕީއާއި އެމްއާރްއެމްއަށް ނިސްބަތްވާ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް އެ ޕާޓީތަކުން ދުރުކޮށް، އެ ދެޕާޓީން ސަރުކާރާއެކު ކޯލިޝަން ނުހަދާ ތިބީ، އެއްވެސް އަސާސެއްގެ މަތީގައި ނޫންކަމަށް ދައްކަން މަސައްކަތްތަކެއް ކުރެއްވި މަންޒަރު ފެނިގެން ދިޔައެވެ.

ކޮންމެއަކަށް ޤާސިމަކީ ވިޔަފާރިވެރިއެކެވެ. ވިޔަފާރީގެ މަންފާ އެންމެ ފުރިހަމައަށް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެކި ސަރުކާރުތަކުން އެ މަނިކުފާނަށް ދެއްވާފައިވާ ބިންބިމާއި ތަންތަން އަތުލުމަށް މަސައްކަތް ކުރާ ކަމާއި، ދަތިތައް ކުރިމަތިކުރާކަމަށް ވިދާޅުވެ، ސަރުކާރުތަކަށް އެމަނިކުފާނު އިނގިލި ދިއްކުރައްވައެވެ. މިސަރުކާރުންވެސް އެ މަނިކުފާނަށް ދުއްތުރާތަކެއް ކޮށްފައިވާކަމަށް ވަރަށް ބޮޑަށް އެމަނިކުފާނު ތުހުމަތު ކުރައްވައެވެ.

ވިލާ ކުންފުންޏަށް ދީފައި އޮތް މާލެ އަތޮޅު ވާވެއްދިފަޅު ވިއްކުން، މިފަހަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ސަރުކާރުން ހުއްޓުވާފައިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުންކަމަށް ޖޭޕީންނާއި ޚުދު އެމަނިކުފާނުވެސް ތުހުމަތު ކުރައްވަމުން ގެންދެވިއެވެ. އެހެންނަމަވެސް، ފަހުން އެންޓިކޮަރަޕްޝަން ކޮމިޝަނުން އެ މައްސަލަ ނުބަލަން ނިންމިއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކަށް ހީކުރެވުނީ ޤާސިމު ދެވަނަ ބުރުގައި ރައީސް ޞާލީޙަށް ބައިޢަތު ހިފަން ނިންމަވާފާނެ ކަމަށެވެ.

މީގެއިތުރުން، ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ރާއްޖޭއިން ބޭރަށް އަރުވާލެވިގެން ހުންނަވާ އެނބުރި ރާއްޖެއަށް ވަޑައިގަތުމަށްފަހު، އޭގެ ދުވަސްކޮޅެއް ފަހުން ޤާސިމުގެ ކެމްޕެއިންގައި ޢަލީ ވަޙީދު ރަސްމީކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. ޢަލީ ވަޙީދު ރާއްޖެ ވަޑައިގަތީ ރައީސް ޞާލިޙަށް ތާޢީދުކުރައްވަން ނިންމެވުމުން ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ދެން ހީކުރެވުނީ، ޢަލީ ވަޙީދަކީ، ކޯލިޝަންގެ ވަލުގައި ހިފުމަށް ޤާސިމަށް ބާރުދޭން ރައީސް ޞާލިޙުގެ ފަރާތްތަޕުޅުން ފޮނުއްވާފައިވާ އެޖެންޓެއް ކަމަށެވެ. ނަމަވެސް، ޢަލީ ވަޙީދުވެސް ވަނީ ހީކުރެވުނު ގޮތާ ޚިލާފަށް ހޫނު ރައްދުތަކެއް ސަރުކާރަށް އަމާޒުކުރައްވާފައެވެ. މިއާއެކު ޢަލީ ވަޙީދު ޖޭޕީގައި ހުންނެވީ ހަމަ ޤާސިމަށްޓަކައި ކަން އެބަ ހާމަވެއެވެ. ކޮންމެހެން ރައީސް ޞާލިޙަށް ކަމެއް ކޮށްދެއްވަން އުޅުއްވާ ހެނެއް، މިހާރު ލަފައެއް ނުކުރެވެއެވެ.

ރައީސް ޞާލިޙު ކިބައިންވެސް މިފަހަކުން، ޖޭޕީއަށް ނިސްބަތްވާ ގޮތަށް މަލާމާތުގެ މޭރުމަކުން ވާހަކފުޅު ދައްކަވާފައިވެއެވެ. އިދިކޮޅު ޕީއެންސީ ފިޔަވައި ދެން ތިބީ ޕާޓީތަކަކީ ރިޔާސީ އިންތިޚާބު ދެވަނަ ބުރަަކަށް ގެންގޮސް، ވޯޓު ބައިބައިކުރުމަށް އިންތިޚާބަށް ނުކުމެ ތިބި ސިޔާސީ ފަރާތްތައް ކަމަށް ރައީސް ޞާލިޙް އިއްޔެ ވަނީ ވިދާޅުވެފައެވެ. ކެމްޕޭނުގައި ބ. ފެހެންދުއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރަައީސް ޞާލިޙް ވިދާޅުވެފައިވަނީ، އެ ޕާޓީތަކުގެ ބޭނުމަކީ ދެވަނަ ބުރެއްގައި ބަޔަކާއެކު ކޯލިޝަން ހަަދައި ދެން އަންނަ ސަރުކާރެއްގައި މަޤާމުތަކެއް ހޯދުންކަމަށެވެ. އަދި އެއީ މުޅިން އަމިއްލަ މަންފާއަށް ކުރާ ކަންތައްތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު މި ވާހަކަފުޅުތައް ބިނާކުރެއްވީ ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމްއަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ. އެހެނީ، އިންތިޚާބަށް ނުކުތުމުގެ ކުރިން ރައީސް ކޯލިޝަަންގެ ދައުވަތު ދެއްވުމުން އެކަން ގަބޫލުނުކޮށް ވަކިން މަސައްކަތް ފެށި ދެ ޕާޓީއަކީ އެއީއެވެ. އެހެންކަމުން، އެ މަނިކުފާނުގެ ވާހަކަފުޅުންވެސް، އެ މަނިކުފާނު ދިއްކުރައްވާފައިވާ ކޯލިޝަންގެ ވަލުގައި ޤާސިމް ހިތްޕެވުމަށް އިންކާރުކުރައްވާކަން އެބަ ހާމަވެއެވެ.

ބެލެވޭ ގޮތުގައި ދެވަނަ ބުރަށް ދާނީ ރައީސް ޞާލިޙްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒުއެވެ. ޑރ. މުޢިއްޒުއަކީ ވެސް ރައީސް ޞާލިޙް ފަދައިން މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. މިވީތަނަށް އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކާ ދެކޮޅަށް ޑރ. މުޢިއްޒު ވާހަކަ ދެއްކެވި ތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި މުޢިއްޒުގެ ޙިކުމަތަކީ ކޮލިޝަން ހަދަންޖެހިއްޖެނަމަ، ކޮންމެ ޕާޓީއަކާއެކުވެސް ކޯލިޝަން ހެދުމުގެ ފުރުޞަތު ތަނަވަސް ކުރުން ކަމަށް ބެލެވިދާނެއެވެ. އެއީ މުޢިއްޒު މިދަނޑިވަޅުގައި ބޭނުންކުރައްވާ ވަރަށް މުހިއްމު ސިޔާސީ އުކުޅެއް ކަމުގައި ފާހަގަކުރެވެއެވެ.

އެހެންކަމުން، ކެކެމުންދާ ރައްދުތައް ވިރި އަނދާ ހިސާބަށް ގޮސް، މި ހިނދަށް ހުއްޓި އެފުށްމިފުޅަށް ނަޒަރެއް ހިންގާލާއިރު ޤަބޫލުކުރެވެނީ، ޤާސިމް އިބްރާހީމް، ރައީސް ޞާލިޙް ދިއްކުރައްވާފައިވާ ކޯލިޝަންގެ ވަލުގައި ނުހިއްޕަވާނެ ކަމަށެވެ. ފެންނަމުންދާ މަންޒަރުތަކުން އެންމެ ބޮޑަށް ސިފަވަނީ އެހެންނެވެ. މިއާއެކު ފާހަގަވާ އަނެއްކަމަކީ ޤާސިމް ލައްވާފައިވާ ވަރުވަރުގެ އެޑްވައިޒަރުންނާއި އެންވޯއިންނަކީ ޕީޕީއެމްއިން ވަޑައިގެންފައިވާ ބޭބޭފުޅުންނެވެ. ޕީޕީއެެމްއާ ޚާއްޞަ ގުޅުންތަކެއް އޮތް ޓީމެކެެވެ. ނަމަވެސް ބައެއް ފަރާތްތަކުން ސިފަކުރަނީ، ފަހު ގަޑީގައި ޤާސިމް ކޮންމެ ފަދަ ނިންމެވުމެއް ވެސް ނިންމަވަފާނެ ކަމަށެވެ. ރައީސް ޞާލިޙް ހުށަހަޅުއްވާ "ޑީލެއް" ގެ ސަބަބުން ރައީސް ޞާލިޙް ދިއްކުރައްވާފައިވާ ވަލުގައި ހަމަ އެންމެ ފަހު ވަގުތުވެސް ހިތްޕަވަފާނެ ކަމަށެވެ. އެހެނީ އެޑްވައިޒަރުން ވިޔަސް އެހެން ނަމެއްގައި ތިއްބެވި ބޭފުޅުން ކަމަށްވިޔަސް ޤާސިމް ނިންމަވާ ކޮންމެ ގޮތަކަށްވެސް އެބޭފުޅުން އިޙްތިރާމް ކުރައްވާނެއެވެ. އެހެންނަމަވެސް، ކޮންމެވެސް ބަޔަކު ހިތްހަމަނުޖެހިގެން ޤާސިމް ދޫކުރައްވާ މުޢިއްޒުއާ ބައިޢަތު ހިތްޕަވާނެ ކަމަށެވެ.

މިވަގުތަށް ބަލާއިރު ޤާސިމުގެ އަރިހުގައި ތިއްބެވި ބޭބޭފުޅުން ބޮޑަށް ބޭނުންފުޅު ވާނީ އެމްޑީޕީއަށް ވުރެ ޕީޕީއެމް/ޕީއެންސީއާ ދިމާއަށްދާން ކަމަށް ބެލެވެއެވެ. އަދި ޤާސިމަށް ލަފާދެއްވާނީ މުޢިއްޒުއާ ގުޅުމަށް ކަމަށްވެސް ލަފާކުރެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހިފާނެ ޔަޤީން. އެހެން އުޅެ ބަހައްޓާފަ އެންމެ ފަހު ވަޤުތު ވަލުގަ ހިފާތީ މި ޤައުމު މިހިސާބަށް މިއައީ. ޥެރިކަމަށް ކުރި މަތި ލާ ހިސާބުން އެންމެން މިކިޔަނީ ޤައުމާ ރައްޔިތުންގެ ހައްޤޭ. ޢޭގެ ކުރިން ރައްޔިތުން ތިބިތޯވެސް ބަލާ ނުލާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު