12 ފެބުރުވަރީ 2025

ރައީސް ޞާލިހް ވަނީ ޤާނޫނު އަސާސީ އާ ޚިލާފުވެފަ: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޤާނޫނު އަސާސީއާ ޚިފުވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޮޑުތިލަދުންމަތީގެ ރަށްތަކަށް ޤާސިމް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ނައިވާދޫގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޤާސިމު ވިދާޅުވީ ޤައުމުގެ ސަލާމަތާއި އަމާންކަމާއި ރައްކާތެރިކަމަށްޓަކައި ނުކުންނަވަން ޖެހުނީ ކޮރަޕްޝަން އޮތީމަ ކަމަށެވެ.

ޤާސިމް ވިދާޅުވީ، މި ސަރުކާރުން ޖޭޕީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކައިރި ކުރާ ވަރަށް އެއްވެސް ކަމެއް ވެސް ފުރިހަމަކޮށް ދެވިފައި ނުވާކަމަށާއި، މިހާރުގެ ސަރުކާރުން ޖޭޕީއަށް ދޭން ބުނެފައިވާ %25 ނުލިބޭ ކަމަށާއި ކުރީ ސަރުކާރުތަކުގައި %30 ދޭން ވައުދުވި ނަމަވެސް އެއްވެސް ސަރުކާރަކުން އެކަންކަން ކޮށްދެއްވާފައި ނުވާ ކަމަށެވެ.

ރާއްޖެއަށް ގެނެވުނު އިސްލާހީ ހެޔޮ ބަދަލް ގެނައުމަށްޓަކައި 1984 އިން ފެށިގެން މަސައްކަތް ކުރެއްވި ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖެހޭތީ އެކަމާ އުފާ ކުރައްވާ ކަމަށާއި،  ހުޅުމާލޭ މަޝްރޫއު ފުރަތަމަ ފެއްޓެވީ އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރުގައި ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ދެކޮޅު ހެއްދެވީ ޤާސިމު ކަމަށާއި، ޤާނޫނު އަސާސީ އިސްލާހް ކުރުމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ގެނައުމަށް ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީވެސް އެމަނިކުފާނު ކަމަށެވެ.

މި ސަރުކާރަށް ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ، ރައީސް ޞާލިހް ވަނީ ޤާނޫނު އަސާސީ އާ ހިލާފުވެފައިވާ ކަމަށެވެ.

ނައިވާދޫއިން އެކި ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން ނުކުމެ އޭނާ އަށް ކީ މަރުހަބާ އަދި ޖަލްސާގައި ބައިވެިރވުމަށް އައި މީހުން ދެއްކީ އެއްބައިވަންތަކަމުގެ ރީތި މިސާލެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވިސްނަންވީ އިގްތިސާދަށް އޮކްސިޖަނެއް ދޭނެ ވެރިއަކު ގެނައުމަށް ކަމަށެވެ.

އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ދަމަހައްޓާނެ ވެރިއަކު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"9 ސެޕްޓެމްބަރުގައި ރައްޔިތުން ވިސްނަންވީ އިގްތިސާދުގެ އޮކްސީޖަނަށް، ގައުމުގެ މިނިވަންކަމަށް، އިސްތިގްލާލަށް. އެކަން ދަމަހައްޓާނެ އިސްލާމީ، އިންސާފުވެރި މީހެއް ގެންނަން. ތަންދޮރު ދަންނަ މީހަކު ވިސްނާފައި، ވޯޓު ދެއްވާ."

ޤާސިމް ވިދާޅުވިއެވެ.

މިފަހަކުން ޤާސިމް އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ޤާސިމް އިބްރާހީމްގެ ކެމްޕެއިން ދަތުރުފުޅުތައް ފައްޓަވާފައިވަނީ ބޮޑު ތިލަދުންމަތިންނެވެ. ފަހަރަކު ރަށަކަށް ފަހަރަކު ރަށަކަށް ވަޑައިގެން ބުރަކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ވަރުބަލިފުޅުވެ، "ގުނބުހިލޭ" ފަހަރު ފަހަރުވެސްް އާދެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، ށ. ކަނޑިތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ބޭރު ޤައުމެއްގެ ސިފައިން ތިބިކަން އެއީ އޮޅިފައި އޮތް ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވެ ސަރުކާރަށް ހޫނު ރައްދެއް ދެއްވިއެވެ. ހަމައެހެންމެ، ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ބަންޑާރަ ނައިބު މެދުވެރިކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ މައްސަލައަކީ އެއް މައްސަލަ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން، ށ. ފީވަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށް،  ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. އަދި، ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި، އިންޑިއާއިންވެސް ގިނަ ލޯނުތަކެއް ރާއްޖެއަށް ދީފައިވާ ކަމަށް ވިދާޅުވެ، ދިވެހިންގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ބިރުވެސް މިހާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް އެހުންނެވީ ތާށިވެ، ވަރަށް ރަނގަޅަށް ފިތި ބާރުވެފައި ކަމަށާއި، އެކަމަކު އެކަން އެހިސާބަށް ދިޔައީ އެމަނިކުފާނު ކަންތައް ކުރަންވީ ގޮތާއި ޚިލާފަށް ކަންތައް ކުރެއްވީމަކަމަށް ވެސް ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށާއި، ސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށްވެސް ގިނަ ކަންކަން ކުރަމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުއްދަނެތި ރާއްޖޭގައި އިންޑިއާގެ ސިފަައިން ސަރުކާރުން ބޭއްތިއްބިކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.

ހދ. ކުމުންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، މިއީ ބޮޑު މުސީބާތެއް ފަދަ ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، މިސަރުކާރު ދަމަހައްޓަން އިތުރަށް ކުރަންޖެހޭ މަސައްކަތެއް ނޯންނާނެ ކަމަށް  ޤާސިމް ވިދާޅުވިއެވެ. ހަމައެހެންމެ، ވެރިކަން ކުރަން ނުދަންނަ މީހަކު ރައްޔިތުންގެ ވެރިޔަކަށް ހުރުމުގެ ބަދަލުގައި އިސްތިއުފާ ދެއްވަން ޤާސިމް ގޮވާލައްވައި ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މިއީ މި ދެދުވަހުގެ ވާހަކަތަކަށް ބަލާއިރު، ޤާސިމް ސަރުކާރަށް ދެއްވާފައިވާ ވިރިކެކޭފަދަ ހޫނު ރައްދުތަކެކެވެ. މީގެކުރިންވެސް ޤާސިމުގެ ހޫނު ރައްދުތައް ރައީސް ޞާލިޙަށާއި ސަރުކާރަށް ފޮނުވަމުން ދިޔައެވެ. ނަމަވެސް، މިހާރު އެމަނިކުފާނުގެ އުދާސްތައް ހުރީ މާ މަތީގައި ކަމަށް ފާހަގަވެއެވެ. އަދި ރައީސް ޞާލިޙާ ދެމެދު އޮތް ގުޅުން ވަަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ޔަޤީންވެއްޖެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު