ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދައުލަތުގެ މުދަލަށް ހަރާންކޯރުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޮޑުތިލަދުންމަތީގެ ރަށްތަކަށް ޤާސިމް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ފިނޭގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ފެނަކަ އާއި ރޯޑް ކޯޕްރޭޝަން ފަދަ ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ރަށް ޒީނަތްތެރިކޮށް ހަދަމުން އަންނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެކަން ކުރަނީ އިންތިހާބުގެ ޤާނޫނާ ހިލާފަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ދައުލަތުގެ އެއްޗިއްސަށް ހަރާންކޯރު ވަނީ، މިއީކީ އެކަން ކުރަން އޮތް ގޮތެއް ނޫން. މިއީ ހަޑި ހުތުރު އަމަލެއް، މުޑުދާރު އަމަލެއް މިއީ. މިކަންކަމުން ދިވެހި ރައްޔިތުން ސަލާމަތްވާން ޖެހޭ،"
ޤާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ރާއްޖެ އަށް އަމާންކަން ހޯދައިދީ، ދިވެހިންނަށް ތަނަވަސްކަމާއި އުފާވެރިކަމާއި ރޯޝަނީކަން ހޯދައި ދިނުމަށް ކަމަށް ވެސް، ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
"ތިޔަބޭފުޅުން ޤަބޫލު ކުރެއްވިޔަސް، ނުކުރެއްވިޔަސް މި ދެންނެވި ގޮތަށް ނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އަޅުގަނޑު ބޮޑު ވަޒީފާއެއް ހޯދުމަށް ވެސް މަސައްކަތެއް ނުކުރަން. އަޅުގަނޑު އަދާ ކުރި މަޤާމެއް އަދާ ކުރީ މި އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިއުމަށް،"
ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އެހެން މީހުންނަށް އުނދަގޫކޮށްގެން، ވަކި މީހެއްގެ ޖީބަށް ވެއްޓިގަނެގެން ހޯދި ފައިސާއެއް ވެސް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ދާ އޮހޮރުވައިގެން ލޭ އޮހޮރުވައިގެން ކުރި މަސައްކަތުން ލިބޭ އެއްޗަކުން ހަރަދުކޮށްގެން މަސައްކަތް މި ކުރަނީ،"
ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އެއް ބަޔަކު ބޭނުން ވާނީ ﷲ ގެ މަގުގައި އިހްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްގެން ލިބޭ އެއްޗެއްގެ ބޭނުންކޮށްގެން އަނބިދަރިންނަށް ކާންދީ ބޯންދީ ހަދަން ކަމަށާއި އެކަމަކު، އަނެއް ބަޔަކު ބޭނުން ވަނީ އަނގައިގެ ތެރޭގައި އޮތް "ގޮހޮރު" ދަމައިގަނެގެން ވެސް ލިބުނު އެއްޗެއް ނަގައިގަނެގެން ދާން ކަމަށް ޤާސިމް ވިދާޅުވިއެވެ. ތިމާއަށް އެހީތެރިވި، ފަރާތަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި އެމީހުން އިސް ކުރަނީ އަނިޔާކޮށް ބަޔަކު މަގުފުރައްދަން ކަމަށެވެ.
މިފަހަކުން ޤާސިމް އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ޤާސިމް އިބްރާހީމްގެ ކެމްޕެއިން ދަތުރުފުޅުތައް ފައްޓަވާފައިވަނީ ބޮޑު ތިލަދުންމަތިންނެވެ. ފަހަރަކު ރަށަކަށް ފަހަރަކު ރަށަކަށް ވަޑައިގެން ބުރަކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ވަރުބަލިފުޅުވެ، "ގުނބުހިލޭ" ފަހަރު ފަހަރުވެސްް އާދެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، ށ. ކަނޑިތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ބޭރު ޤައުމެއްގެ ސިފައިން ތިބިކަން އެއީ އޮޅިފައި އޮތް ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވެ ސަރުކާރަށް ހޫނު ރައްދެއް ދެއްވިއެވެ. ހަމައެހެންމެ، ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ބަންޑާރަ ނައިބު މެދުވެރިކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ މައްސަލައަކީ އެއް މައްސަލަ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މީގެއިތުރުން، ށ. ފީވަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށް، ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. އަދި، ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި، އިންޑިއާއިންވެސް ގިނަ ލޯނުތަކެއް ރާއްޖެއަށް ދީފައިވާ ކަމަށް ވިދާޅުވެ، ދިވެހިންގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ބިރުވެސް މިހާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙް އެހުންނެވީ ތާށިވެ، ވަރަށް ރަނގަޅަށް ފިތި ބާރުވެފައި ކަމަށާއި، އެކަމަކު އެކަން އެހިސާބަށް ދިޔައީ އެމަނިކުފާނު ކަންތައް ކުރަންވީ ގޮތާއި ޚިލާފަށް ކަންތައް ކުރެއްވީމަކަމަށް ވެސް ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގައި ކޮރަޕްޝަން މިހާރު އިންތިހާއަށް މަތިވެއްޖެ ކަމަށާއި، 3 ބިލިއަން ޑޮލަރާއި ހަމަޔަށް ދައުލަތުގެ ދަރަނި އަރައިގެން ގޮސްފައިވާ ކަމަށާއި، ސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށްވެސް ގިނަ ކަންކަން ކުރަމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުއްދަނެތި ރާއްޖޭގައި އިންޑިއާގެ ސިފަައިން ސަރުކާރުން ބޭއްތިއްބިކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.
ހދ. ކުމުންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، މިއީ ބޮޑު މުސީބާތެއް ފަދަ ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، މިސަރުކާރު ދަމަހައްޓަން އިތުރަށް ކުރަންޖެހޭ މަސައްކަތެއް ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ހަމައެހެންމެ، ވެރިކަން ކުރަން ނުދަންނަ މީހަކު ރައްޔިތުންގެ ވެރިޔަކަށް ހުރުމުގެ ބަދަލުގައި އިސްތިއުފާ ދެއްވަން ޤާސިމް ގޮވާލައްވައި ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މިއީ މި ދެދުވަހުގެ ވާހަކަތަކަށް ބަލާއިރު، ޤާސިމް ސަރުކާރަށް ދެއްވާފައިވާ ވިރިކެކޭފަދަ ހޫނު ރައްދުތަކެކެވެ. މީގެކުރިންވެސް ޤާސިމުގެ ހޫނު ރައްދުތައް ރައީސް ޞާލިޙަށާއި ސަރުކާރަށް ފޮނުވަމުން ދިޔައެވެ. ނަމަވެސް، މިހާރު އެމަނިކުފާނުގެ އުދާސްތައް ހުރީ މާ މަތީގައި ކަމަށް ފާހަގަވެއެވެ. އަދި ރައީސް ޞާލިޙާ ދެމެދު އޮތް ގުޅުން ވަަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ޔަޤީންވެއްޖެއެވެ.